Roadha Mihaaru
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

06 އޮކްޓޯބަރ 2019

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

ނޫހުން ބުނީ މަސްރަހު ފިނިކުރުމާ ގުޅޭ ގޮތުން އީރާނުގެ ވެރިންނާ މަޝްވަރާ ކުރުމަށް ޕާކިސްތާނާއި އިރާގުގައި ސައުދީން އެދިފައިވާ ކަމަށެވެ. ނިއު ޔޯކް ޓައިމްސް އިން އިއްޔެ ބުނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ މައްސަލަ ހައްލު ކުރުމުގައި އެހީތެރިވުމަށް އިރާގާއި ޕާކިސްތާނުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ސައުދީގެ ތެޔޮ އުފައްދާ ތަންތަނަށް ސެޕްޓެމްބަރު 14 ވަނަ ދުވަހު ދިން ޑްރޯން ހަމަލާގެ ތުހުމަތުކޮށްފައި ވަނީ އީރާނަށެވެ. އެކަމަކު އެ ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތިން ވަނީ އެއްބަސްވެފަ އެވެ. އެ ހަމަލާ އަށް ފަހު ދުނިޔޭގެ ތެލުގެ ސަޕްލައި ފަސް ޕަސެންޓް ހުއްޓުމަށް ދިޔަ އެވެ.

ސައުދީ ސަރުކާރުގެ އޮފިޝަލުން ޓައިމްސް އަށް ބުނީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ބަޣުދާދާއި އިސްލާމް އާބާދުގެ އެހީ އަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަލީ އަހުދުގެ އެދިވަޑައިގަތުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އަނެއްކޮޅުން އީރާނުން ބުނެފައި ވަނީ ސައުދީއާ އެކު މަޝްވަރާ އަށް ތައްޔާރަށް އޮތް ކަމަށެވެ.

"ސައުދީ އާއި ސަރަހައްދުގެ އެހެން ގައުމުތަކާ އެކު މަޝްވަރާ އަށް އީރާން އޮތީ ތައްޔާރަށް،" އީރާނުގެ ޕާލަމެންޓުގެ ރައީސް އަލީ ލަރިޖާނީ މިދިޔަ ހަފުތާގައި ވިދާޅުވި އެވެ. "އީރާނާއި ސައުދީގެ މަޝްވަރާތަކުން ސަރަހައްދުގެ ސިޔާސީ އަދި ސަލާމަތީ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯދޭނެ."

ޕާކިސްތާނާއި އިރާގުގެ އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އިން ބުނެފައި ވަނީ އީރާނުގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އަރިހުން ވަލީ އަހުދު މުހައްމަދު އެދިވަޑައިގެންނެވީ މިދިޔަ މަހު ޖިއްދާގަ އެވެ. އިމްރާން ޚާން ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީ އަށް ވަޑައިގަތުމުގެ ކުރިން ސެޕްޓެމްބަރު 19-20 ގައި ސައުދީގައި މަޑުކުރައްވައިފަ އެވެ. އޭގެ ފަހުން ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ ތެރޭގައި އީރާންގެ ރައީސް ހަސަން ރޫހާނީއާ އިމްރާން ޚާން ވާހަކަ ދެއްކެވި ކަމަށް ވެސް ޓައިމްސް އިން ބުނެފައިވެ އެވެ.

އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް މަހްދީ މިދިޔަ މަހު 25 ގައި ސައުދީ އަށް ކުރެއްވި ދަތުރުގައި ވެސް ވަލީ އަހުދު ވަނީ އެފަދަ ހުށަހެޅުމެއް ހުށަހަޅުއްވާފައި ކަމަށް ވެސް އިރާގުގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނެފައިވެ އެވެ.

އޮފިޝަލުން ބުނީ ސައުދީ އާއި އީރާނުގެ މަޝްވަރާތައް ބާއްވާ ތަނެއްގެ ގޮތުގައި ބަޣުދާދު ހަމަޖެއްސުމަށް އިރާގުން ހުށަހަޅާފައިވާ ކަމަށެވެ.