Roadha Mihaaru
އިންކަމް ޓެކްސް މިވަގުތު ނެގުމުގެ ބޭނުމެއް ނެތް:ސިޔާމް

އިންކަމް ޓެކްސް މިވަގުތު ނެގުމުގެ ބޭނުމެއް ނެތް: ސިޔާމް

30 އޮކްޓޯބަރ 2019

ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ނަގަމުން އަންނަ އިރު، އިންކަމް ޓެކްސް މި ވަގުތު ނެގުމުގެ ބޭނުމެއް ނެތް ކަމަށާއި އިތުރަށް ޓެކްސް ނަގާ ނަމަ އެ ނަގާ ބޭނުން ބުނެދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ނަގަމުން އަންނަ އިރު، އިންކަމް ޓެކްސް މި ވަގުތު ނެގުމުގެ ބޭނުމެއް ނެތް ކަމަށާއި އިތުރަށް ޓެކްސް ނަގާ ނަމަ އެ ނަގާ ބޭނުން ބުނެދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވައި ސިޔާމް ވިދާޅުވީ އިންކަމް ޓެކްސް ނަގާ ސަބަބު ސަރުކާރުން ހާމަނުކޮށްދީ ހިތަށް އަރާ ވަރަކަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ ރައްޔިތުންގެ އަތުން ފޭރުން ކަމަށެވެ. ސިޔާމް ވިދާޅުވި ގޮތުގައި އިންކަމް ޓެކްސް ނެގުމަށް ވުރެ މުދަލު ޒަކާތުން ޓެކްސް ނެގިއްޔާ މާ ރަނގަޅު ވާނެ އެވެ.

"ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ރައްޔިތުންގެ އަތުން ވަރަށް ބައިވަރު ފައިސާ. މިއުޅެނީ ކީއްކުރަންތޯ؟ ބުނެބަލަ މި ކުރަން އުޅޭ ކަމެއް؟ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ޓެކުހެއް ނަގާ ނަމަ، އެ ޓެކުހުން ކުރަނީ ކޮން ކަމެއް ކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭ. ރައްޔިތުންނަށް ބުނެދޭން ޖެހޭ. މިއިން އެއްވެސް ކަމެއް ނެތި ހިތަށް އަރާ ވަރަކަށް ރައްޔިތުންގެ މުދަލުން ޓެކްސް ނެގުމަކީ ފޭރިގަތުމެއް،" މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރުކަން ކުރައްވާ ސިޔާމް ކޯފާ އިސްކުރައްވާ ވިދާޅުވި އެވެ.

"މޮޔަފުޅުވެގެންތޯ މިއުޅެނީ؟ ހިތަށް އެރީމަ ޓެކްސް ނަގައިގެން މީހުންގެ ވިޔަފާރިތައް ހަލާކުކޮށްލައި ރައްޔިތުންގެ ހައްގުތައް ނުދީ، އެ ނަގާ ޓެކްސްތައް ވެރިކަމުގައި ތިބޭ އެންމެހައި މީހުން ކާލައި ހަރާމް ގޮތުގައި ބަނޑަށްލައި އަލިފާން ކަމުން ދަނީ، އެ މީހުންގެ އަނބިންނާއި ދަރިން އެ ދަނީ ނަރަކައަށް ލަމުން."

ސިޔާމް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެހެން ދިމާވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާތީ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއްގައި ފެންނަނީ ރައްޔިތުންގެ ބޮލުގައި ތެތް ފޮށާ އަޅުވާފައި ރައްޔިތުންނަށް ކަންކަން ކޮށްދޭނަމޭ ވައްކަމާއި ހިޔާނާތުގައި ބައިވެރިއެއް ނުވާނަމޭ. މިހެން ކިއާފައި އައިސް ކޮންމެ ސަރުކާރަކުން ފައިސާ ކޮޅު ނަހަމަ ގޮތުގައި ކާލަނީ،" ސިޔާމް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިވެރިން ގަދަ އަޅާ މަސައްކަތްކޮށް، ޓެކްސް ދައްކަނީ ދިވެހިންގެ އާމްދަނީ އާއި އާންމު ދިރިއުޅުން ތަރައްގީ ކުރުމަށާއި ތައުލީމާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ކަމަށާއި އެކަމަކު ފެންނަނީ ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެން ހުރިހާ އެއްޗެއް އެ ބޭފުޅެއްގެ މުދަލަށް ހަދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ އިން ޓެކްސް ނަގާ ގައުމެވެ. އެކަމަކު، ރާއްޖޭގައި ބޮލަކަށް 9000 ޑޮލަރު ވެސް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ސިންގަޕޫރަށް 35 މިިލިއަން ޓޫރިސްޓުން ދާ އިރު، އެ ތަނުގައި މީހެއްގެ ބޮލަކަށް 70،000 ޑޮލަރު ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ދައުލަތް ހިންގާ މީހުންނަށް އެނގެން ޖެހޭނެ ޓެކްސް މިވަގުތު ނަގައިފިއްޔާ ވާނީ ކިހިނެއް ކަން. އަޅުގަނޑު މިއީ ރާއްޖޭގައި އެންމެ ގިނަ އިން ޓެކްސް ދައްކާ މީހާ. އަހަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ދިވެހި ރައްޔިތުންނަށް ދައްކަން. ދައްކަނީ ބުރަ މަސައްކަތުން. ވިޔަފާރިވެރިން މި ފައިސާ ދައްކަނީ ހައްގުވެރިންނަށް ހައްގު ލިބިދިނުމަށް،" ސިޔާމް ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވައި އެމްޑީޕީ މެމްބަރުން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް އިންކަމް ޓެކްސް ދައްކަން ޖެހޭނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަތުން ކަމަށެވެ.