Roadha Mihaaru
ހައިދަރުއާބާދު ފުރަތަމަ ފަހަރަށް އައިޕީއެލް ހޯދައިފި

ކޯލީގެ ބެންގަލޯ ބަލިކޮށް ހައިދަރުއާބާދު ފުރަތަމަ ފަހަރަށް އައިޕީއެލް ކާމިޔާބުކޮށްފި

30 މެއި 2016

ރޯޔަލް ޗެލެންޖާސް ބެންގަލޯގެ ވަރުގަދަ ބެޓްސްމަނުން ހިފަހައްޓައި، ސަންރައިޒާސް ހައިދްރަބާދު ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރޯޔަލް ޗެލެންޖާސް ބެންގަލޯގެ ވަރުގަދަ ބެޓްސްމަނުން ހިފަހައްޓައި، ސަންރައިޒާސް ހައިދްރަބާދު ފުރަތަމަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި އެވެ.

ބެންގަލޫރުގެ ޗެންނަސްވާމީ ސްޓޭޑިއަމް ގައި އާދީއްތަ ދުވަހު ކުޅުނު ފައިނަލަކީ، މިއަހަރުގެ އައިޕީއެލް ގެ އެންމެ މޮޅު ބެޓިން ޓީމާއި އެންމެ މޮޅު ބޯލިން ޓީމުގެ ކުރިމަތިލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި، ސަންރައިޒާސްގެ ކެޕްޓަން ޑޭވިޑް ވޯނާ ވަނީ ފައިނަލުގައި ވެސް 38 ބޯޅަ އަށް 69 ލަނޑު ހަދާފަ އެވެ. އަދި ނުބައި ނުވެ، އެންމެ 15 ބޯޅަ އަށް ބެން ކަޓިންގް ހަދައިދިން 39 ލަނޑާއެކު، ސަންރައިޒާސް ވަނީ ފުރަތަމަ ކުޅެން އަރައި، ހަތް ވިކެޓަށް 208 ލަނޑު ހަދާފަ އެވެ.

ޓީޓްވެންޓީ މެޗެއްގައި ދެ ވަނަ ފަހަރަށް ކުޅެން އަރައި 200 ލަނޑު ހެދުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ރޯޔަލް ޗެލެންޖާސް ބެންގަލޯ ވަނީ މި ސީޒަނުގައި އެކަނި ތިން ފަހަރަށް 200 ލަނޑަށް ވުރެ ގިނައިން ހަދާފަ އެވެ.

އިންޑިއާގެ ވިރާޓު ކޯލީ، ވެސްޓް އިންޑީސްގެ ކްރިސް ގޭލް އަދި ދެކުނު އެފްރިކާގެ އޭބީ ޑިވިލިއާސް ހިމެނޭ ބެންގަލޫރަށް ފައިނަލެއްގެ ޕްރެޝަރާ ކުރިމަތިވީ އެވެ. ކޯލީ އާއި ގޭލް، ބެންގަލޫރަށް ރަގަޅު ފެށުމެއް ހޯދައިދިނެވެ. ގޭލްގެ 76 ލަނޑާއެކު ބެންގަލޫރުން ވަނީ ފުރަތަމަ 10 އޯވަރުގެ ތެރޭގައި 114 ލަނޑު ހަދާފަ އެވެ.

އެކަމަކު މުބާރާތުގެ އެންމެ ވަރުގަދަ ބޯލިން ޓީމު ވަނީ ގޭލް ނުބައިވުމާ އެކު ބެންގަލޫރަށް ލަނޑު ހެދުމަށް ދަތިކޮށްފަ އެވެ. އަދި ކޯލީ އާއި ޑިވިލިއާސް ނުބައިވިއިރު ފަހު ހަތަރު އޯވަރަށް 47 ލަނޑު ހަދަން އޮތެވެ. ނަމަވެސް އޮސްޓްރޭލިއާގެ ޝޭން ވޮޓްސަން 17 ވަނަ އޯވަރުގައި ނުބައިވުމާއެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ވަނީ އައިޕީއެލް ގެ ތިންވަނަ ފައިނަލް ނާކާމިޔާބު ވެފަ އެވެ.