Roadha Mihaaru
ބިޝާމަކީ އެތައް ބަޔަކަށް އަނިޔާ ދިން މީހެއް: ތޯރިގް

ބިޝާމަކީ މަގާމުގެ ދިފާއުގައި އެތައް ބަޔަކަށް އަނިޔާ ދިން މީހެއް: ތޯރިގް

30 ސެޕްޓެމްބަރ 2019

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަކީ މަގާމުގެ ދިފާއުގައި އެތައް ބަޔަކަށް އަނިޔާ ދިން ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަކީ މަގާމުގެ ދިފާއުގައި އެތައް ބަޔަކަށް އަނިޔާ ދިން ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި މިއަދު ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ޕްރޮސެކިއުޓަ ޖެނެރަލަކީ މަގާމުގެ ދިފާއުގައި ސިޔާސީ ބޭފުޅުން އަންގަވާ ގޮތަކަށް މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެއްޖެ ނަމަ، ޓެރަރިޒަމްގެ ގާނޫނުގެ މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށެވެ.

"ޕްރޮސެކިއުޓަ ޖެނެރަލަކީ އޭރުގެ ސަރުކާރުގައި ސިޔާސީ ބޭނުމަށް ކަންކަން ކޮށްދޭން، އޭނާގެ މަގާމުގެ ދިފާއުގައި މިތަނުގައި ތިއްބެވި އެތައް ބަޔަކަށް އަނިޔާ ދިނުމަށް ބައިވެރިވި މީހެއް،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ތުހުމަތު ކުރެއްވި ގޮތުގައި ބިޝާމް މަގާމުން ވަކިނުކޮށް ބަހައްޓާފައި ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވި 13 އަހަރުގެ ޖަލު ހުކުމް މުރާޖައާކޮށްދޭން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ތޯރިގް ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަދި "ނުނިމެ" އެވެ. ސުޕްރީމް ކޯޓުން އަންގާފައި އޮތީ އެ މައްސަލަ އަލުން މުރާޖައާކޮށް މައްސަލަ އަލުން ބަލަން ކަމަށް ވިދާޅުވި އެވެ.

"މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލަކީ ހައި ކޯޓާއި ސުޕްރީމް ކޯޓުގެ މަރުހަލާގައި ދައުވާ ކުރި އިރު އެ ޕްރޮސެެސް ހިންގި މީހާ. އަދި މަޖިލިހުގެ އެތައް މެމްބަރުންނަށް ދައުވާ ކުރި އިރު، ޕްރޮސެކިއުޓަ ޖެނެރަލް ހުރި. އެހެންވީމަ، މަގާމުގެ ބޭނުމަށް މުއައްސަސާ ފުނޑާލާ މީހުން ތިބޭ ކަމަށްވާ ނަމަ، ކިތަންމެ ރީތި ގާނޫނެއް ހަދާފައި ފޮނުވިޔަކަސް ނުވާނެ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ކިތަންމެ ބާރުގަދަ ގާނޫނުތަކެއް ހެދިޔަސް، އެކަންކަން ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުން އެކަން ކުރައްވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއާ އެކު، ތޯރިގް ފާޑު ވިދާޅުވީ އޭނާގެ އެކުވެރިޔާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މަހްލޫފް އުޅުއްވަނީ އިންޑިއާ ވަޑައިގެން ހުރިހާ ފިލްމީ ތަރިންނާ އެކު ފޮޓޯ ނަންގަވައި ޓުވީޓު ކުރެއްވުމަށެވެ. އަލީ ވަހީދު އުޅުއްވަނީ "ކިޑްސް ފިއެސްޓާ" ފަދަ ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ކިތަންމެ ރަނގަޅު ގާނޫނެއް ހަދާފައި މަސްއޫލިއްޔަތު ހަވާލު ކުރިޔަސް، އެ ގާނޫނު ތަންފީޒު ކުރާނީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވަން ބޭނުންވާ ނަމަ، ކަމަށް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވަނީ އެހެން ބައެއް މިނިސްޓަރުންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފާޑު ކިޔުއްވަމުން ތޯރިގް ވިދާޅުވީ މަސްވެރިން މަސްތައް "ކަނޑަށް އުކާލާ އިރު" ޒަހާ ރާއްޖެ އިން ބޭރުގައި އުޅުއްވަނީ ޓުވީޓު ކުރެއްވުމަށް ކަމަށެވެ.

ޓެރަރިޒަމްގެ ބިލަށް އިޝަރާތް ކުރައްވައި ތޯރިގް ވިދާޅުވީ "ދީނީ މީހުންގެ ގައިގައި އަތްލުމުގެ" މަގްސަދުގައި ބިލްގެ ބޭނުން ކުރާ ނަމަ، އޭގެ ނަތީޖާ ގޯސްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ވެއްޓުނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ކުރި މަސައްކަތުން ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.