Roadha Mihaaru
އެލިއޫޑް އެކަން ކޮށްފި! 1 ގަޑި 59 މިނިޓް 40 ސިކުންތު!

އެލިއޫޑް އެކަން ކޮށްފި! 1 ގަޑި 59 މިނިޓް 40 ސިކުންތު!

12 އޮކްޓޯބަރ 2019

ދުވުމުގައި މިހާތަނަށް އިންސާނަކަށް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި ގޮންޖެހުން ކަމަށްވާ ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުން، މާޒީގެ ތެރެއަށް މިއަދު ދޫކޮށްލުމަށް ފަހު، ކެންޔާގެ އެލިއޫޑް ކިޕްޗޯޖް، ތާރީހުން ޖާގަ ހޯދައިފި އވެެ.

މޫސާ ލަތީފް މޫސާ ލަތީފް

ދުވުމުގައި މިހާތަނަށް އިންސާނަކަށް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި ގޮންޖެހުން ކަމަށްވާ ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުން، މާޒީގެ ތެރެއަށް މިއަދު ދޫކޮށްލުމަށް ފަހު، ކެންޔާގެ އެލިއޫޑް ކިޕްޗޯޖް، ތާރީހުން ޖާގަ ހޯދައިފި އވެެ.

އޮސްޓްރިއާގެ ވެރިރަށް ވީނާގެ ހިތްގައިމު ޕާކެއް ކަމަށް ޕްރެޓާގައި، 41 ޕޭސްމޭކަރުންނާ އެކު ދުވެ، އެލިއޫޑް މި ބޮޑު ކާމިޔާބު ހާސިލްކުރީ 1 ގަޑި 59 މިނިޓް 40 ސިކުންތުން، 42.2 ކިލޯމީޓަރު ކަނޑައްތުކޮށްގެންނެވެ.

އިނގިރޭސި ވިލާތުގެ ކެމިކަލް އުފެއްދުންތަކުގެ ބޮޑު ކުންފުންޏެއް ކަމަށްވާ އިނިއޮސް އިން ސްޕޮންސަކޮށްގެން ކުރިއަށް ގެންދިޔަ އިނިއޮސް 1:50 ޗެލެންޖް ކާމިޔާބު އިވެންޓަކަށް ހަދަން، ކިޕްޗޯޖް އުއްމީދުކުރި ގޮތަށް އެތައް ހާސް ބަޔަކު އެއްވެ އޭނާއަށް ތަރުހީބާއި ހިތްވަރު ދިނެވެ. ކޮމެންޓޭޓަރުން ބުނި ގޮތުގައި 25،000 މީހުން، ޕާކްގެ އެކި ހިސާބުތަކުގައި އެއްވެ ތިއްބެވެ.

ދުވުން ފެށީއްސުރެ އެލިއޫޑާއި އޭނާގެ ޕޭސްމޭކަރުން ވަނީ މުޅި ރާސްތާ ދުވަން ޖެހޭ ބާރު މިން ކަމަށްވާ ކިލޯ މީޓަރެއް 2:50 މިނިޓް ތެރޭގައި ބަހައްޓައިފަ އެވެ. ބައެއް ކިލޯމީޓަރު 2:52 އަށް ވެއްޓުނު ނަމަވެސް އެލިއޫޑް އޭނާގެ ސްޕީޑް 2:48 މިނިޓަށް ވެސް ބައެއް ކިލޯމީޓަރުތަކުގައި އަރުވައި، މުޅި ޕްރޮޖެކްޓްގެ އޭގެ އަމާޒުގައި ހިފަހައްޓައިދިނެވެ.

ދުނިޔޭގެ އެކި ޓީވީތަކުންނާއި ޔޫޓިއުބުން ވެސް ވަގުތުން ދެއްކި މި ދުވުމުގެ ކޮމެންޓޭޓަރަކު ސިފަކުރި ގޮތުގައި "މިއަދު އެލިއޫޑް އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ތާރީޚުގެ ބައެކެ"ވެ.

އެ ތާރީޚު އުފައްދަމުން، ސަޕޯޓަރުންގެ ހިތް ފަތަހަކުރަމުން، އެލިއޫޑް ފެނުނީ ވަރަށް ހަމަޖެހިގެން ދުވަމުން ދިޔަ ތަނެވެ. އޭނާގެ އާންމު ހިނިތުންވުން ދޭތެދޭތެރެ އިން ފެނުނެވެ. އެހާ ބާރު ސްޕީޑެއްގައި އެހާ ދިގު ރާސްތާއެއް ކަނޑައްތުކުރަމުން ދިޔަ އިރު ވެސް، އޭނާގެ ފަރާތުން މާޔޫސްވުމެއް، އެކަން ނުވެދާނެކަމުގެ އެއްވެސް ކަހަލަ ނިޝާނެއް ނުފެނެ އެވެ.

