Roadha Mihaaru
ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުން ކުށަކަށް ހަދަނީ

ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހަދަނީ

28 ސެޕްޓެމްބަރ 2019

ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހަދައި އެފަދަ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ބިލް ދިރާސާ ކުރި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހަދައި އެފަދަ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ބިލް ދިރާސާ ކުރި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ޓެރަރިޒަމްގެ ބިލް ހުށަހެޅި އިރު، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ބިލްގައި ހިމަނާފައިވެ އެވެ.

ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި، ބިލްގައި އަލަށް ހިމެނި އެއް ބަޔަކީ ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހެދުމަށެވެ. އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ބިލްގައި އަލަށް ހިމެނި މާއްދާގައި ބުނެފައިވެ އެވެ.

ކޮމިޓީން ބިލް ދިރާސާ ކުރި އިރު، ކުށުގެ އަދަބުތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ބިލް މަޖިލިހަށް ހުށަހެޅި އިރު، އޮތީ ހަނގުރާމައަށް ދާ މީހެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އެކަމަކު، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކުށެއްގެ ގޮތުގައި ބިލްގައި އޮތީ ކުރިން ހިމަނައިފަ އެވެ. އެކަމަކު، ބިލަށް ބަދަލު ގެނައި އިރު، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު، ހަނގުރާމަ އަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. އެކަމަކު، ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލު ގެނައި އިރު، އެފަދަ ކުށްތައް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށް ފަހު، ކަމާ ބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރު ކުރުމަކީ ބިލްގައިވާ ގޮތުން ކުށެކެވެ. ބިލް މަޖިލިހަށް ހުށަހެޅި އިރު، އެ ކުށް ކުރި މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ. ކުރިން ބިލްގައި އޮތީ އެ ކުށް ކުރި މީހެއްގެ އަދަބަކަށް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅަން ޓެރަރިޒަމްގެ ބިލްގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.