Roadha Mihaaru
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން

އެންމެ ފަހުން ހަ ޓީމާ އެކު ތިން ވަނަ ބުރުން ކުޅެން ނިންމައިފި

09 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭނީ ފުރަތަމަ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމުގެ މެދުގައި ކަމަށް ގަވާއިދުގައި ބުނި ނަމަވެސް އެންމެ ހަ ޓީމު ބައިވެރިކޮށްގެން ތިން ވަނަ ބުރު ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުޅޭނީ ފުރަތަމަ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމުގެ މެދުގައި ކަމަށް ގަވާއިދުގައި ބުނި ނަމަވެސް އެންމެ ހަ ޓީމު ބައިވެރިކޮށްގެން ތިން ވަނަ ބުރު ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ އާދިއްތަ ދުވަހު އީގަލްސް އާއި ޓީސީ ބައްދަލުކުރާ މެޗު އެކަންޏެވެ. ލީގުގެ ތިން ވަނަ ބުރު ނުކުޅެން ބައެއް ޓީމުތަކުން ބޭނުންވެ އެވެ. އެއީ މާލީ މައްސަލަތައް ދިމާވުމުގެ ސަބަބުން މުސާރަ ނުދެވޭނެތީ ކުޅުންތެރިން ހިފެހެއްޓޭނެ ގޮތެއް ނެތުމުންނެވެ.

އެއާ އެކު ތިން ވަނަ ބުރު ހަ ޓީމާ އެކު ކުޅޭ ގޮތަށް އެފްއޭއެމުން މިއަދު ނިންމީ ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. ގަދަ ހަޔެއްގެ ތެރޭގައި ހިމެނިގެން ތިން ވަނަ ބުރުގައި ވާދަކުރާނީ މާޒިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. މި ނިންމުމާ އެކު ހަތް ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި އަށް ވަނަ އަށް ދިޔަ ނިލަންދޫ ފުޓްބޯޅަ ޓީމަށް ވަނީ ލީގު ނިމިފަ އެވެ.

އެފްއޭއެމުން މިއަދު ކްލަބްތަކާ ހިއްސާކޮށްފައިވާ ތިން ވަނަ ބުރުގެ ޝެޑިއުލުގައިވާގޮތުން ތިން ވަނަ ބުރު ފަށާނީ އަންނަ އަންގާރަ ދުވަހު ހަވީރު ފޯކައިދޫ އާއި މާޒިޔާ ކުޅޭ މެޗުންނެވެ. އެރޭ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ އެވެ.

ލީގުގެ ދެ ވަނަ ބުރު ގިނަ ކްލަބްތަކަށް ނިމުނުއިރު ވެސް ތިން ވަނަ ބުރާ ބެހޭގޮތުން ގޮތެއް ނުނިންމި އޮތުމުން ގިނަ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ތިން ވަނަ ބުރު ކުޅޭތޯ ނޫނީ ކުޅެފިނަމަ ކުޅޭނެ އަދަދެއް ނޭގުމުން ކުޅުންތެރިންނާ މެދު ކަންތައްތައް ކުރާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ތިން ވަނަ ބުރުގައި ކުޅުމުގެ ފުރުސަތު ނުލިބޭނަމަ ޕްރެކްޓިސްތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެހެން ޓީމުތަކަށް ލޯން އުސޫލުން ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިން ދޫކުރުމަކީ ވެސް އޮތް ގޮތެއް ކަމަށް އޭނާ އޭރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އޭނާ ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ގަވާއިދުގައި އޮތް ގޮތަށް ތިން ވަނަ ބުރުގައި އަށް ޓީމު ކުޅުވުން ކަމަށާއި ކުއްލިއަކަށް ބައްދަލުވުމެއް ބާއްވާފައި ކަންތައްތައް ބަދަލުކޮށްފިނަމަ އެއީ ފުޓްބޯޅަ އަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް މީގެ ކުރިން ބުނީ އަވަހަށް ސީޒަން ނިންމާލަން ބަލާއިރު އެންމެ މުހިއްމީ އަަންނަ ސީޒަނަށް ވެސް ޕްލޭނެއް އޮވެގެން އެކަން ކުރުން ކަމަށާއި ޕްލޭނެއް ނެތި ބަދަލުތަކެއް ގެނެސްގެން މީގެން ނަތީޖާއެއް ނެރެން އުނދަގޫވާނެ ކަމަށެވެ. އަދި އަންނަ ސީޒަނަށް ވަގުތު ދީގެން ނިންމާލެވޭ ކަމަށްވާނަމަ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ދޫކޮށްލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިދިޔަ އަހަރު ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު ލީގު ޖޫން މަހު ފަށައި އެންމެ ފުރަތަމަ ލީގު ކުޅުނީ ނުވަ ޓީމުގެ މެދުގަ އެވެ. މާލީ މައްސަލަތަކާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރުމުން ލީގުގައި ފަހުން ވާދަކުރީ އަށް ޓީމެވެ. ވިކްޓްރީ ނުކުޅެ އޮތް މެޗުތަކުގައި އިދިކޮޅު ޓީމަށް ޕޮއިންޓް ދިނީ އެވެ.

ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި 30 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު، ތިން ވަނައިގައި އޮތީ 28 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން ޓީސީ އެވެ.