Roadha Mihaaru
"ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ

"ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ

08 އޮކްޓޯބަރ 2019

އިންޑިއާގެ ބޮކްސް އޮފީސް މިހާރު ފަތަހަކޮށްފައިވާ ފިލްމު "ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ސިދާތު އާނަންދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބޮކްސް އޮފީސް މިހާރު ފަތަހަކޮށްފައިވާ ފިލްމު "ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ސިދާތު އާނަންދު ބުނެފި އެވެ.

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނަ ފިލްމު މި މަހުގެ 2 ގައި ރިލީޒްކުރުމުގެ ކުރިން ވެސް މީޑިއާތަކުން ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" ފްރެންޗައިޒަކަށް ހަދަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެކަން ކަށަވަރުކޮށް ދެމުން ސިދާތު ބުނީ ފިލްމަށް މިހާރު ލިބެމުން އަންނަނީ ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ކަމަށާއި "ވޯ" ދިގުދަންމައިދޭން ބެލުންތެރިން އެދޭ މިންވަރު އެކަމުން ހާމަވެއްޖެ ކަމަށެވެ.

"އެހެންވެ ވަރަށް އަވަހަށް އަހަރެމެން ފިލްމުގެ ސީކްއެލްއާ ގުޅޭ ގޮތުން ގޮތެއް ނިންމާނަން،" ބޭންގް ބޭންގް އާއި ސަލާމް ނަމަސްތޭ ފަދަ ކާމިޔާބު ފިލްމުތައް ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ. "ހަގީގަތުގައި ފިލްމެއް ފްރެންޗައިޒަކަށް ބަދަލުވާނީ ވެސް ބެލުންތެރިންގެ ޑިމާންޑާ އެކު. އެކަން ވޯއިން ސާބިތުކޮށްދީފި."

ސިދާތު ބުނިގޮތުގައި "ވޯ" އަކީ ވަރަށް ތަފާތު ފިލްމެކެވެ.

"އަހަރެންގެ ކެރިއަރުގެ ވެސް އެންމެ ޔުނީކް ފިލްމު މިއީ. ވޯ ކާމިޔާބުވީ މުޅި ޓީމް މިއަށް ކުރި މަސައްކަތުގެ ސަބަބުން. އަހަރެން ވަރަށް އުފާކުރަން ވޯ ފްރެންޗައިޒަކަށްވާތީ. އަދި ޓައިގާ އާއި ރިތިކް އެ މީހުންގެ ކެރެކްޓާތަކާ އެކު އަލުން އަންނާނެ."

ޖުމްލަ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާދީއްތަ ދުވަހާ ހަމައަށް ވަނީ ޖުމްލަ 172.02 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފަ އެވެ.

"ވޯ" ގެ ސީކްއެލްއެއް ހަދަން ނިންމާފައިވާ އިރު، ވައިއާރްއެފްގައި މިހާރު ވެސް އިތުރު ދެ ފްރެންޗައިޒެއް އެބައޮތެވެ. އެއީ "ދޫމް" އާއި "ޓައިގާ" އެވެ. "ދޫމް" ސީރީޒްގެ ތިން ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު، ސަލްމާން ޚާނާއި ކެޓްރީނާ ލީޑް ރޯލް ކުޅޭ "ޓައިގާ" ސީރީޒްގެ ދެ ފިލްމެއް ވަނީ ގެނެސް ދީފަ އެވެ.

"ވޯ" ގެ ބޮޑު ކާމިޔާބީއާ އެކު ސިދާތުގެ އަތުގައި މިހާރު ވެސް ޓައިގާ ލީޑް ރޯލް ކުޅޭނެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ މީގެ ދެ އަހަރު ކުރިން އިއުލާންކުރި ހޮލީވުޑްގެ ފިލްމު "ރާމްބޯ" ގެ ރިމެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމު އަންނަ އަހަރުގެ ފަހުކޮޅު ގެނެސްދޭނެ އެވެ.