Roadha Mihaaru
އަންނަ އަހަރުގެ ބަޖެޓުން އުންމީދު އާވެއްޖެ: ޖަނާ

އަންނަ އަހަރުގެ ބަޖެޓުން އުއްމީދު އާވެއްޖެ: ޖަނާ

06 ނޮވެމްބަރ 2019

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ކޮންސްޓްރަކްޝަން ދާއިރާގެ އުއްމީދުތައް އާވެއްޖެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ކޮންސްޓްރަކްޝަން ދާއިރާގެ އުއްމީދުތައް އާވެއްޖެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަނާ ވިދާޅުވީ، އަންނަ އަހަރަކީ އިމާރާތް ކުރުމުގެ ދާއިރާ އަށް އުއްމީދީ އަހަރެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި އިމާރާތް ކުރުމުގެ ދާއިރާ އަށް ސަރުކާރުން ކަނޑައެޅީ މަސީން ލަފާކުރި ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ކުރި ދިރާސާތަކުން ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ސަސްޓެއިން ކުރުމަށް ބޭނުންވަނީ ގާތްގަނޑަކަށް ދެ ތިން ބިލިއަން ރުފިޔާ. އެހެން ނަމަވެސް 14 ބިލިއަން ރުފޔާ އިން ބަޖެޓުގައި ޖެއްސެވީމަ އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަށް ވުރެ މާ މައްޗަށް އެ ދިޔައީ،" ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިމާރާތް ކުރުމުގެ ދާއިރާ އިން އުއްމީދު ކުރި ވަރަށް ވުރެ ބޮޑު ބަޖެޓެއް ސަރުކާރުން ހުށަހެޅުމުން ދޭހަވަނީ އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހަދާފައިވާ ޕްލޭންގެ ފުރިހަމަ ކަމެވެ. އަދި އެ ޕްލޭނަށް، އިމާރާތް ކުރުމުގެ ދާއިރާ ތައްޔާރު ވަމުން އަންނަ ކަމަށް ޖަނާ ވިދާޅުވި އެވެ.

"ވަަރަށް އެމްބިޝަސް ޕްލޭނެއް މިއީ. އަޅުގަނޑު ނުދަންނަވަން ހުރިހާ ކޮންޓްރެކްޓަރުން އެކަމަށް ތައްޔާރު ކަމަކަށް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ބަޖެޓުން އެ ދައްކާ އަދަދުތަކަށް ތައްޔާރުވާން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންސްޓްރަކްޝަން ދާއިރާ ވަނީ މަޑުޖެހިލައިފަ އެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބޮޑެތި ޕްރޮޖެކްޓުތައް ނިމުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ސަރުޚާރުން ބުނެ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން އެ ދާއިރާ އަނެއްކާ ވެސް ކުރިއަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮންސްޓަރަކްޝަން ދާއިރާގެ އުފެއްދުންތެރިކަމުގެ އިތުރުން އެ ދާއިރާގެ އިމްޕޯޓު ވެސް ވަނީ މި އަހަރު 20.1 ޕަސެންޓް ދަށްވެފަ އެވެ. މިއީ ވެސް ޕްރޮކެޓުތައް ނިމިފައިވުމާ ގުޅިގެން އައި ބަދަލެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.