Roadha Mihaaru
ފުށިދިއްގާއަށް ފުލުހުން ގޮސް މައްސަލަ ތަހުގީގު ކުރަނީ

ފުށިދިއްގާއަށް ފުލުހުން ގޮސް މައްސަލަ ތަހުގީގު ކުރަނީ

19 އޮކްޓޯބަރ 2019

އދ. ފުށިދިއްގާގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ ރަށުން މާލީ މަންފާ ހޯދަމުންދާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުން މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އދ. ފުށިދިއްގާގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ ރަށުން މާލީ މަންފާ ހޯދަމުންދާ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުން މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

ފުލުސް އޮފީހުން ބުނީ ފުށިދިއްގާއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަަމަށެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފްސީލެއް އެ ތަނަކުން ނުދެ އެވެ.

އދ. ރަތްދިއްގާގެ ގޮތުގައި ކުރިން އޮތް އެ ރަށުގައި ރިސޯޓު ހިންގުމަށް އެންްމެ ފުރަތަމަ ބަޔަކާ ހަވާލުކުރީ 2011 ގަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތެރެއިން، ނަން އޮޅުވާލައިގެން އެ ރަށް ވަނީ ރިސޯޓެއް ހެދުމަށް 2015 ވަނަ އަހަރު އެހެން ބަޔަކަށް ވިއްކާލައިފަ އެވެ.

ސިވިލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދެ ކުންފުންޏަކަށް ރަށް ވިއްކާލާފައިވާތީ، އެ ރަށުގެ މިލްކުވެރިކަމާ ގުޅޭ މައްސަލަ އެކެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓު ހެދުމަށް ކުރީގެ ސަރުކާރުން ރަށްތައް ދޫކޮށް، އެއް ބައެއްގެ ގޮތުން 1.3 މިލިޔަން ޑޮލަރު ނަގާފައިވާ އިރު އެހެން ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު ނަގާފައިވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން އެއް ރަށެއް ދެ މީހަކަށް ވިއްކާފައި އެބަހުރި ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.