Roadha Mihaaru
ޓޫރިޒަމް ފައިދާ އާއްމުންނަށް ލިބޭނީ ގެސްޓްހައުސް އިން

ޓޫރިޒަމް ފުޅާކޮށް، އާއްމުންނަށް ފައިދާ ހޯދައި ދެވޭނީ ގެސްޓްހައުސް ވިޔަފާރިން: މުނައްވަރު

24 ސެޕްޓެމްބަރ 2016

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާކޮށް، އާއްމުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކީ ގެސްޓްހައުސް ވިޔަފާރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާކޮށް، އާއްމުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކީ ގެސްޓްހައުސް ވިޔަފާރި ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުން ގޮސް، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަށް ރާއްޖެ ވަނީ ވެފަ އެވެ. އެކަމަކު، މިދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި އައި އެ ތަރައްގީގެ ފައިދާ އެންމެ އެދެވޭ ގޮތުގައި އާއްމުންނަށް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރި އަންނަނީ، މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، އެ ހަގީގަތް ބަދަލުކުރަމުންނެވެ. މިވީ މަދު އަހަރުތަކުގެ ތެރޭގައި އެ ވިޔަފާރި ކުރިއަރައިގެން ގޮސް، ޓޫރިޒަމް ސިނާއަތުގެ ވަރަށް މުހިއްމު ބަޔަކަށް ގެސްޓްހައުސް ވިޔަފާރި ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުރިއެރުން އަދި ފެންނަން އޮތީ. ސަރުކާރުން ބޭނުންވޭ މި ވިޔަފާރި އިތުރަށް ކުރިއަރުވަން،" ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓައިޓްލް ސްޕޮންސަ ނަގާފައިވާ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު މުނައްވަރު (ކ)، ބީއެމްއެލްގެ ސީއީއޯ އެންޑްރޫއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު މުނައްވަރު (ކ)، ބީއެމްއެލްގެ ސީއީއޯ އެންޑްރޫއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވަރަށް މުހިއްމު ތިން ސިޔާސަތަކާ ގެސްޓްހައުސް ވިޔަފާރި ގުޅިލާމެހިފައިވާތީ އެވެ. އެ ތިން ސިޔާސަތަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމާއި އަންހެނުން ބާރުވެރިކުރުުވުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމެވެ.

ގެސްޓްހައުސް ވިޔަފާރި މެދުވެރިކޮށް އެ ސިޔާސަތުތައް ތަންފީޒު ކުރެވެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަމިއްލަ ރަށުގައި ތިބެގެން ވަޒީދާ އަދާކުރުމުގެ ފުރުސަތު ލިބޭތީ އެވެ. ގެސްޓްހައުސްތައް ހިންގައި ބެލެހެއްޓުމުން ފެށިގެން އެކަމާ ގުޅިފައިވާ އެހެން ވިޔަފާރިތަކުގައި މިހާރު ވެސް ވަަރަށް ގިނަ އަދަދެއްގެ ޒުވާނުން އުޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އާއިލާއާ ވަކިން ވަޒީފާ އަދާކުރަން ޖެހުމުން އަންހެނުން ރިސޯޓުތަކުގައި މަސައްކަތް ކުރަން ފަސް ޖެހުނަސް، ގެސްޓްހައުސްތަކާ އެކު އެކަން ވެސް ބަދަލުވަމުން އަންނަ ކަމަށެވެ.

"ވިޔަފާރިވެރިން އުފައްދައި އާ ވިޔަފާރިތައް ކުރިއެރުވުމަކީ ސީދާ ރައީސް [އަބްދުﷲ] ޔާމީންގެ އަމާޒެއް. އެ މަނިކުފާނު އަބަދު ވެސް ވިދާޅުވޭ އިގްތިސާދު ކުރިއެރުވޭނީ ވިޔަފާރި ފުޅާކޮށްގެންނޭ،" މުޅިއެކު 160 އަށް ވުރެ ގިނަ ގެސްޓްހައުސްގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްގައި މުނައްވަރު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގައި މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގައި މިނިސްޓަރު މުނައްވަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ވެސް ގެސްޓްހައުސް ވިޔަފާރީގެ ދައުރު އެބައޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރި އަަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ ވެސް ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ. ހާއްސަކޮށް، ދަތުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ދަތުރުފަތުރުގެ އަގުހެޔޮ ކުރަން މަސައްކަތް ކުރާ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް އަޅަނީ އެ ބޭނުމުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ގެސްޓްހައުސް ވިޔަފާރި އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ކޮންފަރެންސެއް ބޭއްވިއިރު، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް އެބަހުއްޓެވެ. ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުށީގައި 45 އަށް ވުރެ ގިނަ ގެސްޓަހައުސް ހުރިއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މި ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.