Roadha Mihaaru
"ވޯ" ހަފުތާއަކުން 200 ކްރޯޑް ހޯދައިފި

"ވޯ" ހަފުތާއަކުން 200 ކްރޯޑް ހޯދައިފި

09 އޮކްޓޯބަރ 2019

މި މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރި، ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރި، ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

އިންޑިއާ އިން ފިލްމު ހޯދި އާމްދަނީ 200 ކްރޯޑަށް އަންގާރަ ދުވަހު އެރިއިިރު، އެ ފިލް ހަދާފައިވަނީ ވެސް 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ އެއްކޮށްލުމުން އަންގާރަ ދުވަހާ ހަމައަށް "ވޯ" އަށް 273.37 ކްރޯޑް ރުޕީސް (39 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރި މި އެކްޝަން ތުރިލާއަކީ މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ފެށުމެއް ވެސް ލިބުނު ފިލްމެވެ.

އެގޮތުން ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި ފިލްމަށް 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ލިބުނު އިރު، ރިލީޒްކުރި ދުވަހު އެކަނި ވެސް ފިލްމަށް 53.35 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު) ލިބުނެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ ފިލްމު ކްރިޓިކް ތަރަން އަދާޝް އަންދާޒާކުރާ ގޮތުގައި މާ ލަހެއް ނުވެ "ވޯ" 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ވެސް ހޯދާނެ އެވެ. މިހާތަނަށް އެންމެ އަވަހަށް ބޮކްސް އޮފީހުގައި އެވަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތީ 2017 ގައި ރިލީޒްކުރި ޕްރަބާސްގެ "ބާހްބަލީ: ދަ ކޮންކްލޫޝަން" ގަ އެވެ.

އެ ފިލްމު 300 ކްރޯޑް ރުޕީސް ހަމަކުރީ އެންމެ 10 ދުވަހުގެ ތެރޭގަ އެވެ.

"ވޯ" އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއާ ގުޅިގެން މި ފިލްމުގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެކަން ޑައިރެކްޓަރު ވަނީ ކަށަވަރުކޮށް ދީފަ އެވެ.