Roadha Mihaaru
ގައުމީ ފިރިހެން ވޮލީ ޓީމަށް ދުނިޔޭގެ ފެންވަރު ކޯޗެއް

ގައުމީ ފިރިހެން ވޮލީ ޓީމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް

10 އޮކްޓޯބަރ 2019

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ކުރިން އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން، ދުނިޔޭގެ ފެންވަރު ސާބިއާގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗް ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗަކަށް ކުރިން އީރާނާއި ބަލްގޭރިއާ ގައުމީ ޓީމަށް އިރުޝާދު ދިން، ދުނިޔޭގެ ފެންވަރު ސާބިއާގެ ކޯޗެއް ކަމަށްވާ މިލޮރަޑް ކިޔާޗް ހަމަޖައްސައިފި އެވެ.

އުމުރުން 70 އަހަރުގެ މިލޮރަޑް ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސިކަން އިއުލާނުކުރީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކުންނެވެ. މަހުލޫފް ވިދާޅުވީ މިލޮރަޑަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ކަމަށެވެ. މިއީ ތަޖުރިބާއާ ހުރިހާ ކަމަކަށް ބަލާއިރު މިހާތަނަށް ވޮލީ ޓީމަށް ލިބޭނެ އެންމެ މޮޅު ކޯޗެވެ.

ޔޫގޯސްލާވިއާ އާއި ސާބިއާ ޓީމުގެ ސެޓަރަކަށް މީގެ ކުރިން ކުޅުނު މިލޮރަޑް އޭނާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 1989 ވަނަ އަހަރު އެވެ. ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށްއިރު އަށް ފަހަރު އެ ގައުމުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އޭނާގެ ފުރަތަމަ ބޮޑު މަސައްކަތަކީ ޔޫގޯސްލާވިއާ ޖޫނިއާ ޓީމުތަކުގެ ކޯޗުކަމެވެ. އޭގެ ފަހުން ޔޫގޯސްލާވިއާ ޓީމު ގޮވައިގެން 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. ފަހުން ބަލްގޭރިއާގެ ކްލަބްތަކަށް ކޯޗުކޮށްދީ އެ ގައުމުގެ ޗެމްޕިއަންކަން ވެސް ހޯދައި ބަލްގޭރިއާ ގައުމީ ޓީމާ ހަވާލުވީ 2002 ވަނަ އަހަރު އެވެ. އަދި އެ ޓީމު ގޮވައިގެން ވޯލްޑް ލީގުގެ ފަސް ވަނަ ހޯދި އެެވެ. އޭނާ އީރާން ޓީމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔޫއޭއީގެ ކްލަބްތަކުގައި ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓް.

މިލޮރަޑްއާ އެކު ސާބިއާގެ ޓްރެއިނަރެއް ވެސް ގައުމީ ޓީމުގައި މަސައްކަތްކުރާނެ އެވެ. އެއީ ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ކިޔަޗް ރަޑޯވަން އެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް މިދިޔަ ދެ އަހަރު ހުރީ މުހައްމަދު ސާޖިދު (ކާއްޓެ) އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ކާއްޓޭގެ ކޯޗުކަމުގައި ރާއްޖެ އަށް މިހާތަނަށް ރަނގަޅު ކާމިޔާބެއް ލިބިފައިނެތް ނަމަވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދި އެވެ. ކާއްޓޭގެ ކޯޗުކަމުގައި ގައުމީ ޓީމު ވަނީ މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތާއި މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އާއި މި އަހަރުގެ އައިއޯއައިޖީގެ އިތުރުން މި އަަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެފަ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވަނީ ގައުމީ ވޮލީ ޓީމަށް ގިނަ ފުރުސަތުތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން އައިއޯއައިޖީގެ ކުރިން ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމަކުން ޔޫރަޕްގެ ގައުމެއްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއާ ދެކޮޅަށް މާލޭގައި އެކުވެރިކަމުގެ ތިން މެޗު ކުޅުނެވެ.

ގައުމީ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން ބިދޭސީ ކޯޗަކީ ލަންކާ ގައުމީ ޓީމަށް ކޯޗުކޮށްދިން ކުމާރް ވެންޑަކޫން އެވެ. އޭގެ ކުރިން ތައިލެންޑުގެ ކޯޗު ސުންޓޮން ފޮސީޓާ ވެސް ފިރިހެން ޓީމަށް އިރުޝާދުދިނެވެ.