Roadha Mihaaru
ތޯމަސް ކުކް ބަނގުރޫޓުވެ ރާއްޖޭގެ ޗުއްޓީތައް ކެންސަލް

ތޯމަސް ކުކް ބަނގުރޫޓުވެ ރާއްޖޭގެ ޗުއްޓީ ދަތުރުތައް ކެންސަލް

24 ސެޕްޓެމްބަރ 2019

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ތޯމަސް ކުކް ބަނގުރޫޓުވުމުން، އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ގިނަ ދަތުރުތަކެއް ކެންސަލްވެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އޭޖެންސީ ތޯމަސް ކުކް ބަނގުރޫޓުވުމުން، އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ގިނަ ދަތުރުތަކެއް ކެންސަލްވެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ތޯމަސް ކުކްގެ ދަރަނީގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުންފުނިން ވަނީ، އެކި މަންޒިލްތަކަށް މީހުން ހައްދާފައިވާ 150،000 ދަތުރު ކެންސަލްކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، އުމުރުން 25 އަހަރުގެ އެމީ ބްރޮމްލީ ބުނީ، އޭނާގެ ހަނީމޫން ދަތުރު ބުކް ކުރީ ތޯމަސް ކުކް މެދުވެރިކޮށް ކަމަށާއި ނަމަވެސް މިހާރު ދަތުރު ކެންސަލްވެ ގޮތް ހުސްވެފައިވާ ކަމަށެވެ.

"އަހަރެމެން ދާން ބޭނުންވި ތަނަށް ދެން ނުދެވޭނެ. ހަނީމޫނަށް ދެއްކި 7،000 ޑޮލަރުގެ ރީފަންޑު ލިބޭނެ އިރެއް ވެސް ނޭނގޭ،" އޭނާ ބުންޏެވެ.

އޭނާގެ ހަނީމޫނަށް ރާއްޖޭގެ ރިސޯޓެއް ބުކް ކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި ދެމަފިރިން ތިބީ މިދަތުރަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

"އަހަރެމެން ބޭނުންވީ ރާއްޖެ އަށް ދާން ... އެ ގައުމަށް ދިއުމަކީ އަހަރެމެންގެ ބަކެޓް ލިސްޓުގައި ހިމެނޭ ކަމެއް،" އޭނާ ބުންޏެވެ.

ދަތުރުތައް ކެންސަލް ކުރި އިރު އެކަން އެ މީހުންނަށް އެންގީ ވަރަށް ލަހުން ކަމަށާއި އެއަށްވުރެ ރަނގަޅަށް އެކަން ހަމަޖައްސަން ޖެހޭނެ ކަމަށް ބްރޮމްލީ ގަބޫލު ކުރެ އެވެ.

އިނގިރޭސިވިލާތުގެ ސްވަންސީ އަށް ނިސްބަތްވާ ނިކޯލް ބުނީ، ތޯމަސް ކުކް މެދުވެރިކޮށް ބުކިން ހައްދާފައި ވަނިކޮށް އެންމެ ފަހު ވަގުތު ކެންސަލް ވުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.

"ގިނަ ބައެއްގެ ދަތުރު ކެންސަލްވެ ގިނަ ބައެއްގެ ވަޒީފާ ގެއްލުމަކީ ވަރަށް ދެރަވާ ކަމެއް. އަދި ހާއްސަކޮށް އަހަރު ފަހުކޮޅު އަންނަ ބޮޑު ޗުއްޓީ އަށް މިހެން ދިމާވުމުން ހިތާމަކުރަން،" އޭނާ ބުންޏެވެ.

ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ދާން ރޭވި ގިނަ ބައެއްގެ ދަތުރުތައް ވެސް ވަނީ ކެންސަލްވެފަ އެވެ.

އިނގިރޭސިވިލާތުން ދިވެހި ރާއްޖެ އަށް އަންނަ ގިނަ ޓޫރިސްޓުންގެ ދަތުރުތައް ކެންސަލްވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނީ، ޓޫރިސްޓުނަށް ދިމާވާ ދަތިތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ރިސޯޓުތަކާ ގުޅައިގެން ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އަންނަ ޓޫރިސްޓުން ބަލައި އެޅޭނެ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ތޯމަސް ކުކްގައި 22،000 މުވައްޒަފުން ގެންގުޅޭ އިރު އޭގެ ތެރެއިން 9،000 މީހުންނަކީ އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންޓަށް 200 މިލިއަން ޕައުންޑް އެކި ރިސޯޓުތަކާއި ހޮޓާތަކަށް ދައްކަން ވަނީ މަޖުބޫރުވެފަ އެވެ. މީގެ އިތުރުން އެ ކުންފުނީގެ މިހާރުން މިހާރަށް ކުރަންޖެހޭ ހަރަދުތައް ބަލަހައްޓައި ޓޫރިސްޓުން ގައުމުތަކަށް ފޮނުވަން 600 މިލިއަން ޕައުންޑް ބޭނުންވެ އެވެ.

ތޯމަސް ކުކް 1841 ވަނަ އަހަރު އުފައްދައި އެންމެ ވަރުގަ އަށް ހިންގި އިރު އާމްދަނީގެ ގޮތުގައި އަހަރަކު ނުވަ ބިލިއަން ޕައުންޑް ލިބެ އެވެ. އަހަރެއްގެ މައްޗަށް 19 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދޭ އިރު އެ ކުންފުނި މެދުވެރިކޮށް 16 ގައުމެއްގެ މީހުން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރެ އެވެ.