Roadha Mihaaru
ބާސެލޯނާ ސަޕޯޓަރުންގެ ލޯބި މެސީ އަށް

ބާސެލޯނާ ސަޕޯޓަރުންގެ ލޯބި މެސީ އަށް

06 އެޕްރީލް 2023

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ބާސެލޯނާ ބަލިވި މެޗުގައި، އެ ޓީމުގެ ސަޕޯޓަރުން ކުރީގެ ފޯވާޑް ލިއޮނަލް މެސީ އަށް އޮތް ތާއީދު ދައްކާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ބާސެލޯނާ ބަލިވި މެޗުގައި، އެ ޓީމުގެ ސަޕޯޓަރުން ކުރީގެ ފޯވާޑް ލިއޮނަލް މެސީ އަށް އޮތް ތާއީދު ދައްކާލައިފި އެވެ.

މެސީގެ ޖާޒީ ނަމްބަރާ ގުޅުވައި، މެޗުގެ 10 ވަނަ މިނެޓުގައި ސަޕޯޓަރުން އޭނާގެ ނަން ސްޓޭޑިއަމުގައި ގުގުމާލީ، އޭނާ އަލުން އެ ޓީމަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަނެއްކޮޅުން މިއީ، މެސީ މިހާރު ކުޅޭ ޕީއެސްޖީގެ ސަޕޯޓަރުން، އެ ޓީމުގެ ނަތީޖާ ދަށްވުމުން، އެންމެ ފަހުން ކުޅުނު މެޗުގައި މެސީއާ ދިމާކޮށްފައިވާތީ ދިން ރައްދެއް ވެސް މެ އެވެ.

ބާސެލޯނާ އަށް ދިމާވި މާލީ މައްސަލައެއްގެ ތެރޭގައި މީގެ ދެ އަހަރު ކުރިން އެ ޓީމު ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ފޯވާޑް އަންނަ ސީޒަނުގައި އަލުން ބާސެލޯނާ އަށް ގެންދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެސީ އަށް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ރެކޯޑް މުސާރައެއް ހުށަހަޅާފައި އެބައޮތެވެ. އެކަމަކު އޭނާ ބޭނުންވަނީ އަދި ޔޫރަޕުގައި ކުޅޭށެވެ. ޕީއެސްޖީން މެސީ މަޑުކުރުވަން ބޭނުންވިޔަސް އެ ޓީމުގައި ހުންނަން އޭނާ ބޭނުމެއް ނުވެ އެވެ. އެހެންވެ އެންމެ ފުރުސަތު ބޮޑީ މެސީ ބާސެލޯނާ އަށް ދިއުމެވެ.

އެކަމަކު ބާސެލޯނާ އަށް މިވަގުތު އެކަމަށް ހުރަހެއް އެބައޮތެވެ. އެއީ ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދާ ހިލާފުވެފައިވާތީވެ ބޮޑު ހަރަދެއް ކުރެވެން ނެތުމެވެ. އެ މައްސަލަ ހައްލުވެއްޖެ ނަމަ ބާސެލޯނާ އިން ރަސްމީކޮށް މެސީ އަށް އޮފާކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެސީ ބާސެލޯނާ އަށް ގެންދަން ބާރު އަޅަނީ އެ ޓީމުގެ މިހާރުގެ ކޯޗު އަދި މެސީއާ އެކު ކުރިން އެ ޓީމަށް ކުޅުނު ޒަވީ ހެނާންޑޭޒް އެވެ. އަދި ކްލަބުގެ ނައިބް ރައީސް ވެސް ވަނީ މެސީ އެނބުރި އައިސްފި ނަމަ އުފާވާނެ ކަމަށް ވިދާޅުވެފަ އެވެ.

މެސީ ދިޔަ ފަހުން އަޑިއަޅާލާފައި އޮތް ބާސެލޯނާ އަންނަނީ ޒަވީގެ ކޯޗުކަމުގައި މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. ސެމީގެ ދެ ވަނަ ލެގުން ރޭ ރެއާލް އަތުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް ސްޕެނިޝް ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ ބޮޑު ލީޑެއްގަ އެވެ.

ބާސެލޯނާގެ އެކަޑަމީން ތަމްރީންވި މެސީ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް 2004 އިން 2021 އަށް 520 މެޗު ކުޅެދީ ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕާއި، ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް އެތައް ފަހަރަކު ކާމިޔާބުކޮށްފަ އެވެ.

އާޖެންޓީނާއާ އެކު މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މެސީގެ ފޯމު ވަނީ ދަށްވެފަ އެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގައި ޕީއެސްޖީން ގެނައި މެސީއާ އެކު ވެސް އެކަން ހާސިލްނުވުމުން ޓީމުގެ ސަޕޯޓަރުން ރުޅި ބޭލީ އޭނާ އަށެވެ.