Roadha Mihaaru
ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރާނަން: ބީއެމްއެލް

ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާ ކުރާނަން: ބީއެމްއެލް

21 އޮކްޓޯބަރ 2019

ބީީއެމްއެލުން ޑިޖިޓަލްކޮށް ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީީއެމްއެލުން ޑިޖިޓަލްކޮށް ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ބޭންކަށް މި އަހަރުގެ މިހާތަނަށް ލިބިފައިވާ ކުރިއެރުން ނޫސްވެރިންނާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގައި ޓިމް ވިދާޅުވީ ބީއެމްއެލްއަކީ ޓެކްނޮލޮޖީގެ ގޮތުން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ބޭންކު ކަމަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތްތައް ހޯދުމުގައި އެ ބޭންކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން ވަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މާސްޓަ ކާޑާއި ބިޒްނަސް ޑެބިޓް ކާޑުގެ އިތުރުން ފައިސާގެ މުއާމަލާތްކުރާ އޮންލައިން ޕޯޓަލް "އެމްޕޮސް" ވެސް ރާއްޖެ އަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން ވެސް އިތުރު ހިދުމަތްތައް ކުރިއަށް އޮތްތާނގައި ޑިޖިޓަލް ކުރާނެ ކަމަށް ޓިމް ވިދާޅުވި އެވެ.

"ބޭންކެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިދަނީ ހިދުމަތްތައް ޑިޖިޓަލް ކުރަމުން. މިގޮތުން، ސެލްފް ސާވިސް ހިދުމަތާއި، ޕޭމަންޓް ގޭޓްވޭތައް މެދުވެރިކޮށް އީކޮމާސްގެ ހިދުމަތްތަކާއި، މޯބައިލް ވޮލެޓް ހިދުމަތާއި، އިންޓަނޭޝަނަލް މަނީ ޓްރާންސްފާ އާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން ދޭ ހިދުމަތްތައް މިދަނީ ފުޅާ ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލްކޮށް ދެވޭނެ ހުރިހާ ހިދުމަތެއް އިތުރަށް ފުޅާ ކުރުން،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ އެ ބޭންކުން ހިދުމަތްތައް ޑިޖިޓަލްކޮށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަނީ ބޭންކިން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކާ އެއްގޮތައް ބޭންކިންގެ ހިދުމަތްތައް ބައްޓަން ކުރުމަށް ކަމަށެވެ.

"ޒަމާނީ ޓެކްނޮލޮޖީއާ އެކު މިއަދު އަޅުގަނޑާއި ތިޔަބޭފުޅުން ބެންކިން ހިދުމަތް ހޯދާ ގޮތްތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފައި. އެހެންކަމުން ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް މިހާރަށްވުރެ ލުއި ގޮތްތައް ބަލައި އެ ފުރުސަތުތައް ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލުން މިހާތަނަށް ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ ކުންފުނީގެ ބްރާންޗެއް ގާއިމްކޮށްފަ އެވެ. އަދި ބޭންކުގެ ސާވިސް ސެންޓަރުތައް ނުހުންނަ ރަށްތަކުގައި ޖުމްލަ 277 އޭޖެންޓުން ތިބެ އެވެ. މީގެ އިތުރުން އެބޭންކުން އަންނަނީ މި އަހަރުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ޕީއޯއެސް ވެސް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.