Roadha Mihaaru
ދުސިތު ތާނީގެ މުވައްޒަފުން ނަށަމުން ރިސޯޓް ހުޅުވައިފި

ދުސިތު ތާނީގެ މުވައްޒަފުން އުފަލުން ނަށަމުން، ރިސޯޓް ހުޅުވައިފި

05 އޯގަސްޓް 2020

ޓޫރިޒަމަށް މުޅި އިގުތިސާދު ބަރޯސާވެފައި އޮތް ރާއްޖެ، ކޮވިޑް-19ގެ ބޮޑު ލޮކްޑައުންއަށް ފަހު، މިހާރު އަންނަނީ މަޑުމަޑުން ހުޅުވެމުންނެވެ. މިދިޔަ މަހުގެ 15 ގައި ބޯޑަރު ހުޅުވައިލުމާ އެކު ޓޫރިސްޓުން ވެސް މަދުމަދުން އަންނަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓޫރިޒަމަށް މުޅި އިގުތިސާދު ބަރޯސާވެފައި އޮތް ރާއްޖެ، ކޮވިޑް-19ގެ ބޮޑު ލޮކްޑައުންއަށް ފަހު، މިހާރު އަންނަނީ މަޑުމަޑުން ހުޅުވެމުންނެވެ. މިދިޔަ މަހުގެ 15 ގައި ބޯޑަރު ހުޅުވައިލުމާ އެކު ޓޫރިސްޓުން ވެސް މަދުމަދުން އަންނަން ފަށައިފި އެވެ.

ބައެއް ރިސޯޓްތަކުން ގެސްޓުންނަށް އަލުން މަރުހަބާ ކިޔަން އެކި ކަންކަން ކުރަމުން އެބަ އާދެ އެވެ. އެގޮތުން މި މަހު 1 ގައި އަލުން ހިދުމަތަށް ހުޅުވާލި ބ. އަތޮޅުގެ ދުސިތު ތާނީ މޯލްޑިވްސްގެ މުވައްޒަފުން، އެ އުފާ ހާމަކޮށްދިނީ ވީޑިއޯ ލަވައެއްގައި ނަށަމުންނެވެ.

ނުނަށަންވީ ސަބަބެއް ނެތެވެ. އުފާވެރިކަން ނުދައްކަންވީ ސަބަބެއް ވެސް ނެތެވެ. ކުރިން ނަމަ އަބަދުވެސް މެހެމާނުންނަށް ހިދުމަތް ދިނުމުގައި ދުވަހުގެ ބޮޑު ބައި ހޭދަކުރަމުން އަންނަ މުވައްޒަފުން އަތްއުރާލައިގެން ތިބޭތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އާމްދަނީ ނުލިބި، ނުވަތަ ލިބޭ އެއްޗެއް އެތައް ތަނަކުން ކުޑަވެ، ދިރިއުޅުމަށް އޭގެ ނުބައި އަސަރު ވެސް ފޯރައިފި އެވެ. އެހެންކަމުން އެ އަޑިގަނޑުން އަރައިގަތުމަށް އަލުން އާ ހިތްވަރަކާ އެކު މަސައްކަތް ފަށާއިރު، ދައްކަން މި ޖެހެނީ ވެސް އުފާވެރިކަމެވެ.

ރިސޯޓްގެ އިސް ވެރިންގެ އޮފީހުން ފެށިގެން، ވޯޓާ ސްޕޯޓްސްގެ ލޯންޗާ ހަމައަށް ވެސް މުވައްޒަފުން ދެއްކީ، ގެސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރުވެ، އެކަމުގައި އުފަލުގައި ތިބި މަންޒަރެވެ. ރިސޯޓްގެ ހުރިހާ ޑިޕާޓްމަންޓްގެ މުވައްޒަފުން ވެސް، ނެށުމާއި އުފާވެރިކަމުގައި ތިބި ތަން ވީޑިއޯ އިން ދައްކަ އެވެ.

ބ. އަތޮޅުގެ ޔުނެސްކޯ ބައޯސްފިއާ ރިޒާވްގެ ތެރޭގައި ހިމެނޭ މުއްދޫގައި ތަރައްގީކޮށްފައިވާ 94 ވިލާގެ ދުސިތު ތާނީ ރިސޯޓުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރިސޯޓްތައް ވެސް މިހާރު އަންނަނީ ހުޅުވަމުންނެވެ. ގިނަ ރިސޯޓްތަކަށް ގެސްޓުން އަންނަން ފަށާނީ އަންނަ މަހު އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގެ މިދިއަ 48 އަހަރުގެ ތެރޭގައި ވެސް ކުރިމަތިނުވާހާ ބޮޑު ވެއްޓުމެއް ތަޖުރިބާކުރަން ޖެހުނު އަހަރެކެވެ. އެކަމަކު ދުނިޔޭގައި އަދިވެސް ވަރަށް ބޮޑަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ހާލަތު ރަނގަޅުވެ، ހަމަޔަކަށް އެޅުމުން ރާއްޖޭގެ ޓޫރިޒަމަށް އޭގެ ރަނގަޅު އަސަރުކުރާނެ ކަމަށް، ތަޖުރިބާކާރުން ދެކެ އެވެ.