Roadha Mihaaru
ޒުވާނުންނަށްވުރެ ވަޒީފާ އިތުރު ކުރާނަން: ރައީސް ޔާމީން

ޒުވާނުންނަށް ވުރެ ވަޒީފާ އިތުރު ކުރާނަން: ރައީސް ޔާމީން

27 އޯގަސްޓް 2018

ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގެ ޒުވާނުންގެ އަދަދަށް ވުރެ ވަޒީފާގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބު ވެއްޖެ ނަމަ ރާއްޖޭގެ ޒުވާނުންގެ އަދަދަށް ވުރެ ވަޒީފާގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާ ޒުވާނުންތަކެއް ގުޅުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، ރިޔާސީ ދެވަނަ ދައުރަށް ކެމްޕެއިން ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ ބާރުވެރި ކުރުވުން ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންނަށް އަބުރުވެރި، ޒިންމާދާރު ދިރިއުޅުމެއް އުޅެވޭނެ ކަމަށް ވިދާޅުވި އެވެ.

ނުވަދިހަ އަށްހާސް ވަޒީފާ ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން ވަނީ އިތުރު ފަސް އަހަރު ދީފި ނަމަ އިތުރު 70،000 އެއްހާ ވަޒީފާ އުފައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މާލެ ސަރަހައްދުން އަލަށް ދޫކުރާ ފަސް ފަޅެއްގައި ހިންގާ ޕްރޮޖެކްޓްތަކަކުން އެކަނި 30،000 ވަޒީފާ އުފެދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ މަޝްރޫތަކުން ޒުވާނުންނަށްވުރެ ވަޒީފާ އިތުރުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހި ޒުވާނުން ރައީސް ޔާމީންގެ އޮޑިއަށް އަރައިގެން ދަތުރު ކުރަން ޖެހެނީ މި ދަތުރަކީ އުންމީދުން ފުރިފައިވާ ދަތުރަކަށްވީމަ. މިއީ ހުރިހާ ކުދިންނަށް އުފާވެރިކަން ގެނައުމަށް ކުރާ ދަތުރެއް. އަޅުގަނޑުމެން ކުރާ މި ދަތުރަކީ ކުރީގައި އެހެން މީހުންނަށް ނުކުރެވުނު ދަތުރު،" ގިނަ ޒުވާނުންތަކެއް ބައިވެރިވި ހަފްލާގައި ރައީސް ވިދާޅުވި އެވެ.

ޒުވާނުންނާއެކު ރޭ ބޭއްވި ހަފްލާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

ޒުވާނުންނާއެކު ރޭ ބޭއްވި ހަފްލާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ފަރާތްތަކަކީ ރައްޔިތުންނާއި ޒުވާނުންނަށް ކަންކަން ކޮށްދޭން ފުރުސަތު ލިބި އެކަން ނުކޮށް ދެވިވާ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނަށް ލިބިވަޑައިގަތް މުއްދަތުގައި އެކަން ފުރިހަމަ ކޮށްދެއްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ފުދި "މެދު އުޑުގައި ފިޔަޖަހާ" ބަޔަކަށް އެބޭފުޅުން ވާނެ ކަމަށެވެ.

މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދަވަނީ އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުން ނުގެންގުޅެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯއްދަވައިދެއްވައި، ރައްކާތެރި މާހައުލެއް ގާއިމްކޮށްދެއްވީ އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމްގެ އިސްނެންގެވުމުގެ މަތިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ކުދިންނަކީ ވީލްޗެއާގައި ތިބޭ ކުދިންނަށް ވީމައި އެ ކުދިންނަކީ އޯޓިސްޓް ކުދިންނަށް ވާތީ ނުވަތަ އެ ކުދިންނަކީ ކޮންމެވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކުއްޖަކަށްވާތީ ބާކީވެފައި ތިބީ އަޅުގަނޑުމެން މުޖުތަމައުގައި. ރައީސް ޔާމީން ނޫންތޯ މަޝްރޫއެއް ފައްޓަވާފައި އަޅުގަނޑުގެ ސަރުކާރަށް މިކަން މެއިން ސްޓްރީމް ކުރީ ދެވަނަ ބޭފުޅެއް ނޫން. މެޑަމް ކޮށްދެއްވީ،" މެޑަމް ފާތުން ބައިވެރިވެ ވަޑައިގެން ހަފްލާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރާ އެމްޑީޕީގެ ސަރުކާރާ އަޅާ ކިޔުއްވައިފަ އެވެ. އެމްޑީޕީގެ ވެރިކަމެއްގައި ހިންގި ބޮޑު ކޮންމެ މަޝްރޫއަކަށް މި ސަރުކާރުން ހަ މަޝްރޫއު ހިންގާފައިވާ ކަމަށް ރޭ ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެމްޑީޕީ އަށް 18 އަހަރުގެ ތެރޭގައި ގެނެވޭނެ ތަރައްގީ ފަސް އަހަރުގެ ތެރޭ ގެނެސްދެވިއްޖެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ހުވަފެން ދެކެންވާނީ އެއަށްވުރެ ރީތި ދުވަފެން ރައްޔިތުންނާ މެދު ދެކޭ މީހަކާ އެކީ. ހުވަފެން ހަގީގަތަކަށް ހަދައިދީ ކުލަ ޖައްސައި =ދިނުމުގެ ކެޕޭސިޓީ އެކީ ރައްޔިތުން ހިނގައިފި ކަމަށް ވަންޏާ ހުރިހާ ޒުވާނުންނަށް ހުރިހާ ރައްޔިތުންނަށް އެދޭ ހިސާބަށް އަޅުގަނޑުމެނަށް ދެވޭނެ."

އިދިކޮޅު މީހުން ކަންކަން ކޮށްދޭން އެދެނީ ބޭރުގެ މީހުންގެ ފަރާތުން ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް އޮތީ ކޮން ފުރުސަތެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.