Roadha Mihaaru
ގްރީޒްމަނާ ދެމެދު މައްސަލައެއް ނެތް: މެސީ

ގްރީޒްމަނާ ދެމެދު މައްސަލައެއް ނެތް: މެސީ

03 އޮކްޓޯބަރ 2019

ބާސެލޯނާ (އޮކްޓޫބަރު 3) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާއާ ގުޅުނު އެންޓޮއިން ގްރީޒްމަންއާ އޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (އޮކްޓޫބަރު 3) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާއާ ގުޅުނު އެންޓޮއިން ގްރީޒްމަންއާ އޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާއާ ގުޅުނު ގްރީޒްމަނާއި މެސީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް މެސީ ވަނީ އެކަމުގައި ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ދެ ކުޅުންތެރިން އެކުވެގެން އެންމެ ރަނގަޅަށް ނުކުޅެވޭ ސަބަބަކީ އަނިޔާގެ ސަބަބުން އޭނާ އަށް ގިނަ ފަރިތަކުރުންތަކަކާއި މެޗުތަކެއް ގެއްލިފައިވާތީ ކަމަށް ބުންޏެވެ.

"ހަގީގަތަށް ވެސް އަހަރެމެން ދެމެދުގައި މައްސަލައެއް ނެތް. ޓީމުގެ ތެރޭގައި އޮތީ އެއްބައިވަންތަ ރޫހެއް. އެންމެން އުޅެނީ އެކަކު އަނެކަކަށް އެހީވެގެން. އަހަރެމެންނަށް މި މޮޅު އޮތީ ވަރަށް މުހިއްމުވެފައި. މިކަން ހާސިލްކުރެވުމުން ދެން ހިތްހަމަޖެހިގެން ކުރިއަށްދާންވީ،" ރޭ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި އިންޓަ އަތުން 2-1 އިން މޮޅުވި މެޗަށް ފަހު މެސީ ބުންޏެވެ.

މިދިޔަ އަހަރު ބާސެލޯނާ އަށް ބަދަލުވާން ގްރީޒްމަން ނިންމި ނިންމުން ފަހު ވަގުތު ބަދަލުކުރުމުން އެކަމާ ބާސެލޯނާގެ ކުޅުންތެރިން ހިތްހަަމަނުޖެހުނެވެ. މި ފަހަރު މެސީ ވެސް ހިމެނޭ ގޮތަށް ބާސެލޯނާގެ ގިނަ ކުޅުންތެރިން ބޭނުންވީ ޕީއެސްޖީ އަށް ކުޅޭ ނޭމާ އަލުން ގެންނާށެވެ.

އުމުރުން 28 އަހަރުގެ ގްރީޒްމަން ގެންނަން ބާސެލޯނާ އިން 135 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދެއްކި އެވެ. ބާސެލޯނާ ޖޯޒީގައި ގްރީޒްމަނަށް މިހާތަަނަށް މޮޅަށް ނުކުޅެވޭއިރު، އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ ގްރީޒްމަން އަށް ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.

މެސީ ބުނީ މި ސީޒަނުގައި މިހާތަނަށް އަނިޔާގެ ސަބަބުން އޭނާ އަށް އެންމެ ރަނގަޅަށް ނުކުޅެވޭ ކަމަށާއި ބޭނުންވަނީ ގައުމީ ޓީމުގެ މެޗުތަކަށް ދިއުމުގެ ކުރިން ކުރިއަށް އޮތް ލީގު މެޗުން ވެސް މޮޅެއް ހޯދުމަށް ކަމަށެވެ.

"ގައުމީ ޓީމުގެ މެޗުތަކަށް ދިއުމުގެ ކުރިން ހަމަޖެހިލައިގެން އޮންނަން ދެން އޮތް ސެވިއްޔާ މެޗުން ވެސް މޮޅުވާން ޖެހޭ. ދެން އެއް މެޗު ވެސް ގެއްލިއްޖިއްޔާ ވަރަށް ޕްރެޝަރު ބޮޑުވާނެ،" މެސީ ބުންޏެވެ.