Roadha Mihaaru
ރާއްޖެއަށް އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑްސް

ރާއްޖެއަށް އަނެއްކާވެސް އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑު

23 އޮކްޓޯބަރ 2019

އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑް ފަސް ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑް ފަސް ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

މިދިއަ ހޯމަދުވަހު ދުބާއީގެ އަރުމާނީ ހޮޓަލުގައި ބޭއްވި ވޯލްޑް ސްޕާ އެވޯޑު ހަފްލާގައި މި އެވޯޑާ ހަވަލުވީ ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒެވެ.

މި އެވޯޑަށް އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖެއާ ވާދަކުރީ މޮރިޝަސް އާއި މަޑަގަސްކަރަ އަދި ސީޝެލްސް އެވެ.

އެމްއެމްޕީއާރުސީން ބުނީ މިއީ ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތްތަކުގެ ތެރެއަށް އިތުރުވި ކާމިޔާބީއެއް ކަމަށެވެ. މި އެވޯޑުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރަށް ވުރެ ބޮޑަށް އިސްތިހާރުވެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ވޯލްޑް ސްޕާ އެވޯޑްސް ތައާރަފުކުރީ 2015 ގަ އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އިންޑިއާ ކަނޑުގެ ލީޑިން ސްޕާ އެވޯޑު ލިވެނީ ރާއްޖެއަށެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ވަރަށް މަތީ ފެންވަރަށް ސްޕާގެ ހިދުމަތް ފޯރުކޮށްދެ އެވެ. އަދި ބައެއް ރިސޯޓްތަކުގެ ސްޕާތައް ހަދާފައި ހުންނަނީ ވެސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްދަމައިގަންނަ ފަދަ ހިތްގައިމު ޑިޒައިންތަކަށެވެ.