Roadha Mihaaru
ވަކިކުރި ދެ ފުލުހަކަށް ވަޒީފާދޭން އަމުރުކޮށްފި

ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ މީހަކަށް މާލީ ބޮޑު ބަދަލާއެކު ވަޒީފާ ދޭން އަމުރުކޮށްފި

04 އެޕްރީލް 2019

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު އާސިމް އަދި އަބްދުﷲ ރިޔާޒަށް މާލީ ބޮޑު ބަދަލާއެކު ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު އާސިމް އަދި އަބްދުﷲ ރިޔާޒަށް މާލީ ބޮޑު ބަދަލާއެކު ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިގޮތަށް މައްސަލަ ނިންމީ ޝަރީއަތާ ހިސާބަށް ނުގޮސް، ޑިސްޕިއުޓު މަރުހަލައިގަ އެވެ. މި މަރުހަލާގައި ކޯޓުން ހުކުމް ކުރާނީ ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން އެއްބަސްވާ ގޮތެއްގެ މައްޗަށެވެ.

ސާޖަންޓުގެ ރޭންކުގައި ތިބި އާސިމް އަދި ރިޔާޒަކީ އެންމެ މަތީ ކޯޓުގެ އަމުރަށް ފަހު ހައްޔަރުކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އަށް މީހުންގެ ތެރެއިން ދެ މީހެކެވެ. އެމީހުން މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް އޭރު ދައުވާ އުފުލި އެވެ. ނަމަވެސް މިިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ އެ ދައުވާތައް ވެސް އަނބުރާ ގެންގޮސްފަ އެވެ.

ވަޒީފާ އަނބުރާ ހޯދުމަށް މިިދިޔަ ޖެނުއަރީ މަހު ކޯޓަށް ހުށަހަޅާފައި ވަނީ ހަ މީހެއްގެ މައްސަލަ އެވެ. ނަމަވެސް ކޯޓުން މިހާތަނަށް ނިންމާފައިވަނީ މި ދެ މީހުންގެ މައްސަލަ އެކަންޏެވެ.

ވަޒީފާއާ އެކު ދޭން އާސިމަށް 189،000ރ. އަދި ރިޔާޒަށް 199،000ރ. ބަދަލުގެ ގޮތުގައި ދިނުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަނިކޮށް ވަކިކުރި އަހުމަދު ޝާނީޒަށް ވެސް ބަދަލާއެކު ވަޒީފާ ދޭން މިިދިޔަ ހަފުތާގައި ހުކުމްކޮށްފައި ވެ އެވެ.

ކުރީގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންނަށް ބަދަލު ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.