Roadha Mihaaru
ރިލްވާންގެ ރިޕޯޓުގެ ސިއްރު ހިފަހައްޓާނެ: ނަޝީދު

ލީޑަރުން، ރިލްވާންގެ ރިޕޯޓުގެ ސިއްރު ހިފަހައްޓާނެ: ނަޝީދު

03 ސެޕްޓެމްބަރ 2019

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ހުރި ސިއްރު މައުލޫމާތުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ހުރި ސިއްރު މައުލޫމާތުތައް ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓުގެ ޑްރާފްޓެއް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ނަޝީދަށް ދެއްވައިފަ އެވެ. އަދި ނަޝީދު ވަނީ ރިޕޯޓުގެ ކޮޕީއެއް މަޖިލިހުގައި ހިމެނޭ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނަށް އަރުވައިފަ އެވެ.

ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައި ދިން ގޮތުގައި ލީޑަރުންނަށް ދެއްވި ޑްރާފްޓް ރިޕޯޓު ވަނީ އަތުލައިފަ އެވެ. އަދި ކޮމިޝަނަށް ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ހިމެނޭތީ ބައެއް ލީޑަރުން ވަނީ އެކަން މަޖިލިހުގެ އިދާރާއާ ހިއްސާކޮށްފަ އެވެ.

ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓު، ސުއޫދު، މަޖިލިހުގެ ރައީސްއާ ހަވާލު ކުރައްވަނީ.

ރިލްވާނާ ގުޅޭ ތަހުގީގު ރިޕޯޓު، ސުއޫދު، މަޖިލިހުގެ ރައީސްއާ ހަވާލު ކުރައްވަނީ.

އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވީ ރިޕޯޓު ލީޑަރުން އަތުން އަތުލި ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މިހާތަނަށް އައި އިރު، އޭނާގެ އަތުން އެ ތަފްސީލް ރިޕޯޓު އަތުލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިހުން ފަހުން ވަނީ ރިލްވާންގެ މައްސަލައިގެ ހުލާސާ ރިޕޯޓެއް މެމްބަރުންނަށް ދެއްވައިފަ އެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސުއޫދު އެ ރިޕޯޓް ހިއްސާ ކުރެއްވުމުން ދެން އެ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުން އަމަލުކުރަންވީ ގޮތަކާ މެދު ހިޔާލު ހޯއްދެވި ކަމަށެވެ. އެގޮތުން ސުއޫދު އެދިވަޑައިގަތީ މެމްބަރުންގެ މެދުގައި އެކަމުގައި ބަހުސެއް ކުރިއަށް ގެންދެވުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މި ރިޕޯޓު 87 މެންބަރުންނަށް ފެންނަ ގޮތަށް ދޫކުރެވޭނެ ކަމަށް،" ސުއޫދު އެކަމަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ނަޝީދު ޖަލްސާގައި ވިދާޅުވި އެވެ.

"ރިޕޯޓު އާންމު ކުރުމުން، ހިތާމަ އާއި ހިތުގެ އުދާސް. ހިތުގެ ގިލަން، ހިތާމަ އާއި ވޭން، އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތަކީ ރިލްވާންގެ މަންމަ އާއި ބައްޕަ އާއި އެ ޒުވާނާގެ އާއިލާ އާއި ގާތް ރަހްމަތްތެރިން. އަޅުގަނޑަށް އެނގޭ ރިޕޯޓުގެ ތަފްސީލާއެކުގައި ރިލްވާންގެ އާއިލާ އަށް ނުހަނު އަސަރު ކުރާނެ ކަން،"

ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކުރި ކޮމިޝަންގެ ރިޕޯޓަކީ އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން ކަމަށާއި، އޭގައިވާ މައުލޫމާތު އެކިއެކި ޝަރީއަތްތަކުގައި ހާމަވަމުންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަހުސް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ލީޑަރުންނާ ވާހަކަ ދެކެވުނު ފަހުން މުޅި ތަފުސީލީ ރިޕޯޓް މި ވަގުތަށް އެޖެންޑާކުރުން ރަނގަޅު ނޫން ކަމަށް ފެނި ހުލާސާ ރިޕޯޓެއް އެޖެންޑާކުރަން ސުއޫދު އެދިވަޑައިގަތް ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވިގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.