Roadha Mihaaru
ރޯދަ "ދޫކޮށްލި" ފުލުހަކަށް ވަޒީފާ އަނބުރާ ނުލިބުނު

ރޯދަ މަހު ރޯދަ "ދޫކޮށްލި" ފުލުހަކަށް ވަޒީފާ އަނބުރާ ނުލިބުނު

27 ސެޕްޓެމްބަރ 2016

ރޯދަ މަހު ދުވާލު ފެންބޮއެ، ރޯދަ ދޫކޮށްލި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރޯދަ މަހު ދުވާލު ފެންބޮއެ، ރޯދަ ދޫކޮށްލި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮޮށްފި އެވެ.

ރ. މަޑުއްވަރީއަށް ނިސްބަތްވާ މި ފުލުސް މީހާ 2009 ގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޭނާ އެ އަހަރުގެ ރޯދަ މަހުގެ ދުވަހެއްގެ ދުވާލު ވަގުތު ފެންބޮއެ، ރޯދަ ދޫކޮށްލާފައިވާތީ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާކޮށް، އޭނާ ހަ މަހަށް އަރުވާލަން ޖިނާއީ ކޯޓުން ހުކުމް ކުރިޔަސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

އެ މީހާ އަރުވާލަން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވާތީ އޭނާގެ ފަރާތުން ދައުވާކުރީ ފުލުހުންގެ ވަޒީފާ އަނބުރާ ހޯދުމަށާއި އެހާތަނަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ ވަޒީފާ އަނބުރާ ދިނުމަށާއި މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ ކުށް ސާބިތުވާ މިންގަނޑާއި މަދަނީ ކަންކަން ސާބިތުކުރާ މިންގަނޑު ތަފާތުވާނެ ކަމަށާއި ޖިނާއީ ކުށެއް ސާބިތުނުވެ އޮތުމަކީ މަދަނީ މިންގަނޑުން މީހަކާ މެދު އިދާރީ ފިޔަވަޅެއް އެޅުން މަނާކުރާ ސަބަބެއް ނޫން ކަމަށެވެ. އަދި ޖިނާއީ ދައުވާ ސާބިތު ނުވިޔަސް ގާނޫނާ ޚިލާފް އަމަލެއް ކޮށްފި ކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ހާލަތުގައި އެ ފުލުހަކާ މެދު މެދު އިދާރީ ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.