"މިއިން އެ ދައްކައިދެނީ އެއްވެސް މީހަކަށް އެއްވެސް ހުރަހެއް ނެތް ކަން،" ރޭހަށް ފަހު އެލިއޫޑް ބުންޏެވެ.

"މިވަގު އަހަރެން އެކަން މިކުރީ، އަހަންނަށް ފަހު އެތައް ބަޔަކު މިކަން ތަކުރާރުކުރާނެ ކަމަށް ހީކުރަން."

ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމި އެލިއޫޑް ކިޕްޗޯޖް އާއި އޭނާގެ ސްޕީޑް ހިފަހައްޓައިދިން ދުނިޔޭގެ ދިގު ދުވުންތަކުގެ 41 ތަރިން، ރޭހުގެ ކުރިން ނެގި ފޮޓޯއެއްގައި

ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމި އެލިއޫޑް ކިޕްޗޯޖް އާއި އޭނާގެ ސްޕީޑް ހިފަހައްޓައިދިން ދުނިޔޭގެ ދިގު ދުވުންތަކުގެ 41 ތަރިން، ރޭހުގެ ކުރިން ނެގި ފޮޓޯއެއްގައި

ސައިންސްވެރިން ވެސް ކުރިން ގަބޫލުކުރީ މިއީ ނުވާނެ ކަމެއް ކަމަށް!

މިހާރު ވެސް މެރެތަންގެ ދުނިޔޭގެ ރެކޯޑް ކަމަށްވާ ދެ ގަޑި 1 މިނިޓް 39 ސިކުންތުގެ ހައްގުވެރިޔާ ކަމަށް ވާ އެލިއޫޑްގެ މި ބޮޑު ހާސިލްވުމަކީ، މިއަދާ ޖެހެންދެން، ދުވުމުގެ ތަޖުރިބާކާރުންނާއި ސައިންސްވެރިން ގަބޫލުކުރި ކަމެއް ނޫނެވެ. އެހާ ބާރު ސްޕީޑެއްގައި، 42 ކިލޯމީޓަރު، ދެ ގަޑިއިރަށް ވުރެ އަވަހަށް އިންސާނަކަށް ނުޖެހޭނެ ސަބަބުތައް ގިނަވެފައި، އެފަދަ ކަމަކަށް ބޭނުންވާ ހަށިގަނޑެއްގެ ވެރިޔަކު މީގެ ކުރިން ފެނިފައެއް ނުވެ އެވެ.

އެކަމަކު އެލިއޫޑްގެ ހިތްވަރާއި އޭނާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކަމުން، އެކަން ކުރެވެންޏާ ކުރެވޭނެ ދުވުންތެރިޔަކަށް މި ވަގުތު ދުނިޔޭގައި ހުރީ ވެސް އޭނާ ކަން، 2017 ގައި ސާބިތުކޮށްދިނެވެ.

ނައިކްގެ ފަރާތުން ކުރިއަށް ގެންދިޔަ "ބްރޭކިން ޓޫ" ޕްރޮޖެކްޓްގައި އޭނާއަށް ދުވުން ނިންމުނީ އެންމެ 24 ސިކުންތު ލަހުންނެވެ. އެ ދުވަހު އޭނާ ބުނީ "ދުނިޔެ އޮތީ އެންމެ 25 ސިކުންތު ދުރުގައި ކަމަށެ"ވެ. އެކަން މިއަދު އޭނާ އެވަނީ މުޅި ދުނިޔެއަށް، ހުރިހާ އިންސާނުންނަށް ދައްކައިދީފަ އެވެ.

ރޭސް ނިންމައި އޭނާ އެންމެ ފުރަތަމަ ބައްދައިގަތީ އަންހެނުން ގްރޭސްގެ ގައިގަ އެވެ. މިއީ ތިން ކުދިންގެ ބައްޕަ، އޭނާގެ ދުވުމުގެ ރޭހަކަށް މުޅި އާއިލާ ގެންދިޔަ ފުރަތަމަ ފަހަރެވެ.

ދެން ކެންޔާގެ ދިދައެއް ހިފައިގެން މަޑުމަޑުން ދުވެލި އެވެ. އަދި އޭގެ ފަހުން އޭނާގެ ޕޭސްމޭކަރުން އޭނާ ވަށާލައި އުފާފާޅުކުރި އެވެ.

"މުޅި ދުނިޔެއަށް ޝުކުރިއްޔާ،" ހިނިތުންވެ ހުރެ އެލިއޫޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއީ ކުޅިވަރުގެ ރީތި ފަރާތެވެ. މަނާ ބޭސް ބޭނުންކުރުމުގެ ތުހުމަތު އެއް އެތުލީޓުންނާއި ބައެއް ކޯޗުންނަށް ކުރަމުން ދިޔަ ނަމަވެސް އެލިއޫޑް ބުނީ، "މިއީ ޝައުވެރި އަދި ސާފު ކުޅިވަރަކަށް ހަދަން ބޭނުން" ކަމަށެވެ.

ގާތްގަނޑަކަށް 80 ބިލިއަން ޑޮލަރުގެ އަގުހުރި އިނިއޮސްގެ ސީއީއޯ ޖިމް އާތާ ރެޓްކްލިފް ސިފަކުރެއްވި ގޮތުގައި އެލިއޫޑް އަކީ "އާދަޔާ ހިލާފު އިންސާނެކެ"ވެ.

އެލިއޫޑްގެ 42 ކިލޯމީޓަރު ބަހާލުމުން...

- 5 ކިލޯމީޓަރު: 14:10 މިނިޓް

- 10 ކިލޯމީޓަރު: 28:20 މިނިޓް

- 15 ކިލޯމީޓަރު: 42:34 މިނިޓް

- 20 ކިލޯމީޓަރު: 56:47 މިނިޓް

- 25 ކިލޯމީޓަރު: 1 ގަޑި 10:59 މިނިޓް

- 30 ކިލޯމީޓަރު: 1 ގަޑި 25:11 މިނިޓް

- 35 ކިލޯމީޓަރު: 1 ގަޑި 39:23 މިނިޓް

- 40 ކިލޯމީޓަރު: 1 ގަޑި 53:36 މިނިޓް

މުޅި ރޭސް: 1 ގަޑި 59:40 މިނިޓް

އެލިއޫޑް ދުވި ސްޕީޑް ކޮންމެ 100 މީޓަރަކުން ބަލާ ކަމަށް ވަންޏާ އެއީ ހުއްޓުމެއް ނެތި 422 ފަހަރު، އެއިން ކޮންމެ ފަހަރަކު 17.08 ސިކުންތުގައި ދުވުމެވެ. އެ ސްޕީޑްގެ ބާރުމިނަކީ ގަޑިއަކު 21 ކިލޯމީޓަރެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ސްޕީޑްގައި އޭނާ ގެންދަން އެހީތެރިވީ ޕޭސްމޭކަރުންނެވެ. އެލިއޫޑްގެ ހިތުގައި އޮތީ ޝުކުރެވެ.

"އެ މީހުންނަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރޭގައި ހިމެނޭ ބައެއް، ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރޭހަށް ފަހު އެލިއޫޑް ބުންޏެވެ.

"އެ ޒިންމާ ގަބޫލުކުރީތީ އޭގެ އަގު ވަޒަންކުރަން. މިކަން މި ކުރީ އެންމެން އެކުވެގެން."

...އެކަމަކު ވޯލްޑް ރެކޯޑެއް ނޫން!

މިއަދުގެ ދުވުން ކާމިޔާބުކުރިޔަސް އެއީ މެރެތަންގެ ދުނިޔޭގެ ރެކޯޑު ގޮތުގައެއް ނުބަލާނެ އެވެ. މެރަތަންގެ ރެކޯޑެއްގެ ގޮތުގައި، ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ އައިޑަބަލްއޭއެފުން ބަލާ މިންގަނޑުތަކާ ހިލާފު އެތައް ކަމެއް އިނިއޮސް ޗެލެންޖްގައި ހިމެނެ އެވެ. އޭގެ ތެރޭގައި މުޅި ރޭހުގައި ޕޭސްމޭކަރުން ބޭނުންކުރުމާއި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ބުއިންތައް ދޭން ވެސް، އަސްލު ރޭސްތަކާ ހިލާފު އުސޫލުތަކެއް ގެންގުޅުމާއި، ސްޕީޑް ކޮންޓްރޯލްކުރަން ހާއްސަ ކާރު ބޭނުން ކުރުން ފަދަ ކަންކަމެވެ.

ޕޭސްމޭކަރުން ދުވަމުން ދިޔައީ، ވީ އަކުރުގެ ބައްޓަމަށް، ހާއްސަ އެތުރުމެއްގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ސަފުގައި ހަތަރު ދުވުންތެރިން، އޭގެ ފަހަތަށް އެއް ދުވުންތެރިޔަކު (ޓީމުގެ ކެޕްޓަން) ހުރެ އެވެ. އެލިއޫޑް ދުވަމުން ދިޔައީ އޭނާގެ ފަހަތުގައި ވިއްދައިގެންނެވެ. އޭގެ އިތުރުން އެލިއޫޑްގެ ފަހަތުން ދެ ފަރާތުގައި ދެ ދުވުންތެރިން ތިއްބެވެ.