Roadha Mihaaru
ސާއިދަށް 3 ރަން، ހިމްނާ އާއި ފަޒީލަށް ވެސް ކާމިޔާބު

ސާއިދަށް ތިން ވަނަ ރަން، ހިމްނާ އާއި ފަޒީލަށް ވެސް ކާމިޔާބު

06 ސެޕްޓެމްބަރ 2019

ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު ފިރިހެނުންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައި ހަސަން ސާއިދު މުބާރާތުގައި އޭނާގެ ތިން ވަނަ ރަން މެޑަލް ހަމަކުރިއިރު އެ އިވެންޓުގެ އަންހެން ބައި ކާމިޔާބުކޮށް އައިޝަތު ހިމްނާ ހަސަން އަދި ފިރިހެނުންގެ 10،000 މީޓަރު ދުވުން ކާމިޔާބުކޮށް ހުސެއިން ފަޒީލް ހާރޫން ދެ ވަނަ ރަން މެޑަލް ކަރުގައި އަޅުވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު ފިރިހެނުންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައި ހަސަން ސާއިދު މުބާރާތުގައި އޭނާގެ ތިން ވަނަ ރަން މެޑަލް ހަމަކުރިއިރު އެ އިވެންޓުގެ އަންހެން ބައި ކާމިޔާބުކޮށް އައިޝަތު ހިމްނާ ހަސަން އަދި ފިރިހެނުންގެ 10،000 މީޓަރު ދުވުން ކާމިޔާބުކޮށް ހުސެއިން ފަޒީލް ހާރޫން ދެ ވަނަ ރަން މެޑަލް ކަރުގައި އަޅުވައިފި އެވެ.

އިއްޔެ 100 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދި ސާއިދު މިއަދު 200 މީޓަރު ރޭސް ކާމިޔާބުކުރީ ފަސޭހަކަމާ އެކު 22.75 ސިކުންތުން ދުވެގެންނެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު އޭނާގެ ފަހަތުން ދެ ވަނަ ހޯދީ އިއްޔެ 100 މީޓަރު ދުވުމުން ތިން ވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ ސަރީސް އަހުމަދެވެ. އޭނާގެ ޓައިމިން އަކީ 23.49 ސިކުންތެވެ. މި އިވެންޓުން ތިން ވަނަ ހޯދީ 23.67 ސިކުންތުން ދުވި ތިނަދޫ ޒުވާނުންގެ ކްލަބުގެ މުހައްމަދު ޖަލާއިލެވެ.

ހިމްނާ (ކ) ރޭސް ނިންމާއިރު ނަޝާ (ވ) އަދި ސަރާ (މ) ވާދަކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިމްނާ (ކ) ރޭސް ނިންމާއިރު ނަޝާ (ވ) އަދި ސަރާ (މ) ވާދަކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުމުގެ ރެކޯޑް މިދިޔަ އަހަރު ތިން ފަހަރު އާކުރި ހިމްނާ 200 މީޓަރު ދުވުން މިއަދު ކާމިޔާބުކުރީ ވަރަށް ވާދަވެރިކޮށް ގޮސް 27.00 ސިކުންތުންނެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމަށް ދުވި ހިމްނާގެ ފަހަތުން ދެ ވަނަ ހޯދީ 0.03 ސިކުންތުގެ ތަފާތުން، 27.03 ސިކުންތުން ދުވި ދަ ބްލެކް މާލިންގެ ނަޝާ ނިޒާރެވެ. އަދި ތިން ވަނަ ހޯދީ 27.63 ސިކުންތުން ދުވި އެ ޓީމުގެ ސަރާ މަސްއޫދެވެ.

މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހޯދި ހިމްނާ އަށް، ދެ ރަން މެޑެއްޔާ އެކު މި މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަށް ސާއިދާ ވާދަކުރާނީ މިއަދު 10000 މީޓަރު ރޭސް ކާމިޔާބުކުރި ފަޒީލެވެ. ސާއިދަށް މާދަމާ 400 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އޮންނާނެ އެވެ. ފަޒީލަށް އޮންނާނީ 1500 މީޓަރު ދުވުމެވެ. ކިތަންމެ ގިނަ އިވެންޓެއްގައި ވާދަކުރި ނަމަވެސް އެއް ވަނަ އެތުލީޓް ހޮވުމުގައި ނަގާނީ އެ އެތުލީޓެއްގެ އެންމެ ނަތީޖާ ރަނގަޅު ދެ އިވެންޓެކެވެ. ހޯދާ މެޑެއްޔައް ޕޮއިންޓްދޭއިރު މުބާރާތުގެ ރެކޯޑާއި ގައުމީ ރެކޯޑަށް ބޯނަސް ލިބޭނެ އެވެ.

ފަޒީލް މިއަދު 10000 މީޓަރު ރޭސް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފަޒީލް މިއަދު 10000 މީޓަރު ރޭސް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިފައިންގެ ކްލަބުގެ ފަޒީލް މިއަދު 10000 މީޓަރު ރޭސް ކާމިޔާބުކުރީ މާބޮޑު އުދަނގުލަކާ ނުލާ 33.41 މިނެޓުންނެވެ. އެންމެ ގާތުން ވާދަކުރީ މެރެތަން އަދި ހާފް މެރެތަން ދުވުންތެރިޔާ ސިފައިންގޭގެ މުހައްމަދު ރަޝީދު (މޯޑް) އެވެ. އިއްޔެ 5000 މީޓަރު ރޭހުގައި ވެސް ފަޒީލާ ވާދަކުރި މޯޑް ރޭސް ނިންމާފައިވަނީ 34.29 މިނެޓުންނެވެ. ޒުވާން ދެ ދުވުންތެރިންގެ ފަހަތުން ތިން ވަނަ ހޯދީ އިއްޔެ 5000 މީޓަރު ދުވުމުން ވެސް ތިން ވަނަ ހޯދި ސިފައިންގެ ޓީމުގެ އަހުމަދު ޖަވާދެވެ. އޭނާ ރޭސް ނިންމީ 40.12 މިނެޓުންނެވެ. ރޭހުގައި ވާދަކުރި ރާއްޖޭގެ ހާފް މެރެތަން ރެކޯޑް ހޯލްޑަރު އަދި ކުރިން މެރެތަން ރެކޯޑް ވެސް އޮތް އަހުމަދު ޝަރަފް ވަނީ ވަކި ހިސާބަކުން ހުއްޓާލައިފަ އެވެ.

މިއަދު އެންމެ ވާދަވެރިކޮށް ދިޔަ ރޭހަކީ އަންހެނުންގެ 800 މީޓަރު ދުވުމެވެ. އިއްޔެ އަންހެނުންގެ 5000 މީޓަރު ދުވުން ކާމިޔާބުކުރި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައި އެއް ވަނަ ހޯދީ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ވަރަށް ވާދަވެރިކޮށް ގޮސް މަރީ ލީޑުގައި އޮއްވާ ޖައިޝާ ފަހު ވަގުތު ދެމިގަނެ ރޭސް ނިންމީ 2 މިނެޓު 35:64 ސިކުންތުންނެވެ. މަރީ ދެ ވަނަ އަށް ދިޔައީ 2 މިނެޓު 35:79 ސިކުންތުންނެވެ. މި ރޭހުގެ ތިން ވަނަ ހޯދީ 2 މިނެޓު 45:91 ސިކުންތުން ދުވި ކޭވައި ސްޕޯޓްސް އެކަޑަމީގެ މަރިޔަމް ޔާނާ އެވެ.

ޖާއިޝާ މިދިޔަ އަހަރުގެ މުބާރާތުގައި ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖާއިޝާ މިދިޔަ އަހަރުގެ މުބާރާތުގައި ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިރިހެނުންގެ 800 މީޓަރު ރޭސް ކާމިޔާބުކުރީ ސިފައިންގޭގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) އެވެ. އެއީ 2 މިނެޓު 00:60 ސިކުންތުން ދުވެގެންނެވެ. ރޭހުގެ ދެ ވަނަ އަކީ 2 މިނެޓު 11:62 ސިކުންތުން ދުވި ޓްރެކް އެންޑް ފީލްޑުގެ އަލީ ވިލްދާނެވެ. އަދި ތިން ވަނަ އަކީ 2 މިނެޓު 15:07 ސިކުންތުން ދުވި އިސްމާއިލް މަސޫން އަހުމަދެވެ.