Roadha Mihaaru
3 ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބަހައްޓަނީ

ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބަހައްޓަން ހަވާލުކޮށްފި

17 ސެޕްޓެމްބަރ 2019

ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދެ ކުންފުންޏަކާ އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތިން ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ދެ ކުންފުންޏަކާ އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހދ. ކުޅުދުއްފުށީގަ އާއި ފުވައްމުލަކުގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ މެކްސްޓާ މޯލްޑިވްސްއާ އެވެ. އަދި މާފުށީގައި އިންސިނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ ކޮރަލް ލައިފް މޯލްޑިވްސް އާ އެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް އިން އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމް ސޮއި ކުރެއްވި އިރު ކޮރަލް ލައިފް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އުމަރު އަމީރެވެ.

މި މަޝްރޫއުތަކުގެ ދަށުން އެ ތިން ރަށުގައި ދުވާލަކު ހަތަރު ޓަނުގެ ކުނި އެންދޭނެ އިންސިނެރޭޓަރުތަކެއް ބަހައްޓާނެ އެވެ. މިތަކެތި އެ ރަށްރަށަށް ގެންދަނީ ތިލަފުށިންނެވެ. މެކްސްޓާއާ ހަވާލުކުރި ދެ މަސައްކަތް ފުރިހަމަ ކުރަން ހަތަރު މަސް ކަނޑައަޅާފައި ވާ އިރު، މާފުށީގައި އިންސިނެރޭޓަރު ބަހައްޓަން ކަނޑައަޅާފައި ވަނީ ދޮޅު މަހެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ކުޅުދުއްފުށީގަ އާއި ފުވައްމުލަކު ސިޓީގައި އިންސިނެރޭޓަރު ބަހެއްޓުމުގެ މަސައްކަތަށް 2.3 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެ އެވެ. މާފުށީގައި އިންސިނެރޭޓަރު ހަރުކުރުމުގެ މަސައްކަތަށް ކަނޑައަޅާފައި ވަނީ 1.9 ލައްކަ ރުފިޔާ އެވެ. ތިން މަޝްރޫއަށް ޖުމްލަ 6.44 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރާނެ އެވެ.

މި ރަސްމިއްޔާތުގައި ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިނިސްޓްރީން އަންނަނީ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތްކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމް ވަރަށް ކުރިއަރާފައިވާ ރަށެއް ކަމަށާއި އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ކުނީގެ މައްސަލަ ކަމަށެވެ.

"މިއީ ރާއްޖޭގެ ތިން ރަށަކަށް ކުނި ނައްތާ ނިޒާމް ގާއިމްކުރުމަށް، އެ ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ދަތިތައް ހުރީތީ، އެ ތިން ރަށަކަށް އިންސިނެރޭޓަރު މި ފޮނުވަނީ. އެއިން ކޮންމެ އިންސިނެޜޭޓަރަކީ ކޮންމެ ދުވަހަކު ހަތަރު ޓަނުގެ ކުނި ރައްކާތެރިކަމާ އެކު އަންދާ، ދެމެހެއްޓެނިވި ގޮތުގައި ހިނގޭ ނިޒާމެއް [ހުންނަ އިންސެނެރޭޓަރުތަކެއް]،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގައި ގިނަވެފައިވާ ހުރި ކުނިތައް ނައްތާލަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެތަނުން އަންނަނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.