Roadha Mihaaru
އާ ޖީއެމްއާ މަގާމު ހަވާލުކުރީ މޫދު އަޑީގައި

އާ ޖީއެމްއާ މަގާމު ހަވާލުކުރީ މޫދު އަޑީގައި

22 ސެޕްޓެމްބަރ 2019

އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ބ. މުއްދޫގައި ހިންގާ ފަސްތަރީގެ ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރަށް، މޫދުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމު ހަވާލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ބ. މުއްދޫގައި ހިންގާ ފަސްތަރީގެ ރިސޯޓުގެ އާ ޖެނެރަލް މެނޭޖަރަށް، މޫދުއަޑީގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމު ހަވާލުކޮށްފި އެވެ.

އެ ރިސޯޓް ކައިރީ އޮންނަ އަނގަފަރުގެ ފަޅު ތެރޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރިސޯޓް މެނޭޖްމަންޓުގެ 15 މީހުން ބައިވެރިވި އެވެ. ޑައިވިން ފުޅި އަޅައިގެން އެ މީހުން ތިބީ މޫދު އަޑީގައި ބަހައްޓާފައި ހުރި ގޮނޑިތަކުގައި އިށީނދެ އެވެ. ކުރިމަތީގައި، ހުދު ފޮތިގަނޑެއް އަޅާފައިވާ މޭޒެއް ހުއްޓެވެ. އެމީހުންގެ ފަހަތުގައި ރިސޯޓްގެ ނަމާއި ދިވެހި ދިދަ ހަރުކޮށްފައި ހުއްޓެވެ.

އާ ޖީއެމް އަށް މަގާމު ހަވާލުކުރުމަށް މޫދު އަޑީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ދުސިތު ތާނީ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް-- ފޮޓޯ:މުއްދޫ ރިސޯޓް

އާ ޖީއެމް އަށް މަގާމު ހަވާލުކުރުމަށް މޫދު އަޑީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ދުސިތު ތާނީ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް-- ފޮޓޯ:މުއްދޫ ރިސޯޓް

އެ ރަސްމިއްޔާތުގައި، ދުސިތު ތާނީ މޯލްޑިވްސްގެ ކުރީގެ ޖީއެމް ރޭންހޯޑް ކޯހާން ވަނީ އާ ޖީއެމް ތޯމަސް ވެބާއާ މަގާމު ހަވާލުކުރެއްވުމުގެ ގޮތުން ރަމްޒީ ތަޅުދަނޑިއެއް ހަވާލުކުރައްވައިފަ އެވެ.

އެ އިވެންޓް ކުރިއަށް ދިޔައިރު ވީޑިއޯ އާއި ފޮޓޯތައް މެދުވެރިކޮށް ރިސޯޓްގެ މުވައްޒަފުންނަށް ދިޔައީ އެ އިވެންޓް ވަގުތުން ދައްކަމުންނެވެ.

އެ ރިސޯޓްގެ ހިއުމަން ރިސޯޓް ޑިރެކްޓާ، މައުރޫފް މުހައްމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެފަދަ އިވެންޓެއް މޫދު އަޑީގައި ބޭއްވީ މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުމަށެވެ.

އާ ޖީއެމް އަށް މަގާމު ހަވާލު ކުރުމަށް މޫދު އަޑީގައި ބޭއްވި ރަސްމިއްޔާތު-- ފޮޓޯ:މުއްދޫ ރިސޯޓް

އާ ޖީއެމް އަށް މަގާމު ހަވާލު ކުރުމަށް މޫދު އަޑީގައި ބޭއްވި ރަސްމިއްޔާތު-- ފޮޓޯ:މުއްދޫ ރިސޯޓް

ނުވަދިހަ ހަތަރު ކޮޓަރީގެ ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 51 ޕަސެންޓަކީ ދިވެހިންނެވެ. އަދި 49 ޕަސެންޓް ބިދޭސީ މަސައްކަތް ކުރާއިރު އިސް މަގާމުތަކުގައި ގިނަ ދިވެހިން ތިބެ އެވެ. ގާތްގަނޑަކަށް 77 މިލިއަން ޑޮލަރު ހަރަދު ކޮށްގެން މީގެ ހަތް އަހަރެއްހާ ކުރިން ހުޅުވި ދުސިތު ތާނީ މޯލްޑިވްސް އަކީ ފަސް ތަރީގެ ރިސޯޓެކެވެ.

މޫދު އަޑީގައި ބޭއްވި މިފަދަ ފުރަތަމަ އިވެންޓަކީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެވެ. އޭގެ ފަހުން އެފަދަ އިވެންޓްތައް ދޭތެރެ ދޭތެރެއިން ބާއްވަ އެވެ. ވަރަށް ފަހުން ވަނީ ޑައިވިން ކޯހެއް ފުރިހަމަކުރި ސިފައިންނަށް ބެޖް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވެސް މޫދު އަޑީގައި ބާއްވައިފަ އެވެ.