Roadha Mihaaru
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި

ޕެންޝަން އޮފީސް: ރާއްޖޭގެ އެންމެ ބޮޑު ސޭވިން ފަންޑް އިތުރަށް ފުޅާކުރުމުގައި

27 ޖެނުއަރީ 2020

ހަރުދަނާ ޕެންޝަން ނިޒާމެއް ގާއިމް ކުރުމަށް ރާއްޖެ އިން ފެށި މަސައްކަތުގައި ރިޓަޔާމަންޓް ޕެންޝަން ސްކީމް މިއަދު މިވަނީ ރާއްޖޭގެ އެންމެ ބޮޑު ސޭވިން ފަންޑަށް ވެފަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނަޑަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ އިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ. ދޮށީ އުމުރުގެ ރައްޔިތުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދޭ މިންވަރާއި އެހެނިހެން ޚަރަދުތަކަށް ފަހު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިންވެސްޓްކުރަން ލިބެ އެވެ.

ހަރުދަނާ ޕެންޝަން ނިޒާމެއް ގާއިމް ކުރުމަށް ރާއްޖެ އިން ފެށި މަސައްކަތުގައި ރިޓަޔާމަންޓް ޕެންޝަން ސްކީމް މިއަދު މިވަނީ ރާއްޖޭގެ އެންމެ ބޮޑު ސޭވިން ފަންޑަށް ވެފަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނަޑަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ އިރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ. ދޮށީ އުމުރުގެ ރައްޔިތުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައި ފޯރުކޮށްދޭ މިންވަރާއި އެހެނިހެން ޚަރަދުތަކަށް ފަހު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ އިންވެސްޓްކުރަން ލިބެ އެވެ.

ނަމަވެސް ފަހަށް ފައިސާ ރައްކާކުރާ ނިޒާމް ފުޅާވެ ބިޔަވަމުން އަންނަ އިރު ޕެންޝަން އޮފީހުގެ އަމާޒަކީ ރާއްޖޭގެ "ރިޓަޔާމަންޓް ފަންޑު" ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ހަރުދަނާ ކުރުމެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓެޑް ކުންފުނިތަކާއި ލިސްޓެޑް ސެކިއުރިޓީޒްތަކުގައި ޕެންޝަން އޮފީހުން އިންވެސްޓް ކުރުން ޕެންޝަން ގާނޫނު ހުއްދަ ކުރެ އެވެ. ޕެންޝަން ފަންޑުގައި ހުރީ އެތައް ހާސް ބަޔަކު ބުރަ މަސައްކަތް ކޮށްގެން ފަހަށް ރައްކާކުރާ ފައިސާ ކަމަށް ވާތީ އެ ފައިސާ އަމާނާތްތެރިކަމާ އެކު އިންވެސްޓް ކުރުމުގައި ރިސްކް ކުޑަކުރުމަކީ ޕެންޝަން އޮފީހުގެ އެއް މަގްސަދެވެ. އިންފްލޭޝަން ފަދަ ކަންކަމަށް ބެލުމަށް ފަހު އިންވެސްޓްމަންޓް ދެމެހެއްޓެނި ގޮތެއްގައި ރަނގަޅު ފައިދާއާ އެކު ކުރިއަށް ގެންދިއުމަށް ޕެންޝަން އޮފީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ މުސްކުޅިވާ އާބާދީ އަށް ބެލުމަށް ފަހު، ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް އެ އާބާދީ އަށް ރަނގަޅު މިންވަރެއްގެ ޕެންޝަނެއް ދެވޭނެ ގޮތްތައް އަންނަނީ ހޯދަމުންނެވެ.

ޕެންޝަން ފަންޑުން މި ވަގުތު ޑައިރެކްޓް އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ނެތް ނަމަވެސް ސަރުކާރުން ޓީ-ބިލް އާއި ޓީ-ބޮންޑް އަދި އެޗްޑީއެފްސީގެ ބޮންޑާއި ސުކޫކް ގަނެ ފަންޑުގެ ފައިދާ އަންނަނީ އިތުރު ކުރަމުންނެވެ. މީގެ އިތުރުން ފިކްސްޑް ޑިޕޮޒިޓްގެ ގޮތުގައި ކޮންމެ މަހަކު ވެސް 10 މިލިއަން ރުފިޔާ ބޭންކްތަކަށް ދޫކުރެ އެވެ. އެ ފައިސާ ވެސް ދެނީ ބިޑްކޮށްގެން އެންމެ ރަނގަޅު ފައިދާއެއް ދޭ ބޭންކަކަށެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ޕެންޝަން އޮފީހުގެ ކަސްޓޯޑިއަން ބޭންކަށް ވާތީ އެ ބޭންކާ އެކު މިފަދަ މުއާމަލާތެއް ނުހިންގެ އެވެ.

ޕެންޝަން ފަންޑުން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، އުރީދޫ އަދި ދިރާގުގެ ހިއްސާގައި ވެސް ވަރަށް ބޮޑަށް އިންވެސްޓްކޮށްފަ އެވެ. މިފަދަ ކޮންމެ އިންވެސްޓްމަންޓެއްގެ ނަތީޖާ އަކީ ޕެންޝަން ފަންޑުގެ މެންބަރުންނަށް ދުވަހެއް ދުވަހަކަށް ލިބޭ ފައިދާ އިތުރުވަމުން ދިއުމެވެ.

ޕެންޝަން ސްކީމްތަކާ ގުޅޭ މައުލޫމާތު ދެނީ. --ފައިލް ފޮޓޯ

ޕެންޝަން ސްކީމްތަކާ ގުޅޭ މައުލޫމާތު ދެނީ. --ފައިލް ފޮޓޯ

ފަންޑް ފުޅާކުރުމުގައި ހުރި ގޮންޖެހުންތައް

ޕެންޝަން ފަންޑަށް މިހާތަނަށް ގާތްގަނޑަށް 13 ބިލިއަން ރުފިޔާ ޖަމާވިއިރު މި ފައިސާ އިންވެސްޓް ކުރާނެ ދާއިރާތައް މަދުވުމަކީ ފަންޑު އިތުރަށް ފުޅާކުރަން އެޅިފައިވާ ހުރަހެކެވެ. ޑައިރެކްޓް އިންވެސްޓްމަންޓްތަކަށް ނުކުމެ ގެދޮރުގެ ވިޔަފާރި އާއި ޓޫރިޒަމް ފަދަ ދާއިރާތަކުން އިންވެސްޓްކޮށްފި ނަމަ ފަންޑުގެ ނަފާ މިހާރަށް ވުރެ އިތުރުވާނެ އެވެ. ނަމަވެސް އެކަމަށް ޕެންޝަން ގާނޫނުން ހުރަސްތަކެއް ކުރިމަތިކުރުވަ އެވެ.

ރާއްޖެއިން ބޭރުގައި އިންވެސްޓްކުރުން ހުއްދަ ނަމަވެސް އެކަން މެނޭޖްކުރުމުގައި އުނދަގޫތަކެއް މި ވަގުތު އެބަ ހުއްޓެވެ. ރުފިޔާ ޑިވެލިޔުއޭޓް ވެއްޖެ ނަމަ ފަންޑުގެ ބައިވެރިންނަށް ލިބިދާނެ ގެއްލުމަކަށް ވެސް ވިސްނަން ޖެހެ އެވެ.

ޕެންޝަން ފަންޑުން ކޮންމެ އިންވެސްޓްމަންޓެއް ކުރި ނަމަވެސް އެތަނުގެ އިންވެސްޓްމަންޓް ޓީމުން އެ އިންވެސްޓްމަންޓެއްގެ ޑިއު ޑިލިޖެންސަށް ވަރަށް ބޮޑަށް ބަލަ އެވެ. އިންވެސްޓްމަންޓެއް ކުރިއަށް ދާނީ އެކަމުގައި ހުރި ރިސްކްތަކަށް ބެލުމަށް ފަހު އިންވެސްޓްމަންޓް ކޮމިޓީގެ ހުއްދައާ އެކު ބޯޑުން ފާސްކުރުމުންނެވެ.

ޕެޝަން ފަންޑު ކޮންމެ އަހަރަކު ވެސް ބައިނަލްއަގުވާމީ އޮޑިޓަރަކު އޮޑިޓްކުރެ އެވެ. މީގެ އިތުރުން ސީއެމްޑީއޭ އިން ވެސް، ގާނޫނީ ސުޕަވައިޒަރުގެ ހައިސިއްޔަތުން، އޮޑިޓްތައް ކުރަމުން ގެންދެ އެވެ. އަދި ކަސްޓޯޑިއަންގެ ފަރާތުން ވެސް ޕެންޝަން ފަންޑު އޮޑިޓް ކުރެ އެވެ. އެހެންކަމުން ޕެންޝަން ފަންޑު ވަނީ ވަރަށް ބޮޑު ރައްކާތެރިކަމެއްގެ ތެރޭގަ އެވެ. ބޭނުން ވަނީ އެ ފަންޑުގެ އިންވެސްޓްމަންޓްތައް ފުޅާކުރެވި މެންބަރުންނަށް ލިބޭ ނަފާ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމެވެ.