Roadha Mihaaru
ނަބާހާ އާއި ނަބީހާ އަށް މި ފަހަރު ލޯ މެޑަލް

ނަބާހާ އާއި ނަބީހާ އަށް މި ފަހަރު ލޯ މެޑަލް

10 އޮކްޓޯބަރ 2019

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ދެބެން ކަމަށްވާ އަައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ އަށް ލޯ މެޑަލް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގައި އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ދެބެން ކަމަށްވާ އަައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ އަށް ލޯ މެޑަލް ހޯދައިފި އެވެ.

އެންމެ ފަހުން ދެ ފަހަރު މި މުބާރާތުގެ ޑަބަލްސް އިވެންޓުން ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގެ އެއް ވަނަ ޕެއާގެ ގޮތުގައި ސީޑުކޮށްފައި އޮތް ނަބީހާ އާއި ނަބާހާގެ ޕެއާ ސެމީ ފައިނަލުގައި ބަލިވީ އިންޑިއާގެ ދީޕިޝްކާ ސިންހާއި މާންސީ ސިންހުގެ ޕެއާ އަތުން 21-19، 21-14 އިންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހާސިލްކުރި ނަބީހާ އަށް ދެކުނު އޭޝިއާގެ ޔޫތު މުބާރާތުގެ އެ އިވެންޓުން ލިބުނީ ލޯ މެޑަލް އެވެ. ޕާކިސްތާނުގެ މެހެވިސް ހާން އަތުން ކުއާޓާ ފައިނަލުގައި ނަބީހާ ވަނީ 21-14، 21-10 އިން މޮޅުވެފަ އެވެ. އެކަމަކު ސެމީ ފައިނަލުގައި އިންޑިއާގެ ދީޕިޝްކާ ސިންހް އަތުން ވަނީ ފޯރިގަދަ މެޗަކަށް ފަހު 21-14، 21-11 އިން ބަލިވެފަ އެވެ.

އަންހެން ސިންގަލްސް ބައިގެ ކުއާޓާ އިން ރާއްޖޭގެ ނަބާހާ ބަލިވީ ލަންކާގެ ހަސީނީ ނުސާކާއާ ވާދަކޮށް 24-22، 21-11 އިންނެވެ. މި ބައިގައި ރާއްޖޭގެ މާޝާ ރަޝީދު ބަލިވީ އިންޑިއާގެ މާންސީއާ ކުޅެގެންނެވެ.

ފިރިހެން ސިންގަލްސް ބައިގައި މި ފަހަރު ވެސް ރާއްޖޭގެ އުއްމީދީ ތަރި އަހުމަދު ނިބާލަށް ދިމާވީ ހިތްދަތި ގޮތެކެވެ. މި މުބާރާތުގެ ތިން ފަހަރު ވެސް ނިބާލް ކެޓީ ކުއާޓާއާ ހަމައިންނެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާގައި އޭނާ ބަލިވީ ނޭޕާލުގެ ޕްރިންސް ދަހާލްއާ ވާދަކޮށެވެ. ދަހާލް ސެޓުތައް ގެންދިޔައީ 21-13، 21-13 އިންނެވެ.

މިކްސް ޑަބަލްސް ބައިގައި ވާދަކުރި ރާއްޖޭގެ ދެ ޕެއާ އަށް ވެސް މުބާރާތް ނިމުނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތަކީ މި އަހަރު ރާއްޖޭގައި ބާއްވާ ތިން ވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. ދާދި ފަހުން މާލޭގައި ވަނީ ބެޑްމިންޓަން ފިއުޗާ ސީރީސް އާއި ބެޑްމިންޓަން ޗެލެންޖް ބާއްވައިފަ އެވެ. މާލޭގައި ބެޑްމިންޓަން މުބާރާތް ބޭއްވިއިރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓު ވަނީ ރަނގަޅު ފެންވަރަކަށް މަރާމާތުކޮށްފަ އެވެ. އަދި ދެކުނު އޭޝިއާގެ ޔޫތު މުބާރާތް އައްޑޫގައި ބާއްވަނީ ދާދި ފަހުން މަސައްކަތް ނިންމައި މި މުބާރާތުގައި ފުރަތަމަ ފަަހަރަށް ބޭނުންކުރަން ފެށި އައްޑޫ ސިޓީ ބެޑްމިންޓަން ކޮމްޕްލެކްސްގަ އެވެ.