Roadha Mihaaru
ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް ފަށައިފި

19 ސެޕްޓެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރޫޅާލައިގެން ނެގި ކަޅުވަކަރު މިސްކިތް މަރާމާތުކޮށް، އަލުން ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރޫޅާލައިގެން ނެގި ކަޅުވަކަރު މިސްކިތް މަރާމާތުކޮށް، އަލުން ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ސަލްޓަން ޕާކުގައި ކުރިން ހުރި މިސްކިތް އަލުން ރާވަނީ ދިރާގު ހެޑް އޮފީސް ކުރިން ހުރި ބިމުގަ އެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ހިރިގަލުގެ މިސްކިތް އަލުން ރޭވުމަށް މިސްކިތުގެ ބިންގާ ކޮންކްރީޓުން އަޅާފައިވާ އިރު އޭގެ މަތީގައި ފުރަތަމަ ގާ ބޭއްވެވީ ރައީސް އެވެ.

އެ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ މިދިޔަ އޮގަސްޓް މަހު މަސައްކަތް ހަވާލުކުރީ 2.9 މިލިޔަން ރުފިޔާ އަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ރަސްމިއްޔާތު

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ރަސްމިއްޔާތު

އެކުންފުންޏާ ހަވާލުކުރީ މިސްކިތާއި ހަރިންމަ ފާރާއި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމުގެ އިތުރުން ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިއާ ތައްޔާރުކުރުމެވެ.

އަދި ކަރަންޓު ވަޔަރިން އާއި އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލި ލުން ވެސް އެ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެ އެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި ކުޑަކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. އެ ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ.