Roadha Mihaaru
ކެމިކަލް ގުދަން ހަދަން 19 ފަރާތަކުން ޝައުގުވެރިވެއްޖެ

ކެމިކަލް ގުދަން ހަދައިދޭން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

07 އޮކްޓޯބަރ 2019

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލުކުރަން އަޅާ ގުދަންތައް ޑިޒައިންކޮށް، އިމާރާތް ކުރަން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލުކުރަން އަޅާ ގުދަންތައް ޑިޒައިންކޮށް، އިމާރާތް ކުރަން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ގުދަންތައް އަޅާނެ ބަޔަކު ހޯދުމުގެ ކަންކަން ކުރިއަށް ގެންދަނީ ކޯޕަރޭޓް ގަވާނެންސް އުސޫލާއި ޖީއެމްއައިޒެޑްއެލްގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ. އެގޮތުން ގުދަންތައް އަޅާނެ ބަޔަކު ހޯދަނީ އިއުލާނު ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި އިއުލާނާ ގުޅިގެން 19 ފަރާތަކުން ޝައުުވެރިކަން ފާޅުކުރި. ބިޑް ހުށަހަޅާނީ މިއަދު،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

ގުދަންތައް ހަދާނެ ބަޔަހު ހޯދަނީ އިއުލާނު ކޮށްގެން ކަމަށް އޭނާ ވިދާޅުވުވުމުން ޖީއެމްއައިޒެޑްއެލްގެ ވެބްސައިޓް ބެލި އިރު ގުދަންތައް އަޅާނެ ބަޔަކު ހޯދަން ޖަހާފައިވާ އިއުލާނެއް އެބަ އޮތެވެ. އެ އިއުލާނުގައި ތާރީހެއްގެ ގޮތުގައި ޖަހާފައި އޮތީ 29 ސެޕެޓެމްބަރު 2019 އެވެ. އެހެން ނަމަވެސް ގުދަންތަކުގެ މަޝްރޫއު އާއްމުކޮށް އިއުލާނުކޮށްގެން ކުރިއަށް ގެންދަން އެންޓިކޮރަޕްޝަން ކޮމިޝަނުން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ބުނީ އޮކްޓޯބަރު 2 ގަ އެވެ.

މިދިޔަ މަހުގެ ތެރޭގައި އާ މެމްބަރުން އައްޔަން ކުރެއްވި އޭސީސީން މިގޮތަަށް ލަފާ ދީފައި މިވަނީ ބީލަމަށް ނުލައި ގުދަންތައް ހެދުމުގެ މަސައްކަތް ބަޔަކަށް ދޭން ނިންމުމާ ގުޅިގެން ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ޖީއެމްއައިޒެޑުން ނިންމީ، އާއްމުކޮށް އިއުލާން ނުކޮށް، ސިލެކްޓިވް ބިޑިންގެ އުސޫލުން ކުރިއަށް ގެންދިއުމަށެވެ. އެއީ އެ ކުންފުނިން ބުނިގޮތުގައި ޕްރޮކިއުމެންޓް ޕޮލިސީގެ ތެރެއިން އެކަން ކުރެވިދާނެ ގޮތެކެވެ.

ގުދަންތައް ހަދާނީ އެތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ޖީއެމްޒެޑްއެލް އިން ކުރިން ބުންޏެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި ފެން ސްޕްރިންކްލަރުތަކާއި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށާއި އަދި ގުދަންތައް ހަދާނީ ވައި ދައުރުވާނެ ގޮތަށް ވެންޓިލޭޝަންގެ މަސައްކަތް ވެސް ރަނގަޅަށް ކޮށްފައި ކަމަށް ވެސް އެ ކުންފުނިން އޭރު ބުންޏެވެ. ގުދަންތައް ހަދާނީ 100،000 އަކަ ފޫޓުގެ ބިމެއްގައި ކަމަށާއި އެ ސަރަހައްދު ހުންނާނީ މީހުން އުޅޭ ސަރަހައްދުތަކާ ދުރުގައި ކަމަށް ވެސް ބުންޏެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުން އަވަސްކުރަން ސަރުކާރުން ނިންމީ ހ. ތިލަފުށީގޭގައި ހުުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި އެތައް ގެއެއް އަނދައި އެކަކު މަރުވެ، 400 އެއްހާ މީހުންގެ ގެދޮރު ގެއްލުނެވެ.