Roadha Mihaaru

ސައިފް ކުޅުނު "ކޮކްޓެއިލް" ގެ ދެވަނަ ބައި ދަރިފުޅަށް

މީގެ ހަތް އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ކޮކްޓެއިލް" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އެ ފިލްމުގެ ބަތަލާގެ ރޯލް ސާރާ އަލީ ޚާނަށް ހުށަހަޅައިފި އެވެ.

ސައިފް ކުޅުނު "ކޮކްޓެއިލް" ގެ ދެވަނަ ބައި ދަރިފުޅަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

21 ސެޕްޓެމްބަރ 2019

މީގެ ހަތް އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ކޮކްޓެއިލް" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އެ ފިލްމުގެ ބަތަލާގެ ރޯލް ސާރާ އަލީ ޚާނަށް ހުށަހަޅައިފި އެވެ.

ޕިންކްވިލާ އިން ބުނިގޮތުގައި ސާރާގެ ބައްޕަ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީ މުހިއްމު ރޯލްތައް ކުޅުނު 2012 ގެ ރޮމޭންޓިކް ކޮމެޑީގެ ދެވަނަ ބައިގައި ސާރާ ކުޅޭނީ ދީޕިކާ ކުޅުނު ވެރޯނިކާގެ ކެރެކްޓާ އެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ހޯމީ އަދަޖާނިއާ ޑައިރެކްޓްކުރި "ކޮކްޓެއިލް" ގެ ވެރޯނިކާގެ ކެރެކްޓާއަކީ ވަރަށް މޮޑަން ބޯލްޑް ކެރެކްޓާއެކެވެ. އަދި އެ ރޯލަކީ ދީޕިކާ އަށް ވަރަށް ގިނަ ކްރިޓިކުން ތައާރީފު ވެސް ކުރި ރޯލެކެވެ.

ޕިންކްވިލާ އިން ބުނިގޮތުގައި "ކޮކްޓެއިލް 2" އަށް ސާރާ މިހާރު އެއްބަސްވެފައިވާ އިރު، މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެކަމަކު އިތުރު ތަފުސީލެއް ހިއްސާއެއް ނުކުރެ އެވެ.

ދީޕިކާ ކުޅުނު ރޯލެއް ސާރާ މިހާރު ވެސް ވަނީ ފިލްމެއްގައި ކުޅެފަ އެވެ. އެއީ 2009 ގައި ބައްޕަ ސައިފާއި ދީޕިކާ ކުޅުނު "ލަވް އާޖް ކަލް" ގެ ދެވަނަ ބައި ކަމަށް ބުނާ ފިލްމު "އާޖް ކަލް" ގަ އެވެ. އަންނަ އަހަރުގެ ފެބުއަރީ 14 ގައި ރިލީޒްކުރާ އެ ފިލްމުގައި ސާރާ ފެނިގެން ދާނީ ކާތިކް އާރިޔަންއާ އެކީގަ އެވެ.

އެ ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ އިމްތިއާޒް އަލީ އެވެ.

"ކޮކްޓެއިލް" ގެ ދެވަނަ ބައެއް ހަދާ ވާހަކަ ތިލަވެފައިވާ އިރު، އެ އެ ފިލްމުގެ ޑައިރެކްޓަރު ހޯމީގެ ކުރިއަށް އޮތް ފިލްމު "އަންގްރޭޒީ މީޑިއަމް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 20 ގަ އެވެ.

ސާރާ މި ވަގުތު އަންނަނީ އަންނަ އަހަރުގެ މެއި 1 ގައި ރިލީޒްކުރާ "ކޫލީ ނަމްބަރު 1" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމަށް ފަހު އޭނާ ފަށާނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމެއްގެ މަސައްކަތް ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.