Roadha Mihaaru
އެމްއެންޔޫގެ ސްކޮލަޝިޕް 27 ދަރިވަރަކަށް ދީފި

އެމްއެންޔޫގެ ސްކޮލަޝިޕް ލިބުނު 27 ދަރިވަރަކަށް ލިޔުން ދީފި

04 ސެޕްޓެމްބަރ 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޮލަޝިޕް ލިބުނު 27 ދަރިވަރަކަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޮލަޝިޕް ލިބުނު 27 ދަރިވަރަކަށް މިއަދު ލިޔުން ހަވާލުކޮށްފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއް ގައި، އަންޑާ ގްރެޖުއެޓް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދެވެ.

މިއީ، މުޅިން ހިލޭ ކިޔެވޭ ސްކޮލަޝިޕާއި ޓިއުޝަން ފީ ސްޕޮންސާ ކޮށްފައިވާ ފުރުސަތުތަކެވެ.

ހަމައެކަނި ޓިއުޝަން ފީ ސްޕޮންސާ ކޮށްފައިވާ ފުރުސަތަށް ކަނޑައަޅާފައި ވަނީ 20 ޖާގަ އެވެ. އެ އަށް 27 ދަރިވަރުން ކުރިމަތިލި ނަމަވެސް އެ ފުރުސަތު ދިނީ 19 ދަރިވަރަކަށެވެ. ހަތަރު ދަރިވަރުންނަށް ފުލް ސްކޮލަޝިޕް ދޭން ނިންމާފައިވާއިރު އެ އަށް ކުރިމަތިލީ 20 ދަރިވަރެކެވެ.

އަންޑާ ގްރެޖުއޭޓް ސްކޮލަޝިޕް ލިބޭ ދެ ދަރިވަރުންނަށް ކޯހުގެ ފީގެ އިތުރުން ކޮންމެ މަހަކު 5،000ރ. ދޭނެ އެވެ. ފޮތް ގަތުމަށް ކޮންމެ ސެމިސްޓާއަކު 5،000ރ. ދޭއިރު ސްކޮލަޝިޕްގެ ފުރަތަމަ މަހު އެސްޓަބްލިޝްމަންޓަށް 5،000ރ. ދޭނެ އެވެ.

ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ކޯސް ފީގެ އިތުރުން މަހަކު 7،000ރ. ދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު، ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ، ސަރުކާރުން ހިލޭ ޑިގްރީ އަށް ކިޔަވައިދެމުން އަންނާތީ، އެ ޔުނިވާސިޓީގެ ޓިއުޝަން ފީ ސްކޮލަޝިޕް ދިނުމާ ގުޅޭ ކަންކަން އަލުން ބަލާނެ ކަމަށެވެ.

ޔުނިވާސިޓީ ސްކޮލަޝިޕްގެ އިތުރުން ނޮވެމްބަރު ތިނެއްގެ ސްކޮލަޝިޕް ވެސް ތިން ދަރިވަރަކަށް ދީފައި ވެ އެވެ. އެ ސްކޮލަޝިޕަކީ 1999 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުން ދެމުން އަންނަ ފުރުސަތެކެވެ. އެމްއެންޔޫގެ ހަތަރު ފެކަލްޓީއަކަށް ހާއްސަ ކޮށްފައިވާ ސްކޮލަޝިޕް ދެނީ އެ ހަތަރު ފެކަލްޓީގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ކޯސް ފުރިހަމަ ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، ނަތީޖާ އެންމެ ރަނގަޅު ދަރިވަރަކަށެވެ.

އެ ދަރިވަރުންނަށް ކޮންމެ މަހަކު ވެސް އެލަވަންސަކާއި ޓިއުޝަން ފީގެ ސްކޮލަޝިލް ލިބޭނެ އެވެ.