Roadha Mihaaru
ރިފްއަތު ރާއްޖޭގައި ނެތުމުން ޝިޔާމް ފާޑު ކިޔައިފި

ބަންޑާރަ ނައިބު ރިފްއަތު ރާއްޖޭގައި ނެތުމުން ޝިޔާމް ފާޑު ވިދާޅުވެއްޖެ

22 ސެޕްޓެމްބަރ 2019

ގާނޫނުތަކާއި ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރާ އިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނުތަކާއި ގަވައިދުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރާ އިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވި އިރު، ބޭރުގެ ގައުމުތަކުން ނިންމާ އާބިޓްރޭޝަން މައްސަލަތައް ތަންފީޒުކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ނިއު ޔޯކް ކޮންވެންޝަންގައި ސޮއިކުރެއްވުމަށް ރިފްއަތު މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންނެވި އެވެ. ރަސްމީ އެ ދަތުރަށް ފަހު، ރާއްޖެ އަށް އެނބުރި ވަޑައިގަތުމުގެ މަގުމަތީގައި ރިފްއަތު ވަނީ ސިންގަޕޫރުގައި މަޑުކުރައްވައިފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ގަވައިދުތަކާއި ގާނޫނުތައް ރިވިއުކޮށް، އިސްލާހު ކުރަމުން ދާ އިރު، މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބަންޑާރަ ނައިބު ހުންނެވީ ރޭސިން މުބާރާތެއް ބައްލަވަން އެ ގައުމުގައި ކަމަށެވެ.

ބަންޑާރަ ނައިބު ރިފްއަތު (ކ) ސިންގަޕޫރުގައި.

ބަންޑާރަ ނައިބު ރިފްއަތު (ކ) ސިންގަޕޫރުގައި.

"ގަވައިދުތައް ރިވިއުކޮށް، އިސްލާހުކޮށް ގާނޫނުތައް އިސްލާހު ކުރާ ވާހަކަ ދައްކާއިރުގައި މިކަންތައް އެންމެ އިސްކޮށް ކުރައްވަން ހުންނެވި ބޭފުޅާ މިއަދުގެ ދައުލަތުގެ ބަންޑާރަ ނައިބު އެ ހުންނެވީ ރޭސިން މުބާރާތެއް ބައްލަވަން. ގްރޯން ޕްރީ ރޭސިން ބައްލަވަން އެ ހުންނެވީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ އެފަދަ ބޭފުޅުންގެ އިހްލާސްތެރި ކަމަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެވެ. އެނގިފައިވާ ގޮތުގައި ބަންޑާރަ ނައިބު މާދަމާގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް 35 އިސްލާހެއް ގެންނަ އިރު، އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވާ އިސްލާހުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ބިލްގައި މީހުން "މަގުމަތީގައި ހިނގާފައި ދާ ގޮތުން" ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިލްގައި ދިވެހި ރައްޔިތު މީހާ މަގުމަތީގައި ހިނގާފައި ދާ ގޮތުން އެބަ ހައްޔަރު ކުރޭ. ހައްޔަރުކޮށްފައި ލައިގެން ހުރި އެއްޗެއް ވިއްޔާ އެބަ ބާލާ. މިއީތޯ އޯގާތެރި ސަރުކާރެއްގެ ސިފައަކީ؟" ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވުޖޫދަށް ގެނައި ޓެރަރިޒަމްގެ ގާނޫނުގައި ހާސިލް ނުވާނެ އެއްވެސް ކަމެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަން އުޅެނީ ސިޔާސީ ބަޔަކު ކުރާ މަސައްކަތް ހުއްޓުވަން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިސްލާހުތަކެއް ހުށަހެޅުމުގެ ބަދަލުގައި ޓެރަރިޒަމްގެ ގާނޫނު މިހާރު އޮތް ގޮތަށް ބާއްވައިގެން ވެސް ކަންކަން ހައްލު ކުރެވިދާނެ އެވެ. އިސްލާހުތައް ފާސްކޮށްގެން ސަރުކާރުން ހާސިލް ކުރަން ބޭނުންވާ އެހެން ނުބައި ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިވުމަކީ ހަމައެކަނި މީހަކު ޖަލަށް ލުމެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ސަރުކާރު އައިސްގެން މިއަދާ ހިސާބަށް ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވާނެ ހުރިހާ ކަމަކަށް މި ސަރުކާރުގެ ހިންގުން ބައްޓަން ކުރަން މަސައްކަތް ކުރަމުންދާ ތަން. މި ބިލަކީ އޭގެ ރީތި މިސާލެއް،" މި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނެއް އެކުލަވާލައި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން އެންމެ ބޮޑު މަސައްކަތް ކުރީ މިދިޔަ ސަރުކާރުން ކަމަށް ވިދާޅުވެ، ޝިޔާމް ވަނީ ކުރީގެ ސަރުކާރަށް ތައުރީފް ކުރައްވައިފަ އެވެ.