Roadha Mihaaru
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ

ވަކީލު ބަދަލުވުމުން އާފިިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ

14 ޑިސެމްބަރ 2020

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައިި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވަކީލު ބަދަލުވުމުން ޚުލާސާ ބަޔާން ހުށަހެޅުން އިތުރަށް ފަސްކޮށް އެކަމަކު މިމަހު ފަހުކޮޅު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައިި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވަކީލު ބަދަލުވުމުން ޚުލާސާ ބަޔާން ހުށަހެޅުން އިތުރަށް ފަސްކޮށް އެކަމަކު މިމަހު ފަހުކޮޅު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އާފިިޔާގެ މައްޗަށް ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއަށް އާފިޔާ ކުރިން ކޯޓުގައި އިއުތިރާފްވެ، އެކަން ކުރި ގޮތް ތަފްސީލުކޮށް ކިޔައިދިނަސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް އާފިޔާ ކުރިން ބުނަމުން އަޔަސް، އެ މައްސަލާގައި މިދިޔަ މަހު ހުކުމް އިއްވަން ހަމަޖައްސާފައި ވަނިކޮށް އޭނާ ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން ހުކުމް އިއްވުން އޮތީ ފަސްކޮށްފަ އެވެ.

އާފިޔާއަށް ދައުލަތުގެ ޚަރަދުގައި ކުރިން ހަމަޖައްސައިދިން ވަކީލު ބަދަލުވެ، މިއަދުގެ އަޑުއެހުމުގައި އާފިޔާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ވަކީލް ހުސްނީ މުބާރަކެވެ. އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އާފިޔާގެ ވަކީލު ބަދަލުވެފައިވާތީ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ފަސް ކޮށްދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އާފިޔާގެ ވަކީލެއްގެ ގޮތުގައި ވަކީލް ހުސްނީ ގަބޫލު ކުރަންތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އެގޮތަށް ގަބޫލުކުރާ ކަމަށެވެ.

ވަކީލް ހުސްނީ ވިދާޅުވީ އޭނާއަށް އެ މައްސަލާގެ ލިޔުންތައް އަދިވެސް ނުލިބޭ ކަމަށާއި އެހެންވެ، ލިޔުންތައް ދިރާސާ ކުރުމަށް ފަހު އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތެއް ދޭން ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. އެކަމަކު ދައުލަތުން ކުރިން ޚުލާސާ ބަޔާން ހުށަހަޅާފައިވާތީ ދައުލަތުގެ ފަރާތުން އިތުރަށް ދައްކާނެ އާ ވާހަކައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ސަމީރު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު އާފިޔާއަށް ކުރިން ދީފައިވާ ކަމަށާއި އެ ފުރުސަތުގައި އާފިޔާ އަމިއްލައަށް ވާހަކަ ވެސް ދެއްކި ކަމަށެވެ. އެކަމަކު އެއީ މަރުގެ މައްސަލައަކަށް ވާތީ ވަކީލެއްގެ އެހީއާ އެކު ޚުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށާއި އެއީ އެންމެ ފަހުގެ ފުރުސަތު ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން މިމަހުގެ 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެދުވަހު އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަނޭޅިޔަސް، އިތުރު ފުރުސަތެއް އެކަމަށް ނުދެއްވާނެ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ. އަދި އެ މައްސަލާގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވާނެ ކަމަށް ވެސް ގާޒީ ސަމީރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވުމުގެ ދައުވާ ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ދައުލަތުން ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.