Roadha Mihaaru
ބާލިން މެރެތަންގައި ކިޕްޖޯގޭ ރެކޯޑް މުގުރާލައިފި

ބާލިން މެރެތަންގައި ކިޕްޖޯގޭ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

25 ސެޕްޓެމްބަރ 2022

ޖަރުމަނުގެ ބާލިން މެރެތަން މިއަދު 2 ގަޑި 1 މިނެޓު 9 ސިކުންތުން ފުރިހަމަކޮށް، ދުނިޔޭގެ ފިރިހެނުންގެ މެރެތަން ރެކޯޑް ކެންޔާގެ އެލިއޫޑް ކިޕްޖޯގޭ 30 ސިކުންތުގެ ކުރިއެރުމަކާ އެކު މުގުރާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޖަރުމަނުގެ ބާލިން މެރެތަން މިއަދު 2 ގަޑި 1 މިނެޓު 9 ސިކުންތުން ފުރިހަމަކޮށް، ދުނިޔޭގެ ފިރިހެނުންގެ މެރެތަން ރެކޯޑް ކެންޔާގެ އެލިއޫޑް ކިޕްޖޯގޭ 30 ސިކުންތުގެ ކުރިއެރުމަކާ އެކު މުގުރާލައިފި އެވެ.

މި ރެކޯޑް ކުރިން ވެސް އޮތީ އޭނާގެ އަތުގަ އެވެ. އެއީ 2018 ވަނަ އަހަރުގެ ބާލިން މެރެތަންގައި 2 ގަޑި 1 މިނެޓު 39 ސިކުންތުން ދުވެގެންނެވެ. އެއީ 2014 ވަނަ އަހަރުގެ ބާލިން މެރެތަންގައި ކެންޔާގެ ޑެނިސް ކިމެޓޯ 2 ގަޑި 2:57 މިނެޓުން ހެދި ރެކޯޑަށް ވުރެ 1 މިނެޓު 20 ސިކުންތުގެ އަވަސްވުމެކެވެ.

ކިޕްޖޯގޭ ވަނީ 2019 ވަނަ އަހަރު 2 ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ދުވެފަ އެވެ. އެކަމަކު އެއީ ރެކޯޑެއް ކަމަށް ބަލާފައެއް ނުވެ އެވެ. އެ އިވެންޓަކީ، އިންސާނަކަށް ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ރޭހެއް ނިންމޭތޯ ބެލުމުގެ ހާއްސަކޮށް ރާވައިގެން ބޭއްވި ދުވުމެކެވެ. ދުނިޔޭގެ އެތުލެޓިކްސް އުސޫލުތަކާ ހިލާފަށް އެ ރޭހުގައި ޕޭސްމޭކަރުން ބޭނުންކުރި އެވެ. އަދި ސްޕީޑް ކޮންޓްރޯލްކުރުމަށް ކާރެއް ބޭނުންކުރި އެވެ.

މިއަދުގެ މެރެތަން މެދަކާ ހަމައަށް ދިޔައިރު ކިޕްޖޯގޭ ދުވަމުން ދިޔަ ޓައިމިން އިން، އޭނާ ދެ ގަޑިއިރަށް ވުރެ އަވަހަށް ނިންމަފާނެ ކަމަށް ބެލެވުނެވެ. އެކަމަކު ވަކި ހިސާބަކުން ދުވެލި މަޑުވެ، އެ ޓައިމިންގައި ނިންމާލެވޭ ގޮތް ނުވީ އެވެ. އެހެން ނަމަ އޭނާ ވީހީ، ވާދަވެރި ރޭހެއްގައި ދެ ގަޑިއިރުން މެރެތަން ރޭހެއް ނިންމި ފުރަތަމަ އިންސާނާ އަށެވެ.

ކިޕްޖޯގޭ މިއަދު ރޭސް ނިންމަނީ. --ފޮޓޯ: އޭއެފްޕީ

ކިޕްޖޯގޭ މިއަދު ރޭސް ނިންމަނީ. --ފޮޓޯ: އޭއެފްޕީ

އެންމެ ފަހުގެ ދެ އޮލިމްޕިކްސްގެ މެރެތަން ރަން މެޑަލް ހޯދި ކިޕްޖޯގޭ ވެފައިވަނީ ބާލިން މެރެތަން ހަތަރު ފަހަރު ކާމިޔާބުކުރި ދެ ވަނަ ދުވުންތެރިޔާ އަށެވެ. އަނެއް ދުވުންތެރިޔަކީ 2006-2009 އަށް އެއް ވަނަ ހޯދި އިތިއޯޕިއާގެ ހެއިލީ ގެބްރިސެލާސީ އެވެ.

މިއަދުގެ ރޭހަކީ އޭނާ އެއް ވަނަ ހޯދި ދުނިޔޭގެ 10 ވަނަ މޭޖާ މެރެތަން އެވެ. އޭނާ ވަނީ މީގެ ކުރިން ބާލިން މެރެތަން ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ލަންޑަން މެރެތަން ހަތަރު ފަހަރު، ޝިކާގޯ މެރެތަން އެއް ފަހަރު އަދި ޓޯކިޔޯ މެރެތަން އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

މިއަދުގެ މެރެތަންގެ ދެ ވަނަ ހޯދީ 2 ގަޑި 5 މިނެޓު 58 ސިކުންތުން ދުވި ކެންޔާގެ މާކް ކޮރިރް އެވެ. އަދި ތިން ވަނަ ހޯދީ 2 ގަޑި 6 މިނެޓު 28 ސިކުންތުން ދުވި އިތިއޯޕިއާގެ ޓަޑޫ އަބަޓޭ އެވެ.

ފުރަތަމަ 10 ކިލޯމީޓަރުގެ ރާސްތާގައި ކިޕްޖޯގޭއާ އެއް ވަރެއްގައި ހަތް ދުވުންތެރިއަކު ހިފެހެއްޓި އެވެ. އޭގެ ފަހުން އެއްވަރެއްގައި ދުވަމުން ދިޔައީ ކިޕްޖޯގޭ އާއި މިދިޔަ އަހަރުގެ އެއް ވަނަ އިތިއޯޕިއާގެ ގުޔޭ އަޑޯލާ އާއި އަންޑަމްލަކް ބެލިހިއޫ އެވެ. އެކަމަކު 18 ވަނަ ކިލޯމީޓަރާ ހަމައިން އަޑޯލާ ފަހަތަށް ސޮއްސާލި އެވެ. އެކަމަކު ކިޕްޖޯގޭއާ އެކު ބެލިހިއޫ ވަނީ އެއް ގަޑިއިރަށް ވުރެ އަވަހަށް ހާފް މެރެތަން ފުރިހަމަކޮށްފަ އެވެ.

ރޭހުގެ 25 ވަނަ ކިލޯމީޓަރުގެ ރާސްތާ އިން ފެށިގެން ކިޕްޖޯގޭ ކުރީގައި އޮތީ އެކަނިމާއެކަނި އެވެ. އޭރު އޭނާ ދުވަމުން ދިޔައީ 2 ގަޑިއިރަށް ވުރެ އަވަހަށް ނިންމޭނެ ސްޕީޑުގަ އެވެ. އެކަމަކު ފަހުން ސްޕީޑް މަޑުވީ އެވެ. އެހެންވިޔަސް އޭނާ ވަނީ ރެކޯޑް ޓައިމަކަށް ދުވެފަ އެވެ.