Roadha Mihaaru
ވަޒީފާގެ ބާޒާރުން ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫން

ވަޒީފާގެ ބާޒާރުގައި ކަންކަން ފެންނަނީ އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން: ނައިބު ރައީސް

20 އޮކްޓޯބަރ 2019

ވަޒީފާގެ ބާޒާރުގެ ކަންކަން ފެނިވަޑައިގަންނަވަނީ އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީފާގެ ބާޒާރުގެ ކަންކަން ފެނިވަޑައިގަންނަވަނީ އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގާބިލް، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލަކާ ނުލާ އެއްވެސް ގައުމެއް ކުރިއަރައި ގޮސްފައި ނުވާ ކަމަށެވެ. ރާއްޖޭގެ އެކި ދިމާލަށް ބަލާއިރު ވެސް ތަރައްގީގެ އެކި މަޝްރޫއުތައް ފެންނަ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ބޭރުގެ މީހުންގެ އަތްމައްޗަށް ދޫނުކޮށް އަމިއްލަ އަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދިވެހިންނަށް އަދާކުރެވޭ ކިތައްމެ ވަޒީފާއެއްގައި ބޭރު މީހުން އެބަތިއްބެވެ. އެހެންވެ، އެއީ ވަޒީފާގެ މާހައުލުން ފެންނަ ހިތްހަމަނުޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލާއިރު އެންމެ ހިތްހަމަޖެހޭ ގޮތަކަށް ނޫން ވަޒީފާގެ ބާޒާރުގައި ކަންކަން ފެންނަނީ. އެކިއެކި ދާއިރާތަކުގައި، ދިވެހިންނަށް އަދާކުރެވޭ ކިތަންމެ ގިނަ ވަޒީފާތަކެއްގައި ބޭރު މީހުން އެބަތިބި. އެއްގޮތަކަށް ވެސް ބޭރު މީހުންނާ ނުލައި ކުރިއަށްދާ ވާހަކައެއް ނޫން މި ބުނީ. ގައުމެއް ކުރިއަރައި ދާނީ ވީހާ ވެސް ގިނަ ތަޖުރިބާ ހުރި ބައެެއްގެ ބޭނުން ހިފިގެން، އެއްކޮށް މަސައްކަތްތަކެއް ކޮށްގެން،" ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކޮލެޖުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ މަސައްކަތަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ވަޒީފާތަކަށް ތައްޔާރުވެވި އަދި ވަޒީފާ އަދާކުރުމުގައި ވަގުތަށް ކަމޭ ހިތާ ބަޔަކަށް ހެދިގެން ނޫނީ ބޭނުންވާ ތަރައްގީ ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" ސްކީމްގައި ބައިވެރިވި، އެޗްޑީސީއާއެކު ސޮއިކުރުމަށްފަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ކ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި "ކޯޕަރޭޓް ސްކޮލަޝިޕް" ސްކީމްގައި ބައިވެރިވި، އެޗްޑީސީއާއެކު ސޮއިކުރުމަށްފަހު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް (ކ) އަދި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސައްކަތުގެ ވަގުތުގައި ވަޒީފާ އަށް ވަރަށް ބޮޑަށް އަހައްމިިއްޔަތު ކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ދިވެހިންނަކީ ހިންގުންތެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. ދިވެހިންގެ އަސްލު ހުނަރު ދައްކައި ނެތިގެންދާ ކަންކަން އަލުން އިޔާދަ ކުރަން ޖެހޭ ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގައުމަކަށް ހަމަޖެހުން އަންނަނީ އެކުގައި ކުރެވޭ މަސައްކަތުން ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު ބާކީ ނުވާނެ ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށްޓަކައި މަސައްކަތްތަކެއް ކުރާ ނަމަ އެންމެން އެކައްޗެއް ކިޔައި އެއް މިސްރާބަކަށް ދަތުރު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ބޭނުންވޭ ވަޒީފާގެ މާހައުލުގައި އަޅުގަނޑުމެން އިިތުރު ސަމާލުކަންދީ އެހެން ފަރާތްތަކުން އަޅުގަނޑުމެންނަށް އަދާކުރެވެން ހުރި، ކުރެވެން ހުރި ކަންތައްތަކުގެ މައްޗަށް އަތްގަދަ ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެއްގޮތަކަށް ވެސް ދީގެން ނުވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.