Roadha Mihaaru
އައިޕީއެލްގެ އޮސްޓްރޭލިއާ ކުޅުންތެރިން ރާއްޖެއަށް

އައިޕީއެލްގެ އޮސްޓްރޭލިއާ ކުޅުންތެރިން "ކަރަންޓީނަށް" ރާއްޖެއަށް

06 މެއި 2021

ޗެންނާއީ (6 މެއި) - ކޮވިޑްގެ ނުރައްކާ ބޮޑުވެ އިންޑިއާގެ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު މެދުކަނޑާލުމުން، އެ ލީގުގައި ކުޅޭ އޮސްޓްރޭލިއާގެ ކުޅުންތެރިން އެނބުރި ގައުމަށް ދާން ފަސޭހަކަށް ރާއްޖެ އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޗެންނާއީ (6 މެއި) - ކޮވިޑްގެ ނުރައްކާ ބޮޑުވެ އިންޑިއާގެ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު މެދުކަނޑާލުމުން، އެ ލީގުގައި ކުޅޭ އޮސްޓްރޭލިއާގެ ކުޅުންތެރިން އެނބުރި ގައުމަށް ދާން ފަސޭހަކަށް ރާއްޖެ އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައިޕީއެލްގެ ކްލަބުތަކުގައި އޮސްޓްރޭލިއާގެ 38 މީހަކު ހަރަކާތްތެރި ވެއެވެ. އެއީ ކުޅުންތެރިންނާއި ޓެކްނިކަލް އޮފިޝަލުން ވެސް ހިމެނޭ ގޮތަށެވެ.

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އައިޕީއެލް ވަނީ މެދުކަނޑާލައި އެވެ. އަދި އެ ލީގުގައި ކުޅެމުންދާ އޮސްޓްރޭލިއާގެ ކުޅުންތެރިން އެނބުރި ގައުމަށް ދިިއުމަށް ކްލަބުތަކުން ވަނީ ރިލީޒް ދީފަ އެވެ.

ނަމަވެސް އިންޑިއާ އިން އޮސްޓްރޭލިއާއަށް ދަތުރު ކުރެވޭކަށް ނެތެވެ. ދުނިޔޭގެ ނިސްބަތުން ވެސް ރެކޯޑް އަދަދަކަށް އިންޑިއާގައި ކޮވިޑް ފެތުރެމުން ދާތީ، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އިންޑިއާ އިން އޮސްޓްރޭލިއާއަށް ދަތުރުކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފަ އެެވެ. އޮސްޓްރޭލިއާގެ ސަރުކާރުން ބުނެފައި ވަނީ އިންޑިއާ އިން އޮސްޓްރޭލިއާއަށް ދަތުރުކުރާ މީހުން ބޮޑު އަދަދުން ޖޫރިމަނާ ކުރުން ނުވަތަ ޖަލަށް ލުން ފަދަ އަދަބުތައް ދޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ކްރިކެޓް ފެޑްރޭޝަންގެ ސީއީއޯ ނިކް ހޮކްލީ ވިދާޅުވީ، ސަރުކާރުން އަޅާފައިވާ ފިޔަވަޅުގައި ކްރިކެޓް ކުޅުންތެރިން އިސްތިސްނާ ވާނެ ގޮތެއް ނެތް ކަމަށެވެ.

އޮސްޓްރޭލިއާގެ ތިން ކުޅުންތެރިން ކަމަށްވާ، އެޑަމް ޒަމްޕާ، ކޭން ރިޗަޑްސަން އަދި އެންޑްރޫ ޓައި ވަނީ، މިދިޔަ މަހު ފަހު ކޮޅު އިންޑިއާއިން އޮސްޓްރޭލިއާއަށް ގޮސްފަ އެވެ. ނަމަވެސް އޭރު އޮސްޓްރޭލިއާއިން އެ ފިޔަވަޅު ތަންފީޒު ނުކުރާތީ އެ ކުޅުންތެރިން ވަނީ ބޮޑު އަދަބުން ސަލާމަތް ވެފަ އެވެ.

ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުން، އޮސްޓްރޭލިއާ އަށް ދިއުމުގެ ކުރިން ރާއްޖެ ނުވަތަ ލަންކާގައި ދުވަސްތަކެއް ހޭދަ ކުރުމަށް ރާވަމުންދާ ކަމަށް ބީބީސީ ސްޕޯޓްސްއިން ބުނެ އެވެ. ޓޫރިސްޓެއްގެ ގޮތުގައި ރާއްޖޭގެ ރިސޯޓަކަށް ޒިޔާރަތް ކުރާ ނަމަ ކަރަންޓީނުވާކަށް ނުޖެހެ އެވެ.

ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިން ރާއްޖެއަށް ނުވަތަ ލަންކާއަށް ދަތުރުކުރާނެ ކަމަށް ވެސް ބީބީސީން ރިޕޯޓް ކޮށްފައިވެ އެވެ. އައިޕީއެލްގައި މަސައްކަތްކުރާ އޮސްޓްރޭލިއާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ، ޗެންނާއީ ސުޕަ ކިންގްސްގެ ބެޓިން ކޯޗް މައިކް ހަސީ އެވެ. އެހެންވެ އޭނާއަށް ވަނީ އިންޑިއާގައި 10 ދުވަހަށް ކަރަންޓީން ވާން ޖެހިފަ އެވެ.