ރާއްޖޭގެ ރައްޔިތުންގެ "ލޭ ހުއްދަ" ކުރަން ގޮވަމުންދާ އިރު، ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
22 އޮކްޓޯބަރ 2019
ރާއްޖޭގެ ރައްޔިތުންގެ "ލޭ ހުއްދަ" ކުރަން ގޮވަމުންދާ އިރު، ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް ރަށްރަށުގައި ހަފްތާ ބަންދާ ދިމާކޮށް އެއްވުންތައް ދަނީ ބާއްވަމުންނެވެ. އަދި އެމްޑީއެންގެ ވެރިން ދަން ޖައްސައި މަރަން ބައެއް އެއްވުންތަކުގައި ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ބާއްވާ އެއްވުންތަކުގައި މިފަދަ ގޮވާލުންތަކާ ގުޅިގެން، ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ އިމްރާން ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ނަޝީދު މީގެ ކުރިން ވެސް ފާޅު ކުރެއްވި އެވެ.
އެކަމަކު މީހުން މަރަން ގޮވާލުމާއި އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާއި އެފަދަ އަމަލުތަކަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ގައުމުގައި ބޮޑުވެފައިވާ ދަނޑިވަޅުގައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި ބުނާ ދެ މީހަކު ސީރިއާ އަށް ފޮނުވަން މީހުން ތައްޔާރު ކުރި ކަމަށް ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލައިގައި ހެކި ބަސް ދިން މީހަކު ބުނެފައިވާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަނެއްކާ ވެސް އަޑު އިވިގެން ދަނީ "ލޭ ހުއްދަކުރަން" ގޮވާ ވާހަކަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މީގެ ކުރިން އއ. ތޮއްޑު އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ. --- ފޮޓޯ: މަޖިލިސް
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މުޒާހަރާ ރާވައި ހިންގަނީ އެއް ބައެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ ވާހަކަފުޅަށް ފަހު، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ބައެއް ކަން ކަން ވަނީ ވިދާޅުވެފަ އެވެ.
ސީރިއާ އަށް މީހުން ފޮނުވާ މައްސަލަ ސަރުކާރުން ތަހުގީގު ކުރަމުންދާތީ އެކަމާ ހިޔަނި އަޅަން ވެގެން އެމީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. އެމީހުންގެ ބޭނުމަކީ އެހެން ރިޕޯޓެއްގެ ވާހަކަ ދައްކައިގެން މިސްރާބު ބަދަލު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަން އެއްވެސް ޝައްކެއް ނެތެވެ. އަދި ހުރިހާ ދިވެހިން ވެސް އެކަމާ ހިތްހަމަނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޭދެން އެކަންކަން ވާން. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް. ހަމައެއާ އެކީގައި ލޭ ހުއްދަ ކުރާ މީހުންނާއި ހަނގުރާމަ އަށް މީހުން ފޮނުވާ ރާއްޖޭގައި އަލްގައިދާ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮފިތައް ރާވައި ހިންގާ މީހުން އަޅުގަނޑުމެންނަށް މިއުޅެނީ ތަހުގީގު ނުކުރެވިގެން. ހިފާ ހައްޔަރު ނުކުރެވިގެން،" ނަޝީދު ވިދާޅުވި އެވެ.
ހަނގުރާމަ އަށް ފޮނުވާ މީހުންގެ މައުލޫމާތު ފުލުހުންގެ އިދާރާ އަށް ލިބިފައި އޮތް އިރު، ސަރުކާރުން އެދިގެން ޓެރަރިޒަމްގެ ގާނޫނު ފާސް ކުރީ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ޗުއްޓީ އަށް ނުގޮސް، ތިޔަ މެމްބަރުން ވަނީ ބޭނުންވާ ގާނޫނުތަކަށް އިސްލާހު ގެނެސްފައި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ މިއިން އެއްވެސް ކަމަކާ ފިޔަވަޅު ނޭޅޭ ތަން. އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން،" ތިން އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
ޓެރަރިޒަމްގެ ބިލް ކޮމިޓީން ދިރާސާކުރަނީ ސިއްރުކޮށްގެން
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
އަނދިރި ދައުލަތަށް ދީލާލަދިޔަ ދީގެން ނުވާނެ: އީވާ