Roadha Mihaaru
އެމްޕީއެލް ކެފޭ ހިންގުން ލެމަން ގްރާސްއާ ހަވާލުކޮށްފި

އެމްޕީއެލް ކެފޭ ހިންގުން ލެމަން ގްރާސްއާ ހަވާލުކޮށްފި

17 އޮކްޓޯބަރ 2019

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ އުތުރު ބަނދަރުގައި ހިންގަމުން އައި ނޯތު ޕޯޓް ކެފޭ ލެމަން ގްރާސްއާ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ އުތުރު ބަނދަރުގައި ހިންގަމުން އައި ނޯތު ޕޯޓް ކެފޭ ލެމަން ގްރާސްއާ ހަވާލުކޮށްފި އެވެ.

އެމްޕީއެލްގެ ކެފޭ ހިންގަން ލެމަން ގްރާސް އިން އިއްޔެ ފަށާފައިވާއިރު، އެ ތަނަށް އެ ކުންފުނިން ހުއްދަ ދީފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މާލޭގައި ކެފޭ/ރެސްޓޯރަންޓުގެ ޚިދުމަތް މަތީ ފެންވަރުގައި ދެމުން އަންނަ ލެމަން ގްރާސްގެ ކޮންސަލްޓެންޓް މުހައްމަދު އަމްޖަދު މިއަދު ވިދާޅުވީ، އެމްޕީއެލް ކެފޭ އަކީ ދެ ބުރިއަށް ހަދާފައިވާ ތަނަކަށް ވުމުން، އެ ދެ ބައި ބޭނުންކުރަނީ ދެ ބޭނުމަކަށް ކަމަށެވެ. އެގޮތުން، ތިރީ ފްލޯގައި ސައި ހޮޓަލުގެ ޚިދުމަތް ދޭއިރު މަތީ ފްލޯ ޚާއްސަ ކޮށްފައި ވަނީ ރެސްޓޯރެންޓެއްގެ ގޮތުގަ އެވެ.

"ތިރީ ބައިގައި ހުންނާނެ ހުރިހާ ވަައްތަރެއްގެ ހެދިކާ އާއި ރިހަ އާއި ޑިސްކު ފަދަ ބާވަތްތައް. މިއީ ސެލްފް ސާވިސް ކޮށް ޚިދުމަތް ދޭ ބައެއް. ތިރީ ފްލޯ އިން ދޭ ޚިދުމަތުގެ އަގު ވަރަށް ހެޔޮވާނެ. ދެން މަތީ ބައި އަޅުގަނޑުމެން މި ހިންގަނީ ސިޓްރަން ގޮތަށް ރެސްޓޯރަންޓް ސްޓައިލަށް. މި ބައިގައި އަގުތައް ކުޑަކޮށް ބޮޑުވާނެ،" އަމްޖަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލް ކެފޭގައި މިހާރު ގާތްގަނޑަކަށް 160 މީހުންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ އެވެ. އެއީ ދެ ފްލޯގެ އިތުރުން ބޭރުން ބައެއް ވެސް ހިމަނައިގެންނެވެ.

ނޯތު ޕޯޓް ކެފޭ މިހާރު ހުޅުވާފައި ހުންނާނީ ފަތިހު 5:30 ން ދަންވަރު 1:00 އާ ހަމައަށެވެ. ނަމަވެސް ޑިމާންޑް އޮތް މިނަވަރަކުން އެ ކެފޭ 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ އަށް އެދޭނެ ކަމަށް އަމްޖަދު ބުންޏެވެ.

ނޯތު ހާބަރުގައި ހަދާފައިވާ ކެފޭ ހުޅުވާފައި ހުންނަ ވަގުތުތަކުގައި އެތަނާ ހަމައަށް ސައިކަލުގައި ދިއުމަށް އެމްޕީއެލުން ވަނީ ހުއްދަ ދީފަ އެވެ. އަދި އެ ސަރަހައްދުގައި ޕާކް ކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ނޯތު ޕޯޓް ކެފޭ މީގެ ކުރިން އެމްޕީއެލުން ހިންގި ނަމަވެސް އެ ކުންފުންޏަށް ގެއްލުން ވުމުގެ ސަބަބުން މިދިޔަ އަހަރު އެ ކެފޭ އެހެން ބަޔަކާ ހަވާލު ކުރި އެވެ. އަނެއްކާ އަލުން މި ކެފޭ ހިންގުމަށް ބަޔަކު ހޯދަން އެމްޕީއެލުން ބީލަމަށް ހުޅުވާލީ މި އަހަރުގެ މާޗު މަހު 14ގަ އެވެ.