Roadha Mihaaru
ސާއިދު އާއި ހަމްނާ ރަން މެޑަލް ދިފާއުކޮށްފި

ގައުމީ ކަސްރަތު މުބާރާތް: ސާއިދު އާއި ހަމްނާ ރަން މެޑަލް ދިފާއުކޮށްފި

19 ނޮވެމްބަރ 2021

ގައުމީ އެތުލެޓިކްސް މުބާރާތުގައި ހަސަން ސާއިދު އާއި އައިޝަތު ހަމްނާ ހަސަން އެންމެ ފަހުގެ ގައުމީ މުބާރާތުގައި ހޯދި މެޑަލްތައް މިފަހަރުގެ މުބާރާތުގެ ފުރަތަަމަ ދުވަހު ދިފާއުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ އެތުލެޓިކްސް މުބާރާތުގައި ހަސަން ސާއިދު އާއި އައިޝަތު ހަމްނާ ހަސަން އެންމެ ފަހުގެ ގައުމީ މުބާރާތުގައި ހޯދި މެޑަލްތައް މިފަހަރުގެ މުބާރާތުގެ ފުރަތަަމަ ދުވަހު ދިފާއުކޮށްފި އެވެ.

ސާއިދު އިއްޔެ ވަނީ 100 މީޓަރުގެ ސްޕްރިންޓްގެ ގައުމީ ޗެމްޕިއަންކަން ދިފާއުކޮށްފަ އެވެ. ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ތަމްސީލު ކުރި ސާއިދުއާ ދެކޮޅަށް ފައިނަލުގައި އެންމެ ގާތުން ވާދަ ކުރީ ސާއިދުގެ ކްލަބުގެ ވާދަކުރި ދެ އެތުލީޓުން ކަމަށްވާ އިބާދުﷲ އާދަމް އާއި ނުޖޫމް ހަސަން އެވެ. ސާއިދު ރޭސް ނިންމީ 10.63 ސިކުންތުންނެވެ. އިބާދުﷲ ރޭސް ނިންމީ 10.95 ސިކުންތުންނެވެ. ނުޖޫމް ރޭސް ނިންމީ 11.27 ސިކުންތުންނެވެ.

ފިރިހެނުންގެ 4 ގުނަ 400 މީޓަރުގެ ފައިނަލުގައި ވެސް ސާއިދު ވަނީ ދިވެހި ސިފައިންގެ ކްލބު ތަމްސީލުކޮށްފަ އެވެ. އެއްވަނަ ހޯދީ އެ ކްލަބުންނެވެ. ދެވަނަ ހޯދީ ސާއިދު ސްޕޯޓްސްއިންނެވެ. ތިންވަނަ ހޯދީ ކްލަބު ރާވެރިޔާއިންނެވެ.

އަންހެނުންގެ 100 މީޓަރުގެ ފައިނަލު ކާމިޔާބުކޮށް ހަމްނާ ވަނީ އޭނާގެ ރަން މެޑަލް ވެސް ދިފާއުކޮށްފަ އެވެ. އޭނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. ދެވަނަ ހޯދީ ކުޑަ ހުސައިން ސްޕޯޓްސް ކްލަބުގެ މަރްޔަމް ރޫޔާ އަލީ އެވެ. އޭނާ ރޭސް ނިންމީ 12.54 ސިކުންތުންނެވެ. ތިންވަނަ ހޯދީ ހަމަ އެކްލަބުގެ އަހްނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 12.88 ސިކުންތުންނެވެ.

އަންހެނުންގެ 4 ގުނަ 400 މީޓަރު ފައިނަލް ކާމިޔާބު ކުރީ ހަމްނާ ނިސްބަތްވާ ކްލަބު ރާވެރިޔާ އެވެ. ދެވަނަ ހޯދީ ކުޑަ ހުސައިން ސްޕޯޓްސް އެވެ.

ފިރިހެނުންގެ 10،000 މީޓަރު ދުވުމުން އެއްވަނަ ހޯދީ މުހައްމަދު ރަޝީދު (މޯޑް) އެވެ. އޭނާ ރޭސް ނިންމީ 35:19.50 އިންނެވެ. ދެވަނަ ހޯދި ހުސައިން ފަޒީލް ހާރޫން (ފްލޭޝް) ރޭސް ނިންމީ 35:47.64 އިންނެވެ. ތިންވަނަ ހޯދީ ޔޫސުފް އިރުފާން އެވެ. އޭނާ ރޭސް ނިންމީ 36:41.69 އިންނެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދާ މުބާރާތުގެ އިވެންޓްތައް މިއަދު ވެސް އޮންނާނެ އެވެ.