Roadha Mihaaru
ރާއްޖެ އަށް ޓޫރިސްޓުން ގެންނަ ތޯމަސް ކުކް ބަނގުރޫޓު!

ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ތޯމަސް ކުކް އިނދަޖެހި ގޮތް ހުސްވެއްޖެ

22 ސެޕްޓެމްބަރ 2019

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އިނގިރޭސިވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ތޯމަސް ކުކް އިނދަޖެހި، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ އިނގިރޭސިވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ތޯމަސް ކުކް އިނދަޖެހި، ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބީބީސީގައިވާ ގޮތުން އެ ކުންފުންޏަށް ދެން ސަލާމަތް ވެވެން އޮތީ 200 މިލިއަން ޕައުންޑް ދައްކައިގެންނެވެ. މި ފައިސާ ދައްކަންޖެހެނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮޓެލް ޗެއިންތަކާއި ރިސޯޓުތައް ހިންގާ ފަރާތްތަކަށެވެ. މީގެ ތެރޭގައި އެޕްރިކާގެ ގައުމެއް ކަމުގައިވާ ޓިއުނީޝިޔާ ގިނަ އަދަދެއްގެ ހޮޓާތައް ހިމެނެ އެވެ.

މިކަމާ ގުޅިގެން ތޯމަސް ކުކްގެ ގިނަ ކަސްޓަމަރުންތަކެއް ސޯޝަލް މީޑިޔާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަންބޮޑުވުންތަކާ ގުޅިގެން އެ ކުންފުނިން ބުނީ ތޯމަސް ކުކްގެ ފްލައިޓްތަކުގެ ދަތުރުތައް ނޯމަލް އޮޕަރޭޝަންގައި އަދި ކުރިއަށްދާނެ ކަމަށެވެ.

ފައިސާ ނުދައްކާތީ ޓޫރިސްޓުންނަށް ހޮޓާތަކުން ނުނިކުމެވި

ޓިއުނީޝިޔާގެ ރިސޯޓެއް ކަމަށްވާ "ލެސް އޮރެޖާސް ބީޗް" އަށް ތޯމަސް ކުކް އިން ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭތީ އެ ރިސޯޓުން ވަނީ ތޯމަސް ކުކް މެދުވެރިކޮށް އެ ރިސޯޓަށް ދިޔަ ގިނަ ބަޔަކު ރިސޯޓުން ފުރައިގެން ދިޔަ ނުދީ ހިފަހައްޓައިފަ އެވެ. އެ ޓޫރިސްޓުން ރިސޯޓަށް ފައިސާ ދައްކާފައިވަނީ ތޯމަސް ކުކް މެދުވެރިކޮށެވެ. އެހެން ނަމަވެސް އެ ކުންފުނިން ދައްކަންޖެހޭ އެ ފައިސާ ރިސޯޓަށް ދައްކައިފައެއް ނުވެ އެވެ.

ތޯމަސް ކުކް މިހާރު އޮތް ހާލަތާ ގުޅިގެން އެހެން ހޮޓާތަކުން ވެސް ތޯމަސް ކުކް މެދުވެރިކޮށް ބުކިން ހައްދާ ގެސްޓުން ދިއުމުން، ސީދާ އެ މީހުންގެ އަތުން ފައިސާ ހޯދަން މަސައްކަތް ކުރެ އެވެ.

އިނގިރޭސިވިލާތުގައި މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓްރާސްޕޯޓް ސެލެރީޑް ސްޓާފްސް އެސޯސިއޭޝަން (ޓީއެސްއެސްއޭ) ޔޫނިއަން އިން ބުނީ ތޯމަސް ކުކް އަށް ދިމާވެފައިވާ ފައިސާގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ޓަކައި ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަދި މިހާތަނަށް އެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެއް ނުވެ އެވެ.

"ސަރުކާރުން މުވައްޒަފުންގެ ހައްގުގައި އެ ކުންފުނީގެ ހަލާތު ބަލައި، އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ. ތޯމަސް ކުކް ސަލާމަތް ކޮށްފި ނަމަ ގިނަ ވަޒީފާތަކެއް ސަލާމަތް ކުރެވޭނެ،" ޓީއެސްއެސްއޭގެ ޖެނެރަލް ސެކްރެޓަރީ މެނުއަލް ކޯޓިސް ވިދާޅުވި އެވެ.

އެ ކުންފުނިން 22،000 މުވައްޒަފުން ގެންގުޅޭ އިރު އޭގެ ތެރެއިން 9،000 މީހުންނަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންޓަށް 200 މިލިއަން ޕައުންޑްގެ އެހީތެރިކަން ފޯރުކޮށްދީގެން އެ ކުންފުނި ސަލާމަތް ކުރެވޭނެ ކަމަށް އިނގިރޭސި ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. އެ ކުންފުނީގެ މިހާރުން މިހާރަށް ކުރަންޖެހޭ ހަރަދުތައް ބަލަހައްޓާ، ޓޫރިސްޓުން ގައުމުތަކަށް ފޮނުވުމަށް 600 މިލިއަން ޕައުންޑް ވަނީ ބޭނުން ވެފަ އެވެ.

އެ ކުންފުނީގައި ހަ ލައްކަ ކަސްޓަމަރުން މި ވަގުތު ތިބި އިރު އޭގެ ތެރެއިން 150،000 މީހުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ކަސްޓަމަރުންނެވެ.

ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އަށް ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. އެ ކުންފުނި 1841 ވަނަ އަހަރު ވުޖޫވި އިރު ކުންފުންޏަށް އަހަރަކު އާމްދަނީގެ ގޮތުގައި ނުވަ ބިލިއަން ޕައުންޑް ލިބެ އެވެ. އަހަރެއްގެ މައްޗަށް 19 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދޭ އިރު އެ ކުންފުނި މެދުވެރިކޮށް 16 ގައުމެއްގެ މީހުން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރެ އެވެ.