Roadha Mihaaru
"ވެމްކޯ ޓީމުން އަންހެން ވޮލީ އަށް ދިނީ އުއްމީދެއް"

ވެމްކޯ ޓީމުން އަންހެން ވޮލީ އަށް ދިނީ އުއްމީދެއް: ކޯޗު

06 ސެޕްޓެމްބަރ 2019

ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ސްރީ ލަންކާގައި ބޭއްވި 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ތިން ވަނަ ހޯދައި ރާއްޖޭގެ ކްލަބް ވެމްކޯ އިން ވަނީ މި ގައުމުގެ އަންހެން ވޮލީ އަށް އުއްމީދެއް ހޯދައިދީފައި ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ސްރީ ލަންކާގައި ބޭއްވި 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ތިން ވަނަ ހޯދައި ރާއްޖޭގެ ކްލަބް ވެމްކޯ އިން ވަނީ މި ގައުމުގެ އަންހެން ވޮލީ އަށް އުއްމީދެއް ހޯދައިދީފައި ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ލަންކާ މުބާރާތަކީ ރާއްޖޭގެ އަންހެން ކްލަބަކުން ބައިވެރިވި ފުރަތަމަ ކްލަބް މުބާރާތެވެ. އެ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވެމްކޯ ވަނީ މޮޅުވެފަ އެވެ. އަދި ބަލިވި މެޗުގައި ވެސް އިދިކޮޅުގައި އޮތް ލަންކާގެ ޓީމުތަކަށް ވަރުގަދަ ފައިޓެއް ދިނެވެ.

ވެމްކޯގެ ކޯޗު ބޭބެ "މިހާރަ"ށް ބުނީ މި މުބާރާތުގެ ސަބަބުން އަންހެން ވޮލީ ކުޅުންތެރިންނަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް މީގެ ފައިދާ ބޮޑު ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން ފުރުސަތު ނުލިބި ތިބި ބައެއް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ލިބިއްޖެ. ވޮލީގައި ރަނގަޅު ގައުމެއް ކަމަށްވާ ސްރީލަންކާގެ ހުރިހާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެލަން ލިބިއްޖެ. ތަންކޮޅެއް ވަގުތު ގިނަ ވެގެން އަދިވެސް އިތުރަށް ތައްޔާރުވެގެން ނުކުމެ މި އަށް ވުރެ ރަނގަޅު ނަތީޖާ ވެސް ހޯދުނީސް،" ކުރިން ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތްކުރި ބޭބެ ބުންޏެވެ.

މި ފަދަ ފުރުސަތުތައް އަންހެން ވޮލީ ޓީމުތަކަށް އިތުރުކޮށްފިނަމަ މީގެ ފައިދާ ވަރަށް ބޮޑުކަން ބޭބެ ފާހަގަކުރި އެވެ.

"މިއީ ވެމްކޯގެ މެނޭޖްމަންޓުން ދިވެހި އަންހެން ވޮލީ އަށް ހޯދައިދިން ރަނުގެ ފުރުސަތެއް. މިއީ އުއްމީދެއް ހޯދައިދިން މުބާރާތެއް. މި ފަދަ ފުރުސަތު ގިނަކުރިވަރަކަށް ފައިދާ ބޮޑުވާނެ،" ބޭބެ ބުންޏެވެ.

ބޭބެ ބުނީ ދެން މި މުބާރާތުގައި ރާއްޖެ އަށް ދިމާވި އަނެއް ގޮންޖެހުމަކީ އިދިކޮޅަށް ނުކުތް ހުރިހާ ޓީމެއްގައި ވެސް ތިބީ އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން ކަމަށްވެފައި އެ ކުޅުންތެރިން އޭގެ ފައިދާ ރަނގަޅަށް ނެގިއިރި، ރާއްޖެ އަށް އެގޮތަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމެވެ.

