Roadha Mihaaru
ކުލަަގަދަ ހަފުލާއަކާއެކު، ޒަމާނީ އޮލިމްޕަސް ހުޅުވައިފި

ކުލަަގަދަ ހަފުލާއަކާއެކު، ޒަމާނީ އޮލިމްޕަސް ހުޅުވައިފި

05 ފެބުރުއަރީ 2023

މަރާމާތު ކުރުމަށްޓަކައި ތިން އަހަރު ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ކުލަގަދަ ރަސްމިއްޔާތަކާއެކު ޒަމާނީ ފެންވަރުގެ އޮލިމްޕަސް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަރާމާތު ކުރުމަށްޓަކައި ތިން އަހަރު ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ކުލަގަދަ ރަސްމިއްޔާތަކާއެކު ޒަމާނީ ފެންވަރުގެ އޮލިމްޕަސް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ.

ރޭގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރަތް ދޫލައިގައި ވަޑައިގަންނަވަނީ ---ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ރަތް ދޫލައިގައި ވަޑައިގަންނަވަނީ ---ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، ނެޝަނަލް ސެންޓަ ފޯ އާޓްސް (އެންސީއޭ) އާ އޮލިމްޕަސްގެ ހިންގުން 2019 ވަނަ އަހަރު ހަވާލުކުރި އިރު، އެތަން އެ ތަން ހުރީ ވަރަށް ބޮޑަށް ބާވެ، ބޮޑު މަރާމާތަކަށް ބޭނުންވެފަ އެވެ.

އެހެންވެ، އެންސީއޭ އިން އެ ތަނުގެ އެސެސްމެންޓުތައް ހެދުމަށް ފަހު، މަރާމާތުކުރުމަށްޓަކައި އޭރު އޮލިމްޕަސް ބަންދުކުރި އެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަގަކީ 8 މިލިއަން ރުފިޔާ އެވެ.

ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން އާޓްސް، ކަލްޗާ އަދި ހެރިޓެޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އޮލިމްޕަހަކީ ދުވަސްވީ އިމާރާތަކަށް ވުމާއެކު އެ އިމާރާތަށް މާބޮޑު ބަދަލުތައް ނުގެނެސް، އެތަނުގެ އެތެރެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާނެ ކަމަށެވެ.

"އޮލިމްޕަސް ސިނަމާގެ މަސައްކަތް ލަސްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ބޭރުން ތަކެތި ގެނެވުމުގައި ދިމާވި ދަތިތަކެއް،" ޔުމްނާ ވިދާޅުވި އެވެ.

އޮލިމްޕަސް ސިނަމާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި، އިންޑިއާ ސަފީރު މުނޫ މަހާރް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ރައީސް އޮފީސް

އޮލިމްޕަސް ސިނަމާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި، އިންޑިއާ ސަފީރު މުނޫ މަހާރް އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި، އޮލިމްޕަހަކީ އަބަދުވެސް ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ ތަނެކެވެ. އެއީ ސަރަހައްދީ ގައުމުތަކާ އޮންނަ ގުޅުން ގާއިމްކޮށްދޭ ތަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުނޫ މަހާރް ވިދާޅުވީ އޮލިމްޕަސް އަލުން މަރާމާތު ކުރުމުގެ މަޝްރޫއަކީ މިހާރު އިންޑިއާ އާއި ރާއްޖެއާ ގުޅިގެން ހިންގާ އިޖްތިމާއީ-އިގްތިސާދީ މަޝްރޫއުތަކުގެ ރަނގަޅު ނަމޫނާއެއް ކަމަށެވެ.

"އަލުން މަރާމާތުކޮށްފައިވާ އޮލިމްޕަސް ތިއޭޓަ އަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ނިޝާނެއް،" މުނޫ ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި، މިހާރު ދުނިޔޭގަ ނެތް ފަންނުވެރިންގެ ހަނދާނުގައި ދިން ޓްރިބިއުޓްގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތުގައި، މިހާރު ދުނިޔޭގަ ނެތް ފަންނުވެރިންގެ ހަނދާނުގައި ދިން ޓްރިބިއުޓްގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް

އޮލިމްޕަސް ސިނަމާ އަލުން ހުޅުވީ، ކުރިން އެ ތަނުގައި ބޭނުންކުރި މަލްޓި މީޑިއާ ޕްރޮޖެކްޓަރުގެ ބަދަލުގައި ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއެކު އެވެ. ކުރީގެ 2.1 ސައުންޑްގެ ބަދަލުގައި މިހާރު ބޭނުންކުރާނީ ޑޮލްބީ 7.1 ސަރައުންޑް ސިސްޓަމެކެވެ. ސްޓެޖް ޑްރާމާތަކާއި މިއުޒިކް އަދި ނެށުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް، ސިނަމާގެ ސްޓޭޖްގައި ވަނީ ސައުންޑާއި ލައިޓިން ހަރުކޮށްފަ އެވެ.

ސިނަމާ ހޯލްގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއެކު މިއުޒިކް ޕްރެކްޓިސް ކުރާނެ ތިން ކޮޓަރި ނަށަން ދަސްކުރެވޭނެ ހާއްސަ ހޯލެއް ވެސް މިހާރު އެބަހުއްޓެވެ.

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ވެޓަރަން ލަވަކިޔުންތެރިޔާ އަބްދުﷲ ރައޫފް، ފަންނުވެރިންގެ ޓްރިބިއުޓްގައި ލަވަ ހުށަހަޅައިދެނީ ---ފޮޓޯ: ރައީސް އޮފީސް

ރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ވެޓަރަން ލަވަކިޔުންތެރިޔާ އަބްދުﷲ ރައޫފް، ފަންނުވެރިންގެ ޓްރިބިއުޓްގައި ލަވަ ހުށަހަޅައިދެނީ ---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފާހަގަކޮށްލެވޭ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންގެ ރީތި ލަވަތަކުގެ އިތުރުން، ފިލްމު އެސޯސިއޭޝަންގެ ފަރާތުން "އަހަރެންގެ އޮލިމްޕަސް" ނަމުގައި ދިވެހި ފަންނާނުންގެ ސްޓޭޖް ތަމްސީލެއް ވެސް ރޭ ހުށަހެޅި އެވެ. އަދި ދާއިރާގައި ގިނަ ދުވަހު ހިދުމަތްކޮށް، މިހާރު ވަކިވެފައިވާ ބައެއް ފަންނާނުންނާއި ލަވަކިޔުންތެރިންގެ އިތުރުން ބޭންޑުތަކަށް ދިން ހާއްސަ ޓްރިބިއުޓް ފާހަގަކޮށްލެވެ އެވެ.

އެ ހަފުލާ ނިންމައިލީ އިންޑިއާގެ ބޭންޑެއް ކަމަށްވާ "އަރިނުދް ވަރުމާ ކަލެކްޓިވް" ގެ ކްލެސިކަލް އިންޑިއަން މިއުޒިކް ހިމެނޭ ލަވަތަކަކުންނެވެ.