Roadha Mihaaru
އީގަލްސް އިން މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި

އީގަލްސް އިން މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި

20 އޮކްޓޯބަރ 2019

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދަ ގްރާންޑޭ އަތުން 4-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދަ ގްރާންޑޭ އަތުން 4-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.

މާޒިޔާ 10 މެޗުން 23 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު އީގަލްސް ދެ ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު މާދަމާ ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މާޒިޔާ އަށް އަލުން ފަސް ޕޮއިންޓަށް ލީޑު ފުޅާކުރެވޭނެ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ހަތަރު ލަނޑު ޖެހުމާ އެކު ދެ ވަނަ ހާފުގައި ތަފާތު ބޮޑުކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު ބަދަލުގައި ފެނިގެން ދިޔައީ ދަ ގްރާންޑޭ އިން ދެ ލަނޑު ޖަހައި އީގަލްސް ހާސްކޮށްލިތަނެވެ.

އީގަލްސް އަށް މެޗުގެ ދެ ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައިދިނީ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެވެ. އޭގެ ފަހުން ރިޒޭ ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އެވެ. މިދިޔަ އަހަރު ހެޓްރިކް ހެދުމުން ދުނިޔޭގެ ރެކޯޑާ އެއްވަރުކުރި ރިޒޭގެ ފުރަތަމަ ގޯލް ފަސް ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ލަނޑު ވައްދަލީ 15 ވަނަ މިނެޓުގަ އެވެ. އޭނާ ތިން ވަނަ ގޯލް 27 ވަނަ މިނެޓުގައި ޖެހިއިރު، އޭގެ ފަހުން ތަފާތު ބޮޑުކޮށްލަން އީގަލްސް އަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަލީ ފާސިރު (ސެންޓޭ) ޖެހި ޕެނަލްޓީ އަމާޒުވީ ދަނޑި އަށެވެ.

ދެ ވަނަ ހާފުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި އަހުމަދު ނިޒާމް ކާމިޔާބުކުރިއިރު ދެ ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހުނީމާ ފެނުނީ ކުޅުންތެރިން ފަސޭހަކޮށްލިތަން ކަމަށާއި އެހިސާބުން ފަރުވާކުޑަކުރެވެނީ ކަމަށެވެ.

"މިއީ ރިލެކްސް ނުކޮށް ވެސް ކުޅެން އެނގޭ ކުޅުންތެރިން. މުހިއްމު މެޗުތަކުގައި އެބަހުރި ވަރަށް ހިތްވަރުކޮށްފައި. އެކަމަކު ބޮޑު ތަފާތެއް އައީމާ ކުރީ މެޗުތަކުގައި އެބަހުރި ފަހު ވަގުތު ޕޮއިންޓް ވެސް ގެއްލިފައި. ކުޅުންތެރިންގެ އެޓިޓިއުޑް އެބަޖެހޭ ބަދަލުވާން. މެޗުގައި 3-0 ވެލީމާ ވެސް ހިތްހަމަޖައްސާނުލާ ބޮޑު ސްކޯއަކަށް ދާން އެ ވިސްނުމުގައި ކުޅެން ޖެހޭ،" މޯހަން ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މުޅި މެޗު ފަށައިގެން ކައިރީކައިރީގައި ލަނޑުތަކެއް ވަނުމުން ކުޅުންތެރިންގެ މޯރަލް ދަށްވީ ކަމަށާއި އެކަމުން އަރައިނުގަނެވިކޮށް އިތުރު ލަނޑުތަކެއް ވަނުމުން އަލުން މެޗުގެ ތެރެއަށް އަންނަން އުނދަގޫވި ކަމަށެވެ.

"އެކަމަކު ދެ ވަނަ ހާފުގައި އެކަން ރަނގަޅުކޮށްގެން ދެ ލަނޑު ޖެހުނު. އެހެންވިޔަސް ހަތަރު ލަނޑުގެ ލީޑެއް އަނބުރާލަން ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވި ދިޔައީ،" އިންމަ ބުންޏެވެ.