ވެމްކޯ ޓީމުގެ ކޯޗު އަހުމަދު އަދީލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެމްކޯ ޓީމުގެ ކޯޗު އަހުމަދު އަދީލް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދެ މެޗު ދެމެދުގައި ރަނގަޅު ރިކަވަރީ ވަގުތެއް ނީނދޭ. ޖެހެނީ އަނެއްކާ އަނެއް މެޗަށް އަރަން. އެހެންވެ އަސްލު ކުޅުމަށް ވެސް އަސަރުކުރި. ކުޅުންތެރިންގެ ވަރުބަލިކަމުގެ މައްސަލަ ވެސް ފެނުނު،" ބޭބެ ބުންޏެވެ.

ވެމްކޯ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ އާއި އައިމިނަތު ރިޔާޝާ އަދި މަރިޔަމް އަޒުމާ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު ހޯދި އަމިނަތު ޝަހާ ޝާމިންގެ އިތުރުން ޒުވާން އެހެން ދެ ކުޅުންތެރިން ކަމަށްވާ ހަމްނާ ހުސެއިން އަލީ ދީދީ އަދި ޝަމްހާ ރިޔާޒް ހިމެނެ އެެވެ. މީގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ނިރްމަލާ އާއި ސަރޯޖް ކުމާރީ ހިމެނެ އެވެ.

ވެމްކޯ ޓީމު އަދި ރާއްޖޭގެ ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ބުނީ އެއްވަރެއްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް މި ފަދަ މުބާރާތަކަށް ފުރަތަމަ ފަހަރު އައިސް ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް އޮތް ޓީމަކުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި މީގެ ސަބަބުން މި ކުޅުންތެރިންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

ލަންކާ މުބާރާތުގައި ރާއްޖޭން ވާދަކުރި ފިރިހެން ޓީމަކީ ގުޑީސް ސްޕޯޓްސް ކްލަބް އެވެ. މުހިއްމު ދެ ކުޅުންތެރިން ނުލައި ގުޑީސް މި މުބާރާތަށް ދާން ޖެހުމުން އެ ޓީމުގެ ތައްޔާރީތަކަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރި އެވެ. އެކަމަކު ވަރުގަދަ ޓީމުތަކާ ދެކޮޅަށް ގުޑީސް އިން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. އަދި މުބާރާތުގައި އެ ޓީމު ކުޅުނު ފަހު މެޗުން ވަނީ ނެޝަނަލް ޔޫތު ސާވިސް ކައުންސިލް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ގުޑީސްގެ ކޯޗު އަޝްރަފު އަލީ (އަޝްރާ) "މިހާރަ"ށް ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެ ޓީމުން ރަނގަޅު ފައިޓެއްދީ މޮޅަށް ކުޅުނު ކަމަށާއި ހަގީގަތުގައި މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެގެން އައިސް މާ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ބުންޏެވެ.

"ޓީމު އެކުލަވާލުމުގައި ގޮންޖެހުންތަކެއް ދިމާވި. އެކަމަކު ވެސް ލަންކާގެ އެންމެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވަރަށް ރަނގަޅަށް ކުޅެފި. އެހެންވެ މިއީ ދަށްކޮށް ދިޔަ މުބާރާތެއް ކަމަށް ނުދެކެން. ހަގީގަތުގައި މީގެ ސަަބަބުން މި ޒުވާން ކުޅުންތެރިންނަށް ފަސޭހަތަކެއްވާނެ،" އަޝްރާ ބުންޏެވެ.

ވެމްކޯ އާއި ގުޑީސް މި މުބާރާތުގައި ކުޅުނީ އެ ދެ ކްލަބުން އަމިއްލަ އަށް ހޯދި ފުރުސަތެއްގަ އެވެ. މީގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެހީތެރިކަން ފޯރުކޮށްދެނީ މެމްބަރު ކްލަބަކަށް އޮންނަ އުސޫލެއްގެ ތެރެއިން ވެދެވޭ އެހީތެރިކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.