Roadha Mihaaru
ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި ފަރުދުންގެ ދައުރު

ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި އަމިއްލަ ފަރުދުންގެ ދައުރު

04 ސެޕްޓެމްބަރ 2019

ޕެންޝަނަށް ފައިސާ ރައްކާކުރުން ރާއްޖޭގައި ފަށާފައިވަނީ 2009 ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނު ފާސްކުރެވި އާ ޕެންޝަން ނިޒާމެއް ވުޖޫދަށް އައުމާ ހިސާބުންނެވެ. މި ނިޒާމުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ރައްކާކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖެހުނެވެ. މީގެ އިތުރުން ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ޕެންޝަނަށް ރައްކާކުރި ފައިސާއިން އެކަށީގެންވާ ޕެންޝަނެއް ނުލިބޭ މީހުން މުސްކުޅި އުމުރުގައި ފަގީރު ހާލާތުން ސަލާމަތްކުރުމުގެ މަގުސަދުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސާސީ ޕެންޝަނެއް ވެސް ފޯރުކޮށްދޭން ފެށި އެވެ.

ޕެންޝަނަށް ފައިސާ ރައްކާކުރުން ރާއްޖޭގައި ފަށާފައިވަނީ 2009 ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނު ފާސްކުރެވި އާ ޕެންޝަން ނިޒާމެއް ވުޖޫދަށް އައުމާ ހިސާބުންނެވެ. މި ނިޒާމުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ރައްކާކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖެހުނެވެ. މީގެ އިތުރުން ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޕެންޝަނަށް ފައިސާ ރައްކާ ކުރުމުގެ ފުރުސަތު ނުލިބޭ މީހުންނާއި ޕެންޝަނަށް ރައްކާކުރި ފައިސާއިން އެކަށީގެންވާ ޕެންޝަނެއް ނުލިބޭ މީހުން މުސްކުޅި އުމުރުގައި ފަގީރު ހާލާތުން ސަލާމަތްކުރުމުގެ މަގުސަދުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސާސީ ޕެންޝަނެއް ވެސް ފޯރުކޮށްދޭން ފެށި އެވެ.

މި ނިޒާމަށް އަމަލުކުރަން ފެށިއިރު އުމުރުން 65 އަަހަރު ހަމަވެފައިވާ ގިނަ އަދަދެއްގެ މީހުންނަކީ ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ޕެންޝަން ނިޒާމެއްގެ ތެރެއިން ހޯދަދީފައިވާ ބަޔަކަށް ނުވާތީ އެ އުމުރުގެ ގިނަބަޔަކު ވެގެންދިޔައީ އަސާސީ ޕެންޝަނަށް ޝަރުތު ހަމަވާ މީހުން ކަމުގަ އެވެ. މީގެ ސަބަބުން ގިނަ ބަޔަަކަށް އަސާސީ ޕެންޝަން ތައާރަފުވެގެން ދިޔައީ އެއްވެސް ވަރަކަށް ރިޓަޔަމެންޓަށް ފައިސާ ރައްކާކުރުމަކާ ނުލައި ލިބޭ އިނާޔަތެއްގެ ގޮތުގަ އެވެ.

ނަތީޖާއަކަށް ވެގެންދިޔައީ، ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެ އްކަމުގައި ގިނަ ބަޔަކު ދެކެން ފެށުމެވެ. ޕެންޝަން އޮފީހުން 2017 ވަނަ އަހަރު ހަދާފައިވާ ސާވޭގެ ބައިވެރިންގެ ތެރެއިން 53 ޕަސެންޓް މީހުން ބުނެފައި ވަނީ ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. މިއީ 2010 ވަނަ އަހަރު އެ އޮފީހުން ހެދި ބޭސްލައިން ސާވޭގެ ނަތީޖާ އަށް ބަލާ ނަމަ ވަރަށް ބޮޑު ތަން އިތުރު މިންވަރެކެވެ. ދެ ހާސް ދިހަ ވަނަ އަހަރުގެ ސާވޭގައި ރިޓަޔަމަންޓަށް ފައިސާ ރައްކާކުރުމީ ދައުލަތުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ބުނެފައި ވަނީ އެންމެ 18 ޕަސެންޓް މީހުންނެވެ.

ޕެންޝަނަށް ފައިސާ ރައްކާކުރުމާ މެދު އާންމުންގެ ވިސްނުމާ ފިކުރު މިގޮތަށް ބަދަލުވެފައިވާއިރު ރާއްޖެއަކީ މި ސަރަހައްދުގެ ނިސްބަތުން އަސާސީ ޕެންޝަންގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ފޯރުކޮށްދޭ އެއް ގައުމެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓް ކަނޑައަޅާފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި ހިމެނޭ 17،000 ވަރަކަށް މީހުންނަށް ޕެންޝަން ދިނުމަށެވެ.

ކަންމިހެން އޮތްއިރު ރާއްޖޭގެ އާބާދީގައި ހިމެނޭ މުސްކުޅި އުމުރުގެ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އުފުލެމުން ދިއުމާ އެކު އަސާސީ ޕެންޝަން ދިނުމަށް ދައުލަތުން ކުރަންޖެހޭ ހަރަދު ދާނީ އިތުރުވަމުންނެވެ. އެހެންކަމުން، އާބާދީ އަށް އަންނަ މިބަދަލަށް ބަލައި ޕެންޝަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ދުރާލާ ރާވަންޖެހެ އެވެ. މިކަމަށްޓަކައި އެޅެންއޮތް އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފައި މުސްކުޅިވާ އަބާދީ މާލީގޮތުން ރިޓަޔަމަންޓަށް ތައްޔާރުކުރުވުމެވެ.

ރިޓަޔަމަންޓަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންތައްތައް

1. ޒުވާން އުމުރުގައި ޕެންޝަނަށް ފައިސާ ރައްކާކުރަން ފެށުން.

ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަދަ ސޭވިން ސްކީމްތަކުން ކުރާ މައިގަނޑު އެއް މަސައްކަތަކީ ފަހަށް ރައްކާކުރާ ފައިސާ އިންވެސްޓްކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރުމާއި ރައްކާކުރެވޭ ފައިސާގެ އަގުހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ. އިންވެސްޓު ކުރުމުގެ އާންމު އުސޫލުތަކަށް ބަލާނަމަ އިންވެސްޓްމަންޓްތަކުގެ މަންފާ އެންމެ ފުރިހަމަގޮތުގައި ލިބެނީ ދިގުމުއްދަތަކަށް ފައިސާ އިންވެސްޓް ކޮށްގެންނެވެ. އެގޮތުން، ޒުވާން އުމުރުގައި ސްކީމަށް ފައިސާޖަމާކުރަން ފަށާ މީހުންނަށް ސްކީމަށް އަމިއްލަ އަށް ޖަމާކުރެވޭ އަދަދު އިތުރުވުމާ އެކީގައި ދިގުމުއްދަތަކަށް އެފައިސާ އިންވެސްޓްކޮށް އިންވެސްޓަމްންޓުތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ފުރުސަތު ވެސް ބޮޑެވެ އެވެ. ހާއްސަކޮށް ކޮންޕައުންޑް އިންޓްރެސްޓުގެ މަންފާ ނުވަތަ އިންވެސްޓްމަންޓުން ލިބޭ ނަފާ އަލުން އިންވެސްޓްކޮށް ދިގުމުއްދަތެއްގައި އެއަށް އިތުރު ނަފާ ހޯދަމުން ދިއުމުގެ ފުރުސަތު ލިބެއެވެ. ކޮމްޕައުންޑް އިންޓްރެސްޓްގެ އެއް އަސާސަކީ އިންވެސްޓްކޮށްގެ ލިބޭ ނަފާ އަލުން އިންވެސްޓްކޮށް އެއަށް އިތުރު ނަފާ ލިބުމެވެ.

2. އެހެނިހެން ބޭނުންތަކަށް ޕެންޝަން ފައިސާ ބޭނުން ކުރާނަމަ ޕްލޭނެއްގެ ދަށުން އެކަންކުރުން.

ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރުން ގާނޫނުން މަޖުބޫރު ކުރެވިފައިވާ މުވައްޒަފުގެ މުސާރައިގެ 14 ޕަސެންޓަކީ 20 އަހަރުގެ މުއްދަތަށް ޕެންޝަން ކޮންޓްރިބިއުޝަން ދައްކައި އެ ފައިސާ އިންވެސްޓްކޮށްގެން އެ މީހެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޕެންޝަންގެ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރެވެ. އެހެންކަމުން ޕެންޝަން ފިޔަވައި އެހެން ބޭނުންތަކަށް ސްކީމުން ފައިސާ ނަގާނަމަ ރިޓަޔަމަންޓާ ހަމައަށް ދެވޭއިރު އެކަށީގެންވާ ޕެންޝަނެއް ލިބޭ ވަރަށް ޕެންޝަން އެކައުންޓުގައި ފައިސާ ނެތުމުުގެ ފުރުސަތު ބޮޑުވެ އެވެ. ޕެންޝަން ގާނޫނުން ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ހުރި ފައިސާ ނެގޭ ހާލަތްތައް ވީހާ ވެސް މަދުކުރެވިފައި ވަނީ މި ސަބަބަށްޓަކަ އެވެ. ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ދަށުން ޕެންޝަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ގެދޮރު ގަތުމަށާއި ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެފައިވާއިރު މިފަދަ ބޭނުންތަކަށް ޕެންޝަން ފައިސާ ބޭނުން ކުރާނަމަ އުމުރުގެ ކުރީކޮޅު މިކަންކަމަށް ހާއްސަކޮށްގެން ސްކީމަށް ފައިސާ ދައްކަމުން ގެންދެވިދާނެ އެވެ.

3. ރިޓަޔަމަންޓަށް ފަހު ދިރިއުޅެން ބޭނުންވާ ގޮތުގެ ތަސައްވުރެއް ކަނޑައަޅައި އެކަން ހާސިލު ކުރަން މަސައްކަތް ކުރުން.

ރިޓަޔަމަންޓަށްފަހު ދިރިއުޅެން ބޭނުންވާ ގޮތުގެ ތަސައްވުރެއް ކަނޑައަޅައި އެކަން ހާސިލު ކުރަން މަސައްކަތް ކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ އެކަމަށް ބޭނުންވާ ފައިސާ ރައްކާކުރުމެވެ. އެގޮތުން ރިޓަޔަމަންޓް ޕެންޝަން ސްކީމު މެދުވެރިކޮށް ފައިސާ ރައްކާކުރާ ނަމަ، ސްކީމަށް ދެއްކުން ގާނޫނުން ލާޒިމު ކުރާ އަދަދަށް ފައިސާ ދައްކައިގެން ރައްކާކުރަން ބޭނުންވާ އަދަދަށް ފައިސާ ރައްކާ ނުކުރެވޭ ނަމަ އަމިއްލަ އިހުތިޔާރުގައި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ގެންދެވިދާނެ އެވެ.

މިކަންކަމަށް ސަމާލުކަން ދީގެން ޕެންޝަނަށް ފައިސާ ރައްކާކުރެވިއްޖެ ނަމަ ދައުލަތަށް ބަރޯސާވުމެއް ނެތި އަމިއްލަ އަށް ރައްކާކުރި ފައިސާއިން އެކަށޭނެ ޕެންޝަނެއް ލިބުމުގެ މަގު ފަހިވެގެންދާނެ އެވެ.