Roadha Mihaaru
ރިސޯޓު ވިއްކާލާއިރު ޓެކުހެއް ނަގަންޖެހޭ: އަލީ ހުސެއިން

ރިސޯޓާ ގުޅޭ ހައްގުތައް ބަދަލުކުރާ އިރު ޓެކްސް ނަގަން ޖެހޭ: އަލީ ހުސެއިން

30 އޮކްޓޯބަރ 2019

ރިސޯޓުގެ ލީޒް ހޯލްޑިން ރައިޓްސް ވިއްކާލާ އިރު ނުވަތަ ރިސޯޓާ ގުޅިފައިވާ އެންމެހައި ހައްގުތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރާ އިރު ޓެކުހެއް ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިސޯޓުގެ ލީޒް ހޯލްޑިން ރައިޓްސް ވިއްކާލާ އިރު ނުވަތަ ރިސޯޓާ ގުޅިފައިވާ އެންމެހައި ހައްގުތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރާ އިރު ޓެކުހެއް ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އިންކަމް ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓާއި ގެ ގަންނަ ނަމަ، ޓެކްސް އާއި ޖީއެސްޓީ ދައްކަން ޖެހޭ ކަމަށެވެ. އަދި ބައެއް ފަހަރު ބިމަށްވާ 15 ޕަސަންޓު ފައިސާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބޮޑެތި ރިސޯޓުތަކުގެ ލީސް ހޯލްޑިން ރައިޓްސް، އެތައް އަހަރަކަށް ކުއްޔަށް ދޫކޮށްލާ އިރު، ކޮންމެވެސް ވަރެއްގެ ޓެކުހެއް ނަގަން ޖެހޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ. އަލީ ގަބޫލު ކުރައްވާ ގޮތުގައި އެތައް އަހަރަށް ރިސޯޓު ކުއްޔަށް ދޫކުރުމަކީ ވެސް ހިންގާ ވިޔަފާރީގެ މުއާމާލަތެކެވެ.

"ދިވެހި ރައްޔިތުން ފްލެޓެއް ގަންނަ އިރުގައި ހަ ޕަސަންޓު، 15 ޕަސަންޓު ޓެކްސް ގޮތުގައި ދައްކާ ކަމަށްވާ ނަމަ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ލީޒް ހޯލްޑިން ރައިޓްސް ވިއްކާލާ އިރު، ރިސޯޓާ ގުޅިފައިވާ އެންމެހައި ހައްގުތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލު ކުރާ އިރުގައި ޓެކުހެއް ނަގަން ޖެހޭ،" ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޓެކުހެއް ނަގާ ނަމަ، ދައުލަތަށް އާމްދަނީ އިތުރު ވާނެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ނަގާ ޓެކްސްތަކަށް ބަލާ އިރު، އިންކަމް ޓެކުހަކީ އެންމެ އިންސާފުވެރިކަމާ އެކީގައި ނަގާ ޓެކްސް ކަމަށް ހުރިހާ އެންމެން ބަލައިގަންނަ ކަމަށް އަލީ ވިދާޅުވި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އިރު، ބިލްގައި ވާ ގޮތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވައި އެމްޑީޕީ މެމްބަރުން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް އިންކަމް ޓެކްސް ދައްކަން ޖެހޭނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަތުން ކަމަށެވެ.

އިންކަމް ޓެކްސްގެ އުސޫލުތައް ހިނގާ ގޮތަށް ބަލާ އިރު، އެންމެ މަދުން އާމްދަނީ ލިބޭ މީހުން އެއްވެސް މިންވަރަކަށް އެ ޓެކްސް ނުދައްކާނެ އެވެ. އަލީ ވިދާޅުވީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަތުން އިންކަމް ޓެކްސް ނަގާ ނަމަ، ދިވެހިންނަށް ފައިދާ ވާނެ ކަމަށެވެ.

"އެހެންވީމަ އާންމު ރައްޔިތުންނަށް މީގެ ސަބަބުން އެކިއެކި ފަސޭހަތަކާއި މަންފާތައް އެ މީހުންނަށް ލިބޭ ހިދުމަތްތަކާއި އެމީހުންނަށް އެކިއެކި ވަސީލަތްތަކުގެ ޒަރިއްޔާ އިން ލިބޭ މަންފާތައް އިތުރު ކުރުމަށް ފަސޭހަ ވެގެން ދާނެ،" ޖޭޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންކަމް ޓެކްސް ނަގާ އިރު، އެއް މިލިއަނާއި ދެ މިލިއަނުން އާމްދަނީ ލިބޭ މީހުންގެ އަތުން ވަރަށް ބޮޑުކޮށް ޓެކްސް ނަގާ ކަމަށެވެ.

ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާ އިރު، ބިލްގައި މިހާރު ހުރި އަދަދުތަކަކީ އެންމެ ރަނގަޅު އަދަދުތަކެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކުހަކީ އިންކަމް ޓެކްސްގެ ގޮތްޕެކެވެ. ދުނިޔޭގައި އަމަލު ކުރާ އުސޫލަށް ބަލާ އިރު، އިންކަމް ޓެކްސް ނަގާ ކަމަށްވާ ނަމަ، ވިޔަފާރީގެ ފައިދާ އިން ޓެކުހެއް ނުނަގާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އެހެންވެ، ބިލް ޑްރާފްޓްކޮށްފައި އޮތް ގޮތުން އިންކަމް ޓެކުހާއި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް އެކުވެގެން ދާނެ ކަމަށް އަލީ ވިދާޅުވި އެވެ. އެހެންވީމަ ބިލް ގާނޫނަކަށް ވުމުން ވިޔަފާރީގެ ފައިދާ އިންނޭ ކިއާފައި ވަކިން ޓެކްސް އެއް ނަގަން ނުވަތަ ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.