Roadha Mihaaru
ކަންކަން ދާގޮތުން އިންސާފުވެރި ޝަރީއަތް ނުލިބޭނެ:ޖަމީލް

ޖޭއެސްސީގެ އަމަލުތައް ހުރި ގޮތުން އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ: ޖަމީލް

05 ނޮވެމްބަރ 2019

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަމަލުތައް މިހާރު ހުރިގޮތުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަމަލުތައް މިހާރު ހުރިގޮތުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިއަދު އިއްވަން ހަމަޖައްސާފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ޖަމީލް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭ އިންސާފުވެރި ޝަރީއަތެއްގެ ހައްގު ޔާމީނަށް ވެސް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ވާދަވެރި ބޭފުޅުންތަކެއް ޖޭއެސްސީގައި ތިއްބަވައިގެން އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރާ މެދު ފިޔަވަޅު އެޅުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ އެކަމަށް އެންމެ ބޮޑަށް ކުރިން ފާޑު ވިދާޅުވި ސިޔާސީ ބޭފުޅުން މިހާރު ޖޭއެސްސީގައި ތިއްބަވައިގެން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާ ނަމަ އިންސާފު ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވާދަވެރިން ތަހުގީގު ކުރާ، ރައީސް ޔާމީންގެ ވާދަވެރިން ހުކުމް ނެރޭ ޖޭއެސްސީއެއް މިއަދު މި އޮތީ. ކިހިނެތްތޯ މި މާހައުލުގެ ތެރޭގައި އަމިއްލައަށް ޖަޖް ޖޫރީ ލޯޔާ ކަން ކޮށްގެން އިންސާފު ލިބޭނީ. އެ މާހައުލު މިއަދު ހަގީގަތުގައި ޖޭއެސްސީގެ ތެރޭގައި މި އޮތީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޖޭއެސްސީގައި މިހާރު ތިއްބެވި ބޭފުޅުންގެ ބޭނުމަކީ މުޅި ޝަރުއީ ދާއިރާގެ ކޮންޓްރޯލް އަތުލުން ކަމަށާއި ގާނޫނުތައް ބަދަލުކުރީ ވެސް އެ ބޭނުމުގައި ކަމަށެވެ. ޖޭއެސްސީއަކީ ވެސް ގާނޫނު އަސާސީ އާއި ގާނޫނުގެ ދަށުން މަސައްކަތް ކުރަންޖެހޭ މުއައްސަސާއަކަށް ވާއިރު މިހާރު ފެނިގެންދަނީ ގާނޫނު އަސާސީއަށް ވުރެ މަތީގައި އެ ކޮމިޝަނުން ކޯޓުތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެޅުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ ބެހޭގޮތުން ތުހުމަތު ކުރެވެނީ ޖިނާއީ އަމަލެއް ހިންގަވައިފި ކަމަށް. އެ މެމްބަރެއްގެ ޝަކުވާ ސުޕްރީމް ކޯޓަށް ދަނީ ޝަރުތު ކަނޑައަޅަން. އެ މެމްބަރު މި އިންނަވަނީ ޖޭއެސްސީ ތެރޭގައި. ދެން މައްސަލަ ބަލަން ފަށާ އިރަށް ސުޕްރީމް ކޯޓާއި ދެން ހުރި ކޯޓުތަކަށް ފިޔަވަޅު އަޅާ ނިޒާމު އޮތްހާ ހިނދަކު ކިހިނެތްތޯ ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރު ކުރާނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ މައްސަލާގައި ދިފާއީ ވަކީލުން ހުށަހަޅަން ބޭނުންވާ ދިފާއުތައް ހުށަހަޅައި، އެތައް ބައެއްގެ ކުރިމަތީގައި ދިފާއު ސާބިތުކޮށް ދެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ވަކީލުންގެ ކަންބޮޑުވުން އޮތީ ވަކި ގޮތަކަށް ހުކުމް އައިސްދާނެތީ ނޫން ކަމަށެވެ. މިހާރު ސިޔާސީ ބޭފުޅުންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މައްސަލަތައް އަވަސް އަރުވާލައިގެން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފާނެ ކަމުގެ ބިރު ފަނޑިޔާރުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބައްލަވާ ކޮންމެ ބޭފުޅަކު ހީކުރާނީ މާދަމާ ތިމަންނަ ހުކުމް ކުރަން ގަލަން ނަގައި، ސޮއިކުރާ ވަގުތަކީ އަނެއްކޮޅުން އޯޑަރެއް އައިސްގެން ސަސްޕެންޝަން އަންނާނެ ވަގުތެކޭ ދެއްތޯ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކާއި އެހެން ކޯޓުތަކުގެ ވެސް ހުރިހާ ކަމެއް ވެސް ޖޭއެސްސީގެ ދަށަށް ގެންގޮސް މިހާރު އޮތީ ޖަސްޓިސް މިނިސްޓްރީގެ ޒަމާނަށް ވުރެ ވެސް ގޯސްކޮށެވެ. އަދި ޝަރީއަތް ކުރާ ފަނޑިޔާރުގެ އަތުގައި އެ ޝަރީއަތުގެ މަޖިލީހުގެ ކޮންޓްރޯލް ނެތުމަކީ ދުނިޔޭގެ ކޮން ގައުމެއްގައި އަމަލު ކުރާ ގޮތެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ކުރީގެ ޖަސްޓިސް މިނިސްޓްރީ އޮވެގެން ކަމު ނުގޮސްގެން ވާހަކަ ދެއްކި ބޭފުޅުން މިހާރު ޖޭއެސްސީއަކީ ގާތްގަނޑަކަށް ހައެއްކަ އަށެއްކަ ޖަސްޓިސް މިނިސްޓަރުން އެ ތިއްބެވީ އެތާނގައި. އެކަކު މަދުވި ތާނގައި ހައެއްކަ އަށެއްކަ މީހުން ތިބެގެން އެތަނަށް މުޅި ރާއްޖޭގައި ކޯޓުތަކުގެ ހިންގުން މި ނެގީ،" ކުރިން ޖަސްޓިސް މިނިސްޓަރު ކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މަޖިލީހުގެ ތެރެއިން ބާރު ދީގެން ޖޭއެސްސީ އޮތީ މުޅި ޝަރުއީ ނިޒާމު ކަމަށް ސިފަވާ ގޮތަށް ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަމަށެވެ. ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންތަކަކާ މެދު ހިތްހަމަނުޖެހުމަކީ މުޅި ކޯޓުތަކާއި ގާނޫނުތަކުގެ ބާރު ކަނޑުވާލަން ޖެހޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.