Roadha Mihaaru
އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން އެއްބަހެއް ނުވަން

އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން އެއްބަސްވެފައެއް ނުވާނެ: އާފިޔާ

10 ސެޕްޓެމްބަރ 2019

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ކުރިން ބުނެފައި ނުވާނެ ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ކުރިން ބުނެފައި ނުވާނެ ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަނީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކި ދުވަސްމަތިން އޭނާ އަށް އާފިޔާ އަނިޔާކުރި ކަމަށް ބުނެ އެވެ. އެ ދެ ދައުވާ އަށް ވެސް އޭނާ ކުރިން އޮތީ ކޯޓުގައި އެއްބަސްވެފަ އެވެ.

އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި، އާފިޔާ ކުށަށް އެއްބަސްވެފައިވާ ކަމަށް ދައުލަތުން ބުނުމުން އާފިޔާ ބުނީ އެފަދަ ބަޔާނެއް ދީފައި ނުވާނެ ކަމަށާއި އިބްތިހާލަށް އަނިޔާކުރި ކަމަށް ބުނެފައި ނުވާނެ ކަމަށެވެ.

އާފިޔާ ކުރިން ޝަރީއަތަށް ދީފައިވާ ބަޔާން ދެއްކުމުން ވެސް އޭނާ ބުނީ އެ ބަޔާނަކީ އޭނާ ދިން ބަޔާނެއް ނޫން ކަމަށެވެ. އެ ބަޔާނުގައި އާފިޔާގެ އޮތީ އާފިޔާ ސޮއިތޯ ސުވާލު ކުރުމުން އާފިޔާ ބުނީ އެ ބަޔާނުގައި އެފަދަ ބަޔާނެއްގައި އޭނާ ސޮއި ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ބަޔާނެއްގައި ސޮއިކުރަން އޭނާއަށް ދީފައި ވެސް ނެތް ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް ބުނެ އެ ދައުވާ އަށް އިންކާރު ކުރާ ކަމަށް އާފިޔާ ބުންޏެވެ.

މީގެ އިތުރުން އެ މައްސަލަ ދެން ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވެސް އާފިޔާ ބުންޏެވެ.

އާފިޔާ ކުރިން ދައުވާ އަށް އެއްބަސްވެފައި އޮތަސް، މިހާރު ދައުވާ އަށް އިންކާރު ކުރާތީ ދައުލަތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައިދޭން އެދިފަ އެވެ. މައްސަލާގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާނީ އިބްތިހާލްގެ މަރާ ގުޅިގެން ދައުވާކުރާ މައްސަލާގައި ވެސް ހުށަހަޅާފައިވާ ހެކިން ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އެ ދެ މައްސަލާގެ ޝަރީއަތް ވެސް އެއްކޮށް ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ.

އާފިޔާގެ ދިފާއީ ހެއްކެއް ހުށަހަޅަން ބޭނުންވޭތޯ އޭނާ ސުވާލު ކުރުމުން އާފިޔާ ބުނީ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީގް ހުށަހަޅަން ބޭނުންވާ ކަމަށެވެ. އޭނާ ހުށަހަޅަން ބޭނުންވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަން ސާބިތުކޮށްދޭން ކަމަށް އާފިޔާ ބުންޏެވެ.

ދައުލަތުން ބުނީ އެ ދެ މައްސަލަ ވެސް ނުނިމި ލަސްވާތީ ކަންބޮޑުވާ ކަމަށާއި އޭގެ ސަބަބުން ހެކިންގެ ހެކިބަސް ނުލިބި ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި އެއީ ކުޑަކުއްޖެއްގެ މަރާ ގުޅުންހުރި މައްސަލައަކަށް ވާތީ އެ މައްސަލަ އަވަހަށް ނިންމައިދޭން ދައުލަތުން އެދުނެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އާފިޔާ މި ވަގުތު ހުރީ ބަންދުގައި ކަމަށްވާތީ ވަކީލަކު ހަމަޖައްސަން އޭނާ އަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ކޯޓުން ކަރެކްޝަންސަށް އަންގަވާނެ ކަމަށެވެ. އަދި ދެން އެ މައްސަލަ ކުރިއަށް ގެންދަނީ އާފިޔާއަށް ދައުވާކުރާ ދެ މައްސަލަ ވެސް އެއްކޮށް ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ ދެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.

އިބްތިހާލަށް އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ އާފިޔާ އަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރިއިރު، އިބްތިހާލް މަރާލި ކަމަށް ބުނެ އާފިޔާ އަށް ކުރާ ދައުވާ އަށް ވެސް އޭނާ ފަހުން އޮތީ އިންކާރު ކޮށްފަ އެވެ. އެ މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާ ބުނެފައިވަނީ އިބްތިހާލް މަރުވި ދުވަހު އޭނާއަށް އަނިޔާކުރި ކަމަށް އެއްބަސްވެފައިވަނީ ބަޔަކު ބިރު ދެއްކުމުގެ ސަބަބުން ކަމަށެވެ.