Roadha Mihaaru
ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ

ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ

19 އޮކްޓޯބަރ 2021

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބޮލީވުޑްގެ އެކްޓަރު އަބޭ ޑިއޯލް ގުޅިގެން ފިލްމެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ބޮލީވުޑްގެ އެކްޓަރު އަބޭ ޑިއޯލް ގުޅިގެން ފިލްމެއް ހަދަން ނިންމައިފި އެވެ.

ވެރައިޓީން ރިޕޯޓް ކޮށްފައިވާ ގޮތުގައި "ޓައިޓޭނިކް" އިން ވިދައިލި އެކްޓަރާއި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ގެ ބަތަލު ގުޅިގެން ހަދަން ނިންމާފައި ވަނީ އެމެރިކާގެ ކުރީގެ މަޝްހޫރު ބޮކްސިން ލެޖެންޑް ވިލީ ޕެޕްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ޕެޕް" ގެ ނަން ދީފައިވާ މި ފިލްމަކީ ލިއޮނާޑޯގެ ފިލްމު ކުންފުނި އެޕިއަން ވޭ ޕްރޮޑަކްޝަނާއި އަބޭގެ ފިލްމު ކުންފުނި ބްލިސްޕޮއިންޓް އެންޓަޓައިންމަންޓްގެ އިތުރުން ސިންގަޕޫރްގެ ކުންފުންޏެއް ކަމަށްވާ ގޯލްޑެން ރޭޝިއޯ ފިލްމްސް ހިއްސާވެގެން ހަދާ އެއްޗެކެވެ.

މިހާރު ވަރަށް މަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ އަބޭގެ ބްލިސްޕޮއިންޓް އެންޓަޓައިންމަންޓަކީ މީގެ ދެ އަހަރު ކުރިން ކެނެޑާގައި އުފެއްދި ކުންފުންޏެކެވެ. މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އާއިލާ އަށް ނިސްބަތްވާ އަބޭ އާއި ލިއޮނާޑޯއާ ގުޅިގެން ފިލްމެއް ހަދަން ނިންމި އިރު އޭނާ މިހާރު އާންމުކޮށް ދިރިއުޅެނީ ވެސް އެމެރިކާގަ އެވެ.

"ޕެޕް" ގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ ޓައިޓްލް ރޯލަށް ނަގާފައި ވަނީ އެޗްބީއޯގެ 2001 ގެ މިނީ ސީރީޒް "ބޭންޑް އޮފް ބްރަދާޒް" ގެ ކާސްޓްގައި ހިމެނުނު ޖޭމްސް މެޑިއޯ އެވެ. ޕެޕްގެ ދަރިފުޅު ބިލީ ޖޫނިއާގެ ރޯލު ފިލްމުގައި ކުޅޭނީ ނެޓްފްލިކްސް އިން ގެނެސްދިން ސީރީޒް "އެޓިޕިކަލް" އެކްޓަރު ކިއާގިލް ކްރަސްޓް އެވެ.

ސްޓީވް ލޮފްގެ ސްކްރީންޕްލޭއަކަށް ހަދާ "ޕެޕް" ގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ ރޮބޮޓް ކޮލްޑްނީ އެވެ.

ބޮކްސިން ކެރިއަރު 26 އަހަރަށް ދެމިގެން ދިޔަ އަދި 2006 ގައި މަރުވެފައިވާ ގަލްލީލްމޯ ޕަލިއޯ (ޕެޕް) އަކީ 1942-1950 އާ ދޭތެރޭ ބޮކްސިން އިން ވޯލްޑް ފެދާވެއިޓް ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ މީހެކެވެ.