Roadha Mihaaru
"ޓައިޓޭނިކް" ކުޅެން ލިއޮނާޑޯ އަށް ހިތްވަރު ދިނިން: ޕޯލް

"ޓައިޓޭނިކް" ކުޅެން ލިއޮނާޑޯ އަށް ހިތްވަރު ދިނިން: ޕޯލް ރަޑް

19 އޮކްޓޯބަރ 2019

މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޖޭމްސް ކެމެރެންގެ "ޓައިޓޭނިކް" ކުޅެން ހިތްވަރު ދިން ކަމަށާއި އެ ފިލްމު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އެކްޓަރު ޕޯލް ރަޑް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޖޭމްސް ކެމެރެންގެ "ޓައިޓޭނިކް" ކުޅެން ހިތްވަރު ދިން ކަމަށާއި އެ ފިލްމު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އެކްޓަރު ޕޯލް ރަޑް ބުނެފި އެވެ.

ހުކުރު ދުވަހު ގެނެސްދިން "ދަ ގްރަހަމް ނޯޓަން ޝޯ" ގައި "އެންޓް-މޭން" އާއި "ކްލޫލެސް" ފަދަ ފިލްމުތައް ކުޅުނު 50 އަހަރުގެ އެކްޓަރު ބުނީ 1997 ގައި ރިލީޒްކުރި "ޓައިޓޭނިކް" އިން ފުރުސަތު ލިބުނު ވާހަކަ ލިއޮނާޑޯ ހިއްސާކުރީ އެ ދެ މީހުން އެކުގައި ކުޅުނު 1996 ގެ ފިލްމު "ރޯމިއާ+ޖޫލިއެޓް" ގެ ޝޫޓިންގެ ފަހު ދުވަހު ކަމަށެވެ.

"އެ ދުވަހު ޝޫޓިން ނިންމާލާފައި ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި، ޓައިޓޭނިކުން ފުރުސަތު ލިބުނު ވާހަކަ ލިއޯ ބުނީ. އޭނާ ބުނީ ވަރަށް ބޮޑު ފިލްމަކުން އެބޯތޭ ފުރުސަތު ލިބިފައި. އެކަމަކު ތިމަންނަ މިހިރީ އަށް އެއްބަސްވާނީތޯ ނޫންތޯ ނިންމަން ނޭނގިފައޭ،" އޭރުގެ ވާހަކަތައް ހަނދާންކުރަމުން ޕޯލް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ޖޭމްސް ކެމެރެން ދިން ފުރުސަތު ގަބޫލުކުރުމާ ދޭތެރޭ ލިއޮނާޑޯ ދެ ހިޔާލެއްގައި ހުރީ ކެރިއަރުގެ އެހާތަނަށް މުޅިން ވެސް އިންޑީ ފިލްމުތައް ކުޅެފައި، އުންމީދު ވެސް ނުކުރާ ވަރުގެ ވަރުގަދަ ސްޓޫޑިއޯ ފިލްމެއް ލިބުމުންނެވެ.

"އެ ވާހަކަ އޭނަ ބުނީމަ އަސްލު އަހަރެން ވަރަށް އުފާވި. އެއް ކަމަކީ ޓައިޓޭނިކް ހާދިސާ އަށް ފިލްމެއް ހަދާތީ. އަހަރެންގެ ބައްޕަ އަކީ ޓައިޓޭނިކްގެ އެކްސްޕާޓެއް. ޓައިޓޭނިކް ހާދިސާއާ ގުޅޭ ގޮތުން ބައްޕަ ވަރަށް ގިނަ ޔުނިވަސިޓީތަކުގައި ލެކްޗާ ވެސް ދީފައިވޭ،" އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް "އެވެންޖާޒް؛ އެންޑްގޭމް" ގެ ކާސްޓްގައި ވެސް ހިމެނުނު ޕޯލް ބުންޏެވެ. "އެކަން އެހެން އޮއްވައި ގާތް މީހަކަށް ޓައިޓޭނިކް ކުޅެން ލިބުމަކީ ވަރަށް ހާއްސަ ކަމަކަށްވި. އެހެންވެ އަހަރެން ލިއޯ ކައިރީ ބުނިން ތި ފިލްމު ވާނޭ ކޮންމެހެން ވެސް ކުޅެން."

ޕޯލް ބުނިގޮތުގައި "ޓައިޓޭނިކް" އަށް ލިއޮނާޑޯ އެއްބަސްވުމުގައި އޭނާގެ ހިއްސާއެއް ކަމަކަށް ދައުވާކުރާކަށް ބޭނުމެއް ނޫނެވެ.

"އެކަމަކު އެ ފިލްމު ކުޅެން ލިއޯ އަށް ހިތްވަރުދިން ހަނދާންވޭ،" ޕޯލް ބުންޏެވެ.

ލިއޮނާޑޯ އާއި ކޭޓް ވިންސްލެޓް ލީޑް ރޯލް ކުޅުނު "ޓައިޓޭނިކް" އަކީ އެ ނަމުގައި ބަން ބިޔަ ކްރޫޒްލައިނާ ފުރަތަމަ ދަތުރަށް 1912 ގައި ނުކުމެ އުޅެނިކޮށް އައިސްބާގެއްގައި ޖެހި ބިންދައިގެން ގޮސް ހިނގި ހިތާމަވެރި ހާދިސާގެ ތެރެއަށް ލޯބީގެ ހިޔާލީ ވާހަކައެއް ފައްތައިގެން ކެމެރެން ގެނެސްދިން ވަރަށް އަސަރު ގަދަ އަދި އެހާމެ މޮޅު ފިލްމެކެވެ.

އަދި މި ފިލްމުވެގެން ދިޔައީ ލިއޮނާޑޯ އާއި ކޭޓްގެ ވިދުން އެތައް ގުނައަކަށް އުފުލައިލި ފިލްމަކަށެވެ.

"ޓައިޓޭނިކް" ހިމެނެނީ ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓްގެ ތިން ވަނައިގަ އެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް 2.187 